މެމްބަރު ސައީދު ފުލުހުންގެ ދިފާއުގައި: ފުލުހުންގެ މުއައްސަސާއަކީ އެމްޑީޕީގެ ޑިޕާޓްމެންޓެއް ނޫން!

ފުލުހުންގެ މުއައްސަސާއަކީ އެމްޑީޕީގެ ޑިޕާޓްމެންޓެއް ނޫންކަން ފާހަގަކުރައްވައި ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ފުލުހުންގެ ދިފާއުގައި ތެދުވެވަޑައިގެންފިއެވެ.އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް ނުހައްގުން އިއްވާފައިވާ ޖަލު ހުކުމާއި ދެކޮޅަށް ލ.ފޮނަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ އަދުގެ ސަރުކާރަކީ ވަރަށް ބިރުވެރިކަންކަން ކުރާ ސަރުކާރެއްކަމަށެވެ. އޭނާ ވަނީ ފުލުހުންގެ އޮޕަރޭޝަނަށް "ނިމޭ ނަވާރަ" ކިޔޭނެކަމަށް ވިދާޅުވެފައެވެ.އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ބޭނުން ކުރި "އެޖެންޑާ 19" އިގެ ސްލޯގަނާއި މި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ނަމަކަށް ހަމަޖައްސާފައިވާ "ނިމޭ 19" އެއް ގޮތް ކަމެއް ހުރުމުން އެއީ އެމްޑީޕީގެ ފިކުރީ މުދަލެއް ކަމަށް ބުނެ އެޕާޓީއިން ވަނީ ފުލުހުންގެ އޮޕަރޭޝަނުގައި އެނަން ބޭނުން ކުރުން ހުއްޓާލަން ސިޓީއަކުން އަންގާފައެވެ.މިކަމާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވައި ސައީދު ވަނީ ފުލުހުން ރާއްޖޭގައި އޮޕަރޭޝަނެއް ހިންގާނީ ރައްޔިތުންނަށް ރަނގަޅަކަށް ކަން ހާމަކުރައްވާފައެވެ. އެހެން ކަމުން އެޖެންޑާ 19 ގައި އެމްޑީޕީ އުޅޭނެ ގޮތަކަށް އުޅެންވީ ކަމަށާއި ފުލުހުންގެ އޮޕަރޭޝަނާއި ބެހިގެން ނުވާނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ."އެޖެންޑާ 19، އެމްޑީޕީ އޮތްތަނެއްގައި ބާއްވާ. އެޖެންޑާ 19 ގައި އެމްޑީޕީ އުޅޭނެގޮތަކަށް އުޅެންވީ. ފުލުހުންގެ އޮޕަރޭޝަނަށް ޖާގަދޭންޖެހޭނެ. އެއީ އެމްޑީޕީގެ ޑިޕާޓްމެންޓެއް ނޫން" ސައީދު ވިދާޅުވިއެވެ.ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އަމާޒްކުރައްވައި ސައީދު ވިދާޅުވީ އެ މަގާމުގައި ހުންނަވާ ބޭފުޅަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސްފަރާތް ކަމަށާއި އެއީ އެމްޑީޕީގެ ޑީޕާޓްމެންޓެއްގެ ޖެނެރަލް މެނޭޖަރަކަށް ވެގެން ނުވާނެކަމަށެވެ."ޕޮލިސް ކޮމިޝަނަރަކީ ދިވެހިރާއްޖޭގެ ޝަރަފުވެރި ފުލުހުންގެ މުއައްސަސާގެ ވެރިމީހާ. އޭނާ ވެގެން ނުވާނެ އެމްޑީޕީގެ ޑިޕާޓްމެންޓެއްްގެ ޖެނެރަލް މެނޭޖަރަކަށް". ސައީދު ވިދާޅުވިއެވެ.މި ޖަލްސާގައި ސައީދު ވަނީ ފުލުހުންގެ އަގުހުރި ޚިދުމަތަކީ އަބަދުވެސް ޕީޕީއެމް ޕީއެންސީއިން އުފަލާއެކު ބަލައިގަންނަ ކަމެއް ކަން ފާހަގަކުރައްވައި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުން ކުރާ މަސައްކަތަށް ތައުރީފް ކުރައްވާފައެވެ.ނިމޭ 19ގެ ނަމުގައި ފުލުހުން އޮޕަރޭޝަނެއް ހިންގައިގެން ނުވާނެ ކަމަށް ވެރިކަން ކުރާ އެމްޑީޕީ އިން ބުނެފައި ވަނިކޮށް ފުލުހުން ވަނީ އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" އަށް މައުލޫމާތު ދެމުން އެއްވެސް އިރެއްގައި މި އޮޕަރޭޝަނަށް ކިޔަނީ "ނިމޭ 19" އެކޭ ބުނެފައިނުވާނެކަން ހާމަކޮށްފައެވެ. އަދި އެއީ ބައެއް މީޑިއާތަކުން ފުލުހުންގެ ނަން ބޭނުންކޮށްގެން ފަތުރާފައިވާ ވާހަކައެއް ކަމަށް ފުލުހުންނާއި ހަވާލާދީ ވަގުތު ނޫހުގައި ލިޔެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ