ލޯކަލް ކައުންސިލް އިންތިހާބަކީ ވެރިކަމުގެ ޗާޓު އަލުން ކުރަހައިދޭނެ އިންތިހާބެއް: މައުމޫން

އަންނަ މަހުގެ 5 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަކީ ވެރިކަމުގެ ޗާޓު އަލަށް ކުރަހައިދޭނެ އިންތިހާބެއް ކަމަށާއި އެއީ ގައުމީ، ސިޔާސީ އަދި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަށް ދާނެ މަގު ކޮށައިދޭނެ އިންތިހާބެއް ކަމަށް ކުރީގެ ރައީސް އަދި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޑީއާރުޕީ އަށް ކެމްޕޭން ކޮށްދެއްވުމަށް ފުވައްމުލަކަށް ވަޑައިގެން މިރޭ ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ އެ ސަބަބާ ހުރެ މި އިންތިހާބު ކާމިޔާބު ކުރުމަކީ ޑީއާރުޕީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް. ކަމަށާއި ރާއްޖޭގެ ރައްޔިތުން ވެސް ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއް ކަމަށެވެ.
"އެއީ ކީއްވެގެންތޯ؟ އެއީ ޑީއާރުޕީ އަކީ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭން މަސައްކަތް ކުރާ ޕާޓީއަކަށް ވާތީ. ދިވެހި ރައްޔިތުން އެންމެ ބޮޑަށް ގަބޫލުކުރާ އުސޫލުތަކަށް ހުރުމަތްތެރިކޮށް ހިތާ އެ އުސޫލުތައް ދެމެހެއްޓުމަށް އަދި ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ ޕާޓީއަށް ވާތީ،" މައުމޫން ވިދާޅުވި އެވެ.
ޑީއާރުޕީގެ ހުރިހާ މެމްބަރުން ވެސް އެކަތިގަނޑަކަށް ވުމަށް އެމަނިކުފާނު މިރޭ ވެސް ވަނީ ތަކުރާރުކޮށް ގޮވާލައްވައިފަ އެވެ.
"އަޅުގަނޑު އިލްތިމާސްކުރަން ހުރިހާ މެމްބަރުންނަށް އެއް ދުވަހެއްގައި އެއް އަޒުމެއްގައި މަސައްކަތްކޮށްދެއްވުމަށް. ޑީއާރުޕީ އަކީ އެންމެ ހަރުދަނާ އެންމެ ބާރުގަދަ އެންމެ އެއްބައިވަންތަ ޕާޓީކަން ދިވެހި ރައްޔިތުންނަށް ސާބިތުކޮށްދިނުމަށް،" މައުމޫން ވިދާޅުވި އެވެ. "ވަރުގަދަ އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ތިއްބަވައިގެން މި އިންތިހާބަށް ކުރިމަތިލައްވައިފި ނަމަ ޝައްކެއް ނެތް މާތްﷲގެ ވާގިފުޅާ އެކު ކާމިޔާބު ކުރެވޭނެ."
ލޯކަލް ކައުންސިލް އިންތިހާބުގެ ބައެއް ދާއިރާތަކުގައި ޑީއާރުޕީގެ ވޯޓު ބައިބައިވާ ގޮތަށް ކަންތައްތައް އެބަހިނގާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއީ އެއްގޮތަކަށް ވެސް ވެގެންވާނެ ގޮތެއް ނޫން. އަޅުގަނޑުމެންގެ ވޯޓު ބައިބައިވެގެން ހިނގައްޖިއްޔާ އަޅުގަނޑުމެންނަކަށް އެ ގޮނޑި ކާމިޔާބެއް ނުކުރެވޭނެ. މި ހަގީގަތް އަޅުގަނޑުމެންނަށް ވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ފެނިފައި. ބައެއް ދާއިރާތަކުގައި ޑީއާރުޕީގެ ރަސްމީ ކެންޑިޑޭޓުންގެ އިތުރުން ޑީއާރުޕީ އަށް ނިސްބަތްވެ ވެވަޑައިގަންނަވާ ބައެއް ބޭފުޅުން އަމިއްލަ ގޮތުން ކުރިމަތިލެއްވި. އެހެންވީމަ އެ ބޭފުޅުންގެ މެދުގައި ވޯޓުތައް ބެހިގެން ދިޔައީ. ކާމިޔާބުކުރީ އެމްޑީޕީ،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މި އިންތިހާބުގައި މިފަހަރު އެހެންވިޔަދީގެން ނުވާނެ ކަމަށާއި އެފަދަ މައްސަލަތައް ހުރި ދާއިރާތައް އެކަން ހައްލުކުރުމަށް ގޮވާލައްވާ ކަމަށެވެ.
"އަޅުގަނޑު އެދެނީ އެއްވެސް ދާއިރާއެއްގައި ޑީއާރުޕީގެ ވޯޓު ބައިބައިބައިވާ ގޮތަށް އޮވެއްޖެ ނަމަ އެކަން ހައްލުކުރެއްވުމަށް. މިކަމަކީ ގައުމަށް ޓަކައި އަޅުގަނޑުމެން ވާންޖެހޭ ގުރުބާނީއެއް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ