ބަދަލުގެ ގޮތުގައި ހޭދަކުރާ ފައިސާ މިއަހަރު އެއް ބިލިއަނަށް އަރާނެ: މެމްބަރު ޝިޔާމް

އެކި ފަރާތްތަކުން ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތައް ބާތިލްކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ މިއަހަރު ހަރަދުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ނިސްބަތްވެވަޑައިގަންނަވާ ޝިޔާމް އެހެން ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ ފަރާތުން މިއަހަރުގެ ބަޖެޓަށް އިތުރު ކުރުމަށް ހުށަހެޅި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓުގެ ބަހުސްގައެވެ.
ޝިޔާމް ވިދާޅުވީ ސަރުކާރުން ދަނީ ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކެއް ހޭދަ ކުރަމުން ކަމަށާއި ޖުމްލަ އަދަދު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ މިއަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދުގެ ހަތަރު އިންސައްތަ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
"ބަދަލު ދެވިގެން މިގޮތަށް ހޭދަކުރާ ފައިސާ އަރާނެ ކަމަށް އަޅުގަނޑުމެން އަންދާޒާ މި ކުރަނީ އެއް ބިލިއަން ރުފިޔާ. ޓޯޓަލް 32 ބިލިއަން ރުފިޔާގެ ގާތްގަނޑަކަށް ހަތަރު ޕަސެންޓްގެ ވާހަކަ މިދައްކަނީ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ބަދަލުގެ ގޮތުގައި ކުންފުނިތަކަށް ދޭން ކަނޑައަޅާފައިވަނީ 50 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އަހަރުގެ މިހާތަނަށް 570 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަނެއްކާވެސް ބަދަލުގެ ގޮތުގައި އިތުރު އެތައް މިލިއަން ރުފިޔާއެއް ހަރަދުވާނެ ކަމުގެ ވާހަކަ އަޑު އިވޭކަމަށް ނައިފަރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅުނު ސަޕްލިމަންޓްރީ ބަޖެޓުގައި އެކަމަށް ވަކި އަދަދެއް ކަނޑައެޅިފައި ނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ ސަޕްލިމަންޓްރީ ބަޖެޓުގައި ކޮންޓިންޖެންސީގެ ގޮތުގައި 225 މިލިއަން ކަނޑައަޅާފައި ވާއިރު 2019 ގެ ބަޖެޓުގައި ކޮންޓެންޖެންސީގެ ގޮތުގައި ކަނޑައެޅި ފައިސާ، ބަދަލުގެ ގޮތުގައި "ދީ ހުސްކޮށްފި" ކަމަށެވެ. ކޮންޓިންޖެންސީން ބަދަލު ދެނީ ސަރުކާރުގެ އިސް ބޭފުޅުންގެ ގާތް ފަރާތްތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ޖެހުމުން ސަރުކާރުން ވަނީ ފައިސާ "ފިއްތާފަ" ކަމަށެވެ. ނަމަވެސް ސަރުކާރާއި ގާތް ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި ވަރަށް ހަލުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެފަދަ ކަންކަމުގައި އެޓާނީ ޖެނެރަލް އަމިއްލަ ފުޅަށް އިސްނަގައިގެން ފިނޭންސް މިނިސްޓަރާއި ގުޅިގެން ފައިސާ ހަރަދުކުރާ ކަމަށް ވެސް ޝިޔާމް ތުހުމަތު ކުރެއްވި އެވެ.
ޝިޔާމްގެ ވާހަކަތަކާ ގުޅިގެން ސަރުކާރުގެ ގިނަ މެމްބަރުންތަކެއް ވަނީ އޭނާއަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ބަދަލު ދޭން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބާތިލްކުރި އެއްބަސްވުންތަކެއްގެ ސަބަބުން ކަމަށް މެމްބަރުން ފާހަގަކުރެއްވި އެވެ.
ޝިޔާމަށް ފަހު ބަހުސްގައި ވާހަކަދެއްކެވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ކޯޓުން ހުކުމް ކޮށްފައިވާ މައްސަލަތަކުގައި ވެސް ސަރުކާރުން ބަދަލު ދީފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަތައް އަލުން ދިރާސާ ކުރުމަށްޓަކައި މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.
ރޮޒައިނާ ވަނީ ރައީސް ޔާމީންގެ ސަރުކާރުން ބައެއް އެއްބަސްވުންތައް ބާތިލް ކުރީ ގާނޫނާއި ހިލާފަށް ކަމަށް އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެއްބަސްވެފައި ވާތީ އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.
"ބަދަލު ދޭން ޖެހިގެން މިއުޅެނީ އާބިޓްރޭޝަން މައްސަލަތަކުގައި ބޭރު ގައުމުތަކުގައި މިބޭފުޅުން ހާވާފައިވާ ހަޑީގެ މައްސަލަތައް ސާފު ނުވެގެން. މިނިސްޓަރުން ވެސް ގޮސް ތަން ތަނުގައި ގަސްދުގައި ދޮގު ހަދާ، ގައުމުގެ އަގު ވައްޓާލާ، ގައުމަށް ގެއްލުންވާ ގޮތަށް އަމަލުކުރީމަ، މުއިއްޒުމެން ފަދަ ބޭފުޅުންގެ ގޭގެޔާ އެއްޗެހި ވެސް ނަގަންވީ،" ރޮޒައިނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅި ސަޕްލިމަންޓްރީ ބަޖެޓް މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން ފާސްކުރި އިރު އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ކޮމިޓީން ބަޖެޓާއި މެދު ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓް ދިނުމަށް ވެސް ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ