ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނު އަސާސީ އާއި ގާނޫނީ އިމުގެ ބޭރުން ސިފައިން ހައްޔަރުކޮށްފައިވާ މައްސަލާގައި، ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު އެދިވަޑައިގެންނެވި ނަމަވެސް އެއީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުން އެ ކޮމިޝަންގެ ރައީސް މަރިޔަމް އަޒްރާ އިއްޔެ ވިދާޅުވީ، ޖިނާއީ ތަހުގީގެއް ހިންގިދާނެތޯ ބެލުމަށް ތަފާތު ފަސް ފަރާތެއްގެ ގާނޫނީ ލަފާ ހޯއްދެވި ކަމަށެވެ. އަދި އެ ކޮމިޝަނުން ބައިވެރިވެފައިވާ އޭޝިއާ ޕެސިފިކް ފޯރަމް (އޭޕީއެފް)ގެ ލަފާ ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
".... ލަފާދެއްވާފައި ވަނީ އަޅުގަނޑުމެންނަށް ކްރިމިނަލް އިންވެސްޓިގޭޝަނެއް މިކަމުގައި ނުހިންގޭނެ ކަމަށް. އަޅުގަނޑުމެންނަށް ހިންގޭނީ ހިއުމަން ރައިޓްސް ވައިލޭޝަން އިންވެސްޓިގޭޝަންސް ކަމަށް. އެހެންވީމަ އުސޫލެއްގެ ގޮތުން އަޅުގަނޑުމެން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އެހެން މައްސަލަތައް ވެސް ބަލަން ފަށާ ގޮތަށް މި މައްސަލަ ވެސް ބަލަން ފަށާފައިވާތީ، އެ ކަން އަޅުގަނޑުމެންނަށް އިތުރަކަށް ފުޅާކުރާކަށެއް ނުޖެހުނު. އެހެންވީމަ [އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ] ހިއުމަން ރައިޓްސް ވައިލޭޝަން އިންވެސްޓިގޭޝަން ހަމަ އެ ދުވަހުން ފެށިގެން ކުރިއަށްގެންދާ ވާހަކަ ދަންނަވާލަން،" އަޒްރާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެޗްއާރުސީއެމްގައި އެދިވަޑައިގަތުމަށް ފަހު ޕީޖީ މުއިއްޒު ވިދާޅުވެފައިވަނީ، އެ މައްސަލާގައި ދައުވާކުރައްވާނީ، އެ ތަހުގީގު ނިމުމުން ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ މައްސަލާގައި އެޗްއާރުސީއެމުން ޖިނާއީ ތަހުގީގެއް ނުކުރެވޭނެ ކަމަށް އަޒްރާ ވިދާޅުވެފައިވާތީ، ޕީޖީ މުއިއްޒު މިއަދު ވިދާޅުވީ މުހިންމީ ތަހުގީގަށް ކިޔާ ނަމެއް ނޫން ކަމަށެވެ. އަދި ކުށެއްގެ ތުހުމަތުގައި ހުންނަ މީހަކަށް ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ގެއްލިގެން ދާ ނަމަ ކޮންމެ ނަމެއް ކިޔާ ތަހުގީގެއް ވިޔަސް ދައުވާކުރެވޭނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.
"އެ ތަހުގީގަކަށް ކިޔަނީ ހިއުމަން ރައިޓްސް ވައިލޭޝަން އިންވެސްޓިގޭޝަންތޯ ނުވަތަ އެހެން ނަމެއްތޯ އެއީ އެހެން ކަމެއް. ކުށެއްގެ ތުހުމަތުގައި ހުންނަ މީހާ އަށް އެއްވެސް ހައްގެއް ގެއްލެންޏާ އެ މައްސަލާގައި ކުރިއަށްދެވޭނެ. މިހާރު ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކޮށްފައިވާ މައްސަލަތަކާ ގުޅިގެން އަޅުގަނޑުމެން އެކި ކަންތައްތަކުގައި އެބަ ދައުވާކުރަން. މިހާރު ވެސް ދަށު ކޯޓުން ނިމި ހައި ކޯޓުގެ މަރުހަލާގައިވާނެ ހިއުމަން ރައިޓްސް ކޮމިޝަނުން ތަހުގީގުކުރި މައްސަލައެއް،" ޕީޖީ މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހުގީގު އެޗްއާރުސީއެމުން ކޮށް ނިމުމުން ދައުވާކުރުން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެޗްއާރުސީއެމުން އިއްޔެ ބުނީ އެ ތަހުގީގު ނިމޭނެ ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
"އެކި ފަރާތްތަކުގެ އެއްބާރުލެއްވުމާއި އެކި ފަރާތްތަކުން އަޅުގަނޑުމެންނަށް ލިބެންޖެހޭ އެހީތެރިކަން ލިބުނު މިންވަރަކުން ވީހާ ވެސް އަވަހަކަށް ނިންމޭތޯ އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" އެޗްއާރުސީއެމްގެ ރައީސް އަޒްރާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ކޮމިޝަނުން ޖިނާއީ ތަހުގީގެއް ނުކުރެވޭނެ: އަޒްރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ