ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ސްޕްރީމް ކޯޓުން ބާތިލް ކުރަނީ!؟

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި، ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމާފައިވާ ނިންމުން އެ ކޯޓުން ބާތިލް ކުރަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމާފައިވާ ނިންމުން ސްޕްރީމް ކޯޓުން މިރޭގެ ވަގުތެއްގައި ބާތިލް ކުރާނެ ކަމަށް، އެ ކަމުގެ މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވެ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެއްވެސް ބޭފުޅަކު ނުދެއްވަ އެވެ.
ޖޭއެސްސީން މިއަދު ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތާ ހަވާލުވެގެން ހުންނެވި ހަސަން ޒަހީން ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރީ ރައީސް މުހައްމަދު ނަޝީދު އެ ކޮމިޝަނަށް ހުށަހެޅުއްވި މަސައްލައާ ގުޅިގެން ކަމަށެވެ.
ޒަހީން ވިދާޅުވީ ފަނޑުޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރި އިރު، އެ މައްސަލަ ފުލުހުން ވެސް ބަލަމުން އަންނަ ކަމަށެވެ. ފަނޑުޔާރު އަބްދުﷲ ދީދީ އާ ގުޅޭ ޖިނާއީ މައްސަލައެއް ފުލުހުން ބަލަމުން އަންނަ އިރު، އެފަދަ މައްސަލައެއް ޖޭއެސްސީ އަށް ހުށަހަޅައިފިނަމަ 48 ގަޑިއިރުގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެ ކަމަށް އެ ކޮމިޝަނުގެ ގާނޫނުގައި ބުނާ ކަމަށް ވެސް ޒަހީން ވިދާޅުވި އެވެ.
"[ފަނޑުޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ] މޯލްޑިވްސް ޕޮލިސް ސާވިސްގައި މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން، އެކަމާއި ގުޅިގެން ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން. އެއީ ކޮމިޝަނުގެ ގާނޫނުގަ އެބަ ބުނޭ 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަނުން ވާނޭ، ތަހުގީގީ އެއްވެސް އިދާރާ އަކުން މައްސަލައެއް ބަލަމުންދާ ކަމުގައި ވަންޏާ އެކަމާއި މެދު ގޮތެއް ނިންމަން،" ޒަހީން ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ޖޭއެސްސީ އަށް ހުށަހެޅީ، ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުން ޣާނިޔާ އަބްދުލް ޣަފޫރުގެ ނަމުގައި ނަމުގައި މެލޭޝިޔާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.
މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފައިސާ ޖަމާކޮށްފައިވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގައި 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ދުވަސްވަރު އެވެ. ނަޝީދަށް ޖަލު ހުކުމް އިއްވެވި ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ދީދީ އިންނެވި އެވެ.
އެކަމަކު ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ އެއީ ދޮގު ވާހަކައެއް ކަމަށާއި، ޖިނާއީ ތުހުމަތެއް ކުރެވޭނީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ކަމަށް ބުނެ، ބަޔާނެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ