އދގެ އެޓޮމިކް ހަކަތައާބެހޭ އިދާރާ، އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީގެ ވެރިޔާ ޔޫކިޔާ އަމާނޯ އަވަހާރަވެއްޖެއެވެ.
އޭނާ އަވަހާރަ ވިއިރު އުމުރުފުޅަކީ 72 އަހަރެވެ.
ޖަޕާނުގެ ރައްޔިތެއް ކަމަށްވާ ޔޫކިޔާ އަމާނޯ އަވަހާރަވެއްޖެކަން އިޢްލާން ކުރަމުން އައިއޭއީއޭއިން ބުނެފައިވަނީ، އެ އޭޖެންސީގެ ވެރިޔާ ހޯމަދުވަހު އަވަހާރަވީ މަގާމުން އިސްތިއުފާ ދެއްވާކަން ހޯމަދުވަހު އިޢްލާން ކުރެއްވުމަށް ތައްޔާރުވެފައި ވަނިކޮށް ކަމަށެވެ.
ޔޫކިޔާ އަމާނޯ އައިއޭއީއޭގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ، ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގަތުމުގެ ސަބަބުންނެވެ. އެ އާލާސްކަންފުޅުގެ ސަބަބުން ފާއިތުވެދިޔަ އަހަރުން ފެށިގެން ޔޫކިޔާ ޖިސްމާނީގޮތުން ވަރަށް ބޮޑަށް ބަލިކަށިވެވަޑައި ގެންފައިވެއެވެ. ނަމަވެސް އޭނާއަށް ޖެހިވަޑައިގެންނެވީ ކޮން އާލާސްކަންފުޅެއް ކަމެއް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.
އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ޔޫކިޔާ އަމާނޯ އައްޔަން ކުރެވުނީ 2009 ވަނަ އަހަރުއެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ މިސްރުގެ މުހަންމަދު އަލްބަރަދާއީއެވެ.
އައިއޭއީއޭގެ ވެރިޔާގެ މަގާމަށް ޔޫކިޔާ އަމާނޯ އައްޔަން ކުރެވުނު ދުވަސްވަރަކީ، އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައާއި، އުތުރު ކޮރެއާގެ މައްސަލާގައި ދުނިޔޭގައި ބޮޑެތި އަރާރުންތަކެއް ހިނގަމުންދިޔަ ދުވަސްވަރެވެ.
ޔޫކިޔާ އަމާނީ އަވަރާވިއިރު އޭނާ ގެންދެވީ، އދގެ އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލްކަން ހަތަރު އަހަރުގެ ދެދައުރު ފުރިހަމަ ކުރައްވައި އަދި ތިންވަނަ ދައުރު ފުރިހަމަ ކުރައްވަމުންނެވެ. އޭނާ މިހާރު ފުރިހަމަ ކުރައްވަމުން ގެންދަވާ ދައުރު ހަމަވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 30 ވަނަ ދުވަހު ނަމަވެސް، ސިއްހީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން އަންނަ އަހަރުގެ މާޗްމަހު މަގާމުން ވަކިވެވަޑައި ގަންނަވަން އޭނާ ގެންދެވީ ތައްޔާރުވެވަޑައި ގަންނަވަމުންނެވެ. އަދި އެކަން އިޢްލާން ކުރައްވަން ހަމަޖެހިފައި އޮތީ ހޯމަދުވަހު (އިއްޔެ) އެވެ.
ޑިރެކްޓަރ ޖެނެރަލް ޔޫކިޔާ އަމަނޯއަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން ފަރުވާ ހޯއްދަވަން ފަށްޓަވާފައިވާ ކަމަށް، އިންޓަރނޭޝަނަލް އެޓޮމިކް އެނާރޖީ އޭޖެންސީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ވަނީ ހާމަކޮށްފައެވެ. ނަމަވެސް، އައިއޭއީއޭގެ ސިޔާސަތުތައް އޮންނަގޮތުން އަމާނޯއަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅެއް ހާމަކޮށްފައެއް ނުވެއެވެ.
އެންމެނަށްވެސް ފާހަގަ ވަމުންދިޔަ ކަމަކީ، އާންމު ބައްދަލުވުންތަކުން ފެންނައިރު، އެއް ފަހަރަށްވުރެ އަނެއް ފަހަރު އޭނާގެ ހަށިކޮޅު ނިކަމެތިވަމުންދިޔަ މަންޒަރެވެ.
ޔޫކިޔާ އަމާނޯގެ ސިއްހީ ހާލުކޮޅު ގޯސްވެ، އޭނާ މަގާމުން އިސްތިއުފާ ދެއްވާނެކަން ކަށަވަރު ވުމާއެކު، އައިއޭއީއޭގެ ވެރިޔާގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ ވާދަވެރިކަންވެސް މިދިޔަ ހަފްތާއިން ފެށިގެންވަނީ ބޮޑުވެގެން ގޮސްފައެވެ.
އެގޮތުން، އާޖެންޓީނާއިން އައިއޭއީއޭއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ރަފައެލް ގްރޮސީއާއި، އެ އޭޖެންސީގެ ޗީފް ކޯޑިނޭޓަރ ރޫމޭނިއާގެ ކޯނެލް ފެރޫޓާއާއި، އަމާނޯގެ ޗީފް އޮފް ސްޓާފާއި އަދި އެހެން ބައެއް ބޭފުޅުންވެސް އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގެ ރޭހާ ގުޅިވަޑައި ގެންފައިވެއެވެ.
އދގެ އެޓޮމިކް ހަކަތައާބެހޭ އޭޖެންސީގެ ވެރިޔާ އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ