ރާއްޖެއަކީ ކުޑަ ޖަޒީރާ ގައުމެއް ނޫން، ބޮޑު ކަނޑުގެ ގައުމެއް: ނަޝީދު

ރާއްޖެއަކީ ކުޑަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމެއް ނޫން ކަމަށާއި އެއީ ބޮޑު ކަނޑުގެ ގައުމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި ބޭއްވި އެގައުމުގެ ފުރަތަމަ ބައިނަލްއަގްވާމީ ޑައިވް އެކްސްޕޯ، އެޑެކްސް ޑައިވް އެކްސްޕޯ ޝަރަފުވެރިކޮށްދެއްވައި، ތަގުރީރު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އެކްސްޕޯގައި ތަގުރީރު ކުރައްވަނީ ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން ނޫން ކަމަށާއި ޑައިވަރެއްގެ ހައިސިއްޔަތުން ކަމަށެވެ.
އަދި ދިވެހީންނަކީ ކަނޑާއި މޫދު ކައިރީގައި އުޅެ ބޮޑުވާ، "ކަނޑުގެ ދަރިން" ކަމަށާއި އެހެންކަމުން މޫދާއި ގޮނޑުދޮށާއި ކަނޑަކީ ދިވެހީންނާއި ގުޅިފައިވާ ތަންތަން ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ކަނޑުން ހޯދާ ނަފާއާ ގުޅިގެން ރާއްޖެއަކީ މެދު އާމްދަނީ ލިބޭ އިގްތިސާދެއް އޮންނަ ގައުމެއް ކަމަށެވެ.
"އެހެންވެ، ކަނޑަކީ ރީތި އަދި ދުޅަހެޔޮ ތަނެއްގެ ގޮތުގައި ދެމެހެއްޓުމަކީ ދިވެހީން ވަރަށް އަހައްމިއްޔަތުކަން ދޭ ކަމެއް" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ދުނިޔެއިން 800 ބާވަތެއްގެ މުރަކަ ފެނިފައިވާއިރު، ރާއްޖޭގައި ގާތްގަނޑަަކަށް 4،500 އަކަ ކިލޯމީޓަރުގެ ފަރުން އޭގެ 250 ބާވަތް ފެންނަ ކަމަށެވެ. ނަމަވެސް އުޑުތަކާއި ތަރިތައް ފަސޭހައިން ފެންނުނު ނަމަވެސް ކަނޑުއަޑީގެ ކަންކަން ބެލުމަކީ ފަސޭހަކަމެއް ނޫން ކަމުން، ފަރުތައް މަރުވާއިރު އެމަންޒަރެއް ޓީވީތަކުން ނުފެންނަ ކަމަށެވެ.
އެގޮތުން ފަރުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ރަށްތައް ނުރައްކަލުން ދިފާއު ކުުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަނީ ފަރުތައްކަމުން، ފަރުތަކާ ނުލައި ރަށްތައް ހަލާކުވާނެ ކަމަށެވެ.
އަދި ފަރުގެ އެންމެ މީޓަރެއް އިއާދަކުރަން ވެސް 750،000 ޑޮލަރު ހަރަދުވާއިރު، އޭގެ ބަދަލުގައި ފަރުތައް ރައްކާތެރިކޮށް، ސަލާމަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް ކުރިމަތިވެފައިވާ ގެއްލުންތަކުން ސަލާމަތްވެވިދާނެކަމާމެދު ރައީސް ނަޝީދު ހުންނެވީ ފޮނި އުއްމީދެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ދުނިޔެ ސަލާމަތް ކުރެވިދާނެ ކަަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ފަރުތަކަކީ މުހިންމު ތަނެއްގެ ގޮތުގައި އިންޑިއާއިންވެސް ދެކޭ ކަަމަށެެވެ. އެގޮތުން އެގައުމުގައި ބޮޑު އައްސޭރިއެއް އޮންނަ ކަމަށާއި، އެގައުމުގައި ހުންނަ ފަރުބަދަތަކަށްވުރެ، ފަރުތައް ގިނަކަން ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ކަނޑުގެ އަޑި ބެލުމަށް ޑައިވް ކުރާ އިންޑިއާ މީހުންވެސް އިތުރުވެފައިވާ ކަަމަށެވެ.
ތިމާވެށީގެ މައްސަލަތަކަކީ އިގްތިސާދީ މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ އެއީ އިންސާނީ ހައްގުތަކާ ގުޅިފައިވާ މައްސަލައެެއް އެކަނި ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.
އަދި ވިދާޅުވީ ސިޔާސީ ބޭފުޅުން ރައްޔިތުންނަށް ކަރަންޓާއި، ރަނގަޅު ދިރިއުޅުމެއް ދޭނެ ކަމަށް ވައުދުވެވަޑައިގަންނަވާއިރު، ތިމާވެށީގެ ރައްކާތެރިކަމަށްވެސް ވައުދުވެވަޑައިގަންނަވަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް އިންތިހާބުތަކުގައި އެ މަންޒަރު ފެނިގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ހުކުރު ދުވަހު ހެނދުނުން ފެށިގެން މިއަދުގެ ނިޔަަލަށް ކުރިއަށްދިޔަ ޑައިވް އެކްސްޕޯގައި ދުނިޔޭގެ ބޮޑެތި ޑައިވް ޑެސްޓިނޭޝަންތަކާ ޑައިވް ސްކޫލްތަކާ ރިސޯޓްތަކުގެ އިތުރުން ދުނިޔޭގެ މަޝްހޫރު ބޭފުޅުން ތަގުރީރު ކުރެއްވިއެވެ.
ޑައިވް އެކްސްޕޯގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފަރާތްތަކުގެ ތެރޭގައި ކެއިމޫ ހޮޓެލްސް އެންޑް ރިސޯޓްސް، ވިލާ ހޮޓެލްސް، ކޮކޫން މޯލްޑިވްސް، އަދާރަން ރިސޯޓްސް، ޔޫއެން މީ ބައި ކޮކޫން، ހެރިޓެންސް އާރަށް، އައްޑޫ ޑައިވް، ޕެބްލްސް އިން، މޯލްޑިވްސް ހޮލިޑޭ ކަލެކްޝަން ހިމެނެއެވެ. ހައިރައިޒްއަކީ މި އެކްސްޕޯގެ ޕާޓްނަރެއްގެ ގޮތުގައި ހިމެނޭ ހަމައެކަނި ރާއްޖޭގެ ކުންފުންޏެވެ.
މި އެކްސްޕޯގައި ރައީސް ނަޝީދުގެ އިތުރުން ރާއްޖޭގެ ޑައިވް އިންސްޓްރަކްޓަރުން ކަމުގައިވާ ޒޫނާ ނަސީމާއި ޝާހީނާ އަލީ ތަގުރީރު ކުރެއްވިއެވެ. އަދި ކަނޑުއަޑީގެ ފޮޓޯގްރާފަރު މުހައްމަދު ސީނީދާއި އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު ވެސް ވާހަކަ ދެއްކެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ