އަބްދުﷲ ގާޒީއާ ގުޅޭ ދެ މައްސަލައެއް އެމްޑީޕީން އުއްތަމަ ފަނޑިޔާރަށް ހުށަހަޅަނީ

ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުގައި ހުރި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ގުޅޭ ދެ މައްސަލައެއް ސްޕްރީމް ކޯޓުން ވަގުތުން ނިންމުމަށް އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިނަށް މިއަދު ހުށަހެޅުމަށް އެމްޑީޕީން ނިންމައިފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ މިއަދު ވިދާޅުވީ ޖުޑީޝަލް ސާވިސަސް ކޮމިޝަނުން އަބްދުﷲ ގާޒީގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ނިންމާފައި އޮއްވާ މަދަނީ ކޯޓުން ހުއްޓުވާފައި އޮތް މައްސަލަ މިއަދު އުއްތަމަފަނޑިޔާރަށް ހުށަހަޅުއްވާނެ ކަމަށެވެ. އެ މައްސަލަ އަކީ ގާނޫނު އަސާސީއާ ހިލާފަށް ހުއްޓުވާފައި އޮތް މައްސަލައަކަށް ވާތީ ސްޕްރީމް ކޯޓަށް ލިބިގެންވާ ބެލެނިވެރިކަމުގެ ބާރުގެ ދަށުން މަދަނީ ކޯޓުން އެ މައްސަލަ ނަގައި ސްޕްރީމް ކޯޓުން ނިންމަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަދި މިގޮތަށް ބައެއް މައްސަލަތަކުގައި ސްޕްރީމް ކޯޓުން ކަންކަން ކުރައްވާފައި އެބައޮތް. އަދި ވަކިން ހާއްސަކޮށް މިފަދަ ޚައްސާސް މައްސަލައެއްގައި، ވަކިން ހާއްސަކޮށް މުޅި ގައުމުގައި ހަމަނުޖެހުން އުފެދި އާއްމު ރައްޔިތުންގެ ހިތުގައި އަދާލަތާ ދޭތެރޭ ޝައްކު އުފެދިގެންދާއިރު އުއްތަމަ ފަނޑިޔާރު މިފަދަ ކަންކަން ލަސްކުރުމަކީ އަޅުގަނޑުމެން ހިތާމަކޮށް، ކަންބޮޑުވާކަމެއް،" އަލްހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ފުލުސް އޮފީހަށް ހާޒިރުވުމުގެ އަމުރެއް އެތަނުން ފޮނުވުމުން އެ ޗިޓަށް ހާޒިރުވާން ނުޖެހޭނެ ކަމުގެ އަމުރެއް ހައި ކޯޓުން ނެރެފައިވާތީ އެކަން ވެސް އުއްތަމަ ފަނޑިޔާރަށް ހުށަހަޅުއްވާނެ ކަމަށެވެ. އަބްދުﷲ ގާޒީ އަރިހުން މައުލޫމާތެއް ސާފުކޮށް، ސުވާލެއްކޮށްލަން އެދުމުން އެކަމުގެ ތެރެއަށް ވެސް އިހްތިސާސުން ބޭރުން ހައިކޯޓުން ވަދެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ދެ މައްސަލާގައި އުއްތަމަ ފަނޑިޔާރު އަރިހަށް ދާނަން. އަޅުގަނޑު ދެކޭ ގޮތުގައި މި މައްސަލަ ނިންމުމަކީ އުއްތަމަ ފަނޑިޔާރު އަމިއްލަ އަށް އިސްނަގައިގެން ކުރައްވަން ޖެހޭނެ ކަމެއް ކަމަށް،" އަލްހާން ވިދާޅުވި އެވެ.
މި ދެ މައްސަލާގައި އަލްހާންގެ ވަކީލެއްގެ ގޮތުން ވަޑައިގަންނަވާ އަހްމަދު އަފީފް ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު މައްސަލަތައް ނުހިންގާ ކަމަށާއި ހަމައެކަނި ކުރާ ކަމަކީ ބަންދުގެ މުއްދަތު އިތުރުކޮށްދިނުން ކަމަށެވެ. އެކަމާ ގުޅިގެން ޖިނާއީ ބޮޑެތި މައްސަލަތަކެއް ހުއްޓިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން އުއްތަމަ ފަނޑިޔާރު އެ މައްސަލަތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަލްހާން އިތުރަށް ވިދާޅުވީ އެ ދެ މައްސަލަ ހުށަހެޅުއްވުމަށް މިއަދު ހެނދުނު ވެސް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވަން އޭނާ ސްޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އޭނާ އާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރު ފަހުގެ ވަގުތެއް އުއްތަމަ ފަނޑިޔާރު ހަމަޖެއްސެވިއިރު، ގާނޫނީ ވަކީލް އާޒިމާ ޝަކުރާއި ޝާހީން ހަމީދު ފަދަ ބޭފުޅުންނާ ރޭގަނޑު ދަންވަރު އެޕޮއިންޓްމަންޓަކާ ނުލައި ވެސް އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވާ ކަމަށް އަލްހާން ތުހުމަތުކުރެއްވި އެވެ.
"ސިޔާސީ މަސްލަހަތު ހުރި ވަކި ބަޔަކާ ބައްދަލުކޮށް، ވަކި ފަރާތްތަކަކާ ބައްދަލުނުކޮށް އެއީ މާ މުހިއްމު ކަންތައްތަކެއް ނޫން ކަންތައްތަކެއްގެ ގޮތުގައި ދެކޭ ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭ. މިއީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް،" އަލްހާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ