ޖާބިރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ދާއިރާގެ ދެ ރަށުގައި ހަވާ އަރުވަނީ

ނިމިދިޔަ މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް، އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރުގެ ކާމިޔާބު ފާހަގަ ކުރުމަށް ގާފަރާއި ކާށިދޫގައި ހަވާ އަރުވަން ނިންމައިފިއެވެ.
ޖާބިރުގެ ކެމްޕޭން ޕޭޖުގައި ބުނެފައި ވަނީ ކާށިދޫގައި ހަވާ އަރުވާނީ މިރޭ ކަމަށާއި، ގާފަރުގައި ހަވާ އަރުވާނީ މާދަމާ ރޭ ކަމަށެވެ.
ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ޖާބިރަށް ނާކާމިޔާބު ވި ނަމަވެސް، އަމިއްލަ ގޮތުން އެދާއިރާއަށް ވާދަކޮށް، ޖާބިރު ވަނީ ދާއިރާގެ ގޮނޑި ކާމިޔާބު ކޮށްދެއްވާފައެވެ. ޖާބިރު ވަނީ އެ ދާއިރާގައި މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓްތަކެއް ކުރިއަށް ގެންދާނެ ކަމުގެ ވައުދު އިންތިޚާބު ތެރޭގައި ވެވަޑައިގެންފައެވެ.
ޖާބިރު ވިދާޅުވީ މީގެ ކުރިން ވެސް ކާށިދޫ ދާއިރާއަށް ކަމެއް ކޮށްދެއްވުމަށް ވައުދުވެވަޑައިގެންފައި އޮތް ނަމަ އެކަމަށް ކޮށްދެއްވާފައިވާނެ ކަމަށެވެ.
"މިހާރު ވެސް އެ މަސައްކަތްތައް ދަނީ ހިނގަމުން ކާށިދޫގައި ވެސް އަދ ގާފަރުގައި ވެސް. ސިނާއީ މަސައްކަތްތަކާއި އަދި ޓުއަރިޒަމަށް ރަށްތައް ތަރައްގީ ކުރުން ދަނީ ބާރަށް ކުރިއަށް،" ޖާބިރު ވިދާޅުވިއެވެ.
ކާށިދޫ ދާއިރާގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއުތަކަށް މިސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.
"ދެން އެ ތަސައްވަރު ކުރަހާފައި އޮތް ގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް އޮގަނައިޒް ކުރަމުން މިހާރު މިދަނީ. މިއަދު އިކޮނަމިކް މިނިސްޓްރީއަށް އަޅުގަނޑު ސިޓީ މިހާރު މި ފޮނުވަނީ ކާށިދޫގައި އެއާޕޯޓް އެޅުމާއި އަދި ކާށިދޫ ފަޅުތެރޭގައި ރިސޯޓް އެޅުމަށް އިކޮނަމިކް ކައުންސިލަށް ހުށަހަޅައިދިނުމަށް އެދި،" ޖާބިރު ވިދާޅުވިއެވެ.
ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން އެޕްރޫވަލް ލިބުމާ އެކު މަޝްރޫއުތައް ފައްޓަވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ގެނެސް އެ މަސައްކަތްތައް ކާމިޔާބު ކުރުމުގެ ގާބިލްކަން އޭނާގެ ކިބައިގަ އެބަހުރި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ