ކާށިދޫ ގޮނޑީގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ސުޕްރީމް ކޯޓުގައި
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ހިޔާލު ތަފާތުވެފައިވާތީ އެ ގޮނޑިއާމެދު ގޮތެއް ނިންމައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވުމަށް ޝެޑިއުލް ކޮށްފި އެވެ.އެ މައްސަލައަކީ ރިޔާސީ ކޮމިޝަނުގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު އަބްދުﷲ ހަސީން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ. ހަސީން ވިދާޅުވީ އިސްމާއިލް އަބްދުލްހަމީދު އެއް އަހަރާއި ހަ މަސް ދުވަހަށް އަރުވާލުމަށް ހުކުމް ކޮށްފައިވާތީ އޭނާގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ހިޔާލު ތަފާތުވެފައިވާ ކަމަށް އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވާނެ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ 74 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ހަސީން ވިދާޅުވި އެވެ.ހަސީން ހުށަހެޅުއްވި އެ މައްސަލައިގެ ތެރެއަށް ވަނުމަށް އިސްމާއިލް އަބްދުލްހަމީދުގެ ފަރާތުން ހުށަހަޅުއްވާނެ ކަމަށް އޭނާގެ ވަކީލަކު މިރޭ ވިދާޅުވި އެވެ. އަދި ސ. ހިތަދޫ، ލާމިގޭ މުސާ އަންވަރު ވެސް ވަނީ އެ މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހަޅައިފަ އެވެ.ހަމީދު އަރުވާލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް މިރޭ ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށް ހުކުމް ކޮށްފަ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރުގައި ބުނެފައި ވަނީ، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ ނަމަ، އެ މީހަކު މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި 47 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ކަމާމެދު ސުވާލު އުފެދިއްޖެ ނަމަ، އެ މައްސަލައެއް ބަލައި ގޮތެއް ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ