ސ. ގަމާއި ހިތަދޫ އާ ދެމެދު 10ރ. އަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދުވާލަކު ހަތަރު ފަސް ފަހަރު މިދޭތެރޭގައި ދަތުރު ކުރެވޭނެ ފުރުސަތު އެމްޑީޕީ އިއްތިހާދުގެ ވެރިކަމެއްގައި ހަމަޖައްސައިދޭނެ ކަމަށް، އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު(އަންނި) ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ހިތަދޫ މުހިއްބުއްދީން ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވީ މިއަތޮޅުގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށް އަގުހެޔޮކޮށް ދަތުރު ކުރެވޭނެ ނިޒާމެއް ހަމަޖައްސައި ދިނުމަކީ ވަރަށް މުހިއްމު ކަމެއް ދީގެން ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެމްޑީޕީ އިއްތިހާދުގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށެވެ.
"ބަލިވެގެން ހޮސްޕިޓަލަށް ދާން ޖެހުނަސް ފަރުވާ އަށް ކުރަން ޖެހޭ ހަރަދަށް ވުރެ ބޮޑު އެއްޗެއް ޓެކްސީ އަށް އެބަ ހަރަދު ކުރަން ޖެހޭ. އެހެންވީމާ އަޅުގަނޑުމެން އެމްޑީޕީ އިއްތިހާދުގެ ވެރިކަމެއްގައި ގަމުން ހިތަދު އަށް 10ރ. އަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނަން،" އަންނި ވިދާޅުވި އެވެ. "އަދި މިދޭތެރޭގައި ދުވާލަކު ހަތަރު ފަސް ފަހަރު ދަތުރު ކުރެވޭނެ ފުރުސަތު ވެސް އަޅުގަނޑުމެން ހަމަޖައްސައިދޭނަން. އެކަން ކުރުމަށްޓަކައި މިއަތޮޅުގެ ގުޅިފައިވާ ހަތަރު ރަށުގެ މައި މަގުތައް ވެސް މިވަނީ ރަނގަޅު ފެންވަރަކަށް ހަދަން ޖެހިފައި. އަޅުގަނޑުމެންގެ ވެރިކަމެއްގެ ވަރަށް ކުރީކޮޅުގައި އެކަން ކުރާނަން."
މިހާރު އާންމު ގޮތެއްގައި ގަމުން ހިތަދު އަށް ކޮޅަކަށް ދަތުރެއްކޮށް ދެނީ 180ރ. އަށެވެ.
އަންނި އަދި ވިދާޅުވީ މިއަތޮޅު މީހުން ދިރިއުޅޭ ހަ ރަށުގެ ތެރެއިން ވަކިން އޮންނަ ހުޅުމީދު އާއި އެހެން ރަށްރަށާ ދޭތެރޭ ދުވާލަކު ތިން ފަހަރު ދަތުރު ކުރެވޭނެ ނިޒާމެއް ވެސް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ވެރިކަމެއްގައި އައްޑު އަތޮޅުވެގެން ދާނީ އިއްތިހާދުގެ ސަރުކާރުގައި ދެކުނު ތަމްސީލުކުރާ އަތޮޅު ކަމަށެވެ.
ރިޔާސީ އިންތިހާބު 2008: ސ. ގަމުން ހިތަދު އަށް 10ރ. އަށް ދަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނަން: އަންނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ