ޔާމީން މައްސަލައިގައި ހެކިބަސް ދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ލިބުނު – އަދީބު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާގައި ހެކިބަސް ދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ލިބުނު ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
އަދީބު މިހެން ވިދާޅުވީ މިއަދު ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުންނެވެ. ނަމަވެސް މަރުގެ އިންޒާރު ލިބުނީ ކޮން ފަރާތަކުން ކަމެއް އަދީބު ނުބުނެއެވެ.
މަރުގެ އިންޒާރު ލިބުނީ ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފިނަމަ ކަމެއް، ނުވަތަ ޔާމީން ސަލާމަތް ވެދާނެ ފަދަ ގޮތަކަށް ހެކިބަސް ދީފިނަމަ ކަމެއް ވެސް އަދީބު ވިދާޅެއް ނުވެއެވެ.
އަދީބު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވާތީ އަދީބާއި ބައްދަލުކޮށް، އިންޒާރުދެވޭ ފަދަ ހާލަތެއްގައި ތިބޭނީ ދައުލަތުގެ މުވައްޒަފުންކަން ކަށަވަރު ކުރެވެއެވެ.
އަދީބު ރޭ ވަނީ ފުލުހުންގެ ހެޑްކްއާޓަރުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ވަކީލުންނާއި ވެސް ބައްދަލުކޮށްފައެވެ.
އަދީބު މިއަދު ވިދާޅުވީ ޖަލުގައި މަރާލާނެ ކަމަށާއި، ކާއެއްޗެއްސަށް ވިހަ ލައިގެން ވެސް މަރާލާނެ ކަމުގެ އިންޒާރު ލިބިފައިވާ ކަމަށެވެ. އެކަންކަން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާ ކަމަށް ވެސް އަދީބު ވިދާޅުވިއެވެ.
ޔާމީންގެ މައްސަލައިގައި ހެކިބަސް ދީފިނަމަ މަރާލާނެ ކަމުގެ އިންޒާރު ލިބުނު ކަމަށް އަދީބު ވިދާޅުވިއިރު މިއީ އޭނާ މިފަދަ ވާހަކައެއް ދެއްކި ފުރަތަމަ ފަހަރެއް ނޫނެވެ. ދާދިފަހުން ޓަގް ބޯޓެއްގައި އިންޑިއާ އަށް ގޮސް އުޅެނިކޮށް އަތުލައިގަނެގެން ރާއްޖެ ގެނައުމުން ވެސް އަދީބު ވިދާޅުވީ ރާއްޖެ ދޫކޮށް ދިޔައީ ފުރާނައަށް ނުރައްކާ ވުމުން ކަމަށެވެ.
އޭގެ ކުރިން ޔާމީންގެ ވެރިކަމުގައި އެކި މައްސަލަތައް ސާބިތުވެ ޖަލު ޙުކުމްތައް އަންނަން ފެށުމުން ވެސް އަދީބު ވަނީ އޭނާ އަށް މަރުގެ އިންޒާރު ލިބެމުންދާ ކަމަށް އެކި ފަހަރުމަތިން ބުނެފައެވެ. ނަމަވެސް އެއްވެސް ފަހަރަކު އެކަމާއި ގުޅޭ ހެއްކެތް ނުދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ