ޝަރީއަތަށް މައްސަލަ ހުށަހެޅީ ބަލިވެގެންނެއް ނޫން: ގާސިމް

ވޯޓު އޮޅުވާލި ކަމަށް ބުނެ ޖުމްހޫރީ ގުޅުމުގެ ފަރާތުން ޝަރީއަތަށް މައްސަލަ ހުށަހެޅީ ރައްޔިތުންގެ ހައްގު ހޯދައިދިނުމަށް ކަމަށާއި އެއްވެސް ކަހަލަ ވާދައިގެ ރޭހެއްގައި ބަލިވެގެން ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވީޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޝަރީއަތާ ހަމައަށް މައްސަލަ ހުށަހަޅަން ޖެހުނީ އިލެކްޝަންސް ކޮމިޝަނުން ވޯޓުލީ މީހުންގެ ލިސްޓް ހޯދުމަށް އެދުމުން ވެސް އެކަން ކޮށްނުދެއްވުމުން ރައްޔިތުންގެ ހައްގުގުގައި ކަމަށެވެ.
"އަޅުނގަޑުމެން ވަރަށް އާދޭސް ކުރީމު އިލެކްޝަންސް ކޮމިޝަންގައި އެ ލިސްޓު ދެއްވާށޭ، އެތާގެ ރައީސް އާއި ނައިބު ރައީސް އަށް ވެސް. އެގަވާއިދުގެ އޮންނަ ގޮތުން ޑިސައިޑް ކުރެވޭ ވޯޓު ގުނަންވެއްޖެއްޔާ ވޯޓު ގުނަން ވެސް. ނަމަވެސް އެބޭފުޅުން އެކަންކޮށްދެއްވޭނެ ގޮތެއް ނެތުނީމާ އަޅުނގަޑުމެން މުޅި ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި، ހިތްހަމަޖެހުން ލިބޭނީ އޮޅުންފިލައިގެން ދާގޮތެއްގެ މަތިން އެކަންކުރެވިގެން ދަންޔާ. މިއީ އެއްވެސް ގޮތެއްގައި ވާދައިގެ ރޭހެއްގައި ކުރި މަސައްކަތަކުން ބަލިވެގެން ކުރި ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ މިމަހު ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ކުދިކުދި ކަންތައް ހިނގާފައިވާ ނަމަ އެކަމަކާއި އަޅާނުލީސް ކަމަށާއި ނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކަންތައްތައް ކޮށްފައި ވަނީ ގާނޫނާ ހިލާފަށް، ރާވައިގެން ކަމަށެވެ.
"އިންސާނުންނަށް މިސްޓޭކް ހެދޭ. އެކަމަކު މިސްޓޭކަށް ވުރެ ބޮޑަށް މިކަން ގެންދެވިފައިވާ ގޮތަކީ ސިސްޓަމެޓިކްކޮށް ގާނޫނާ ހިލާފަށް ކަންތައްތަކެއް ކުރުމަށް ރޭވިފައި އޮތީ. އެހެން މިދެންނެވީ 30 އަހަރުކުރިން މަރުވެފަ ތިބި މީހުން މި ލިސްޓުގައި އެބަ ހުރި. 20 އަހަރުކުރިން މަރުވެފަ ތިބި މީހުން އެބަ ތިބި. އަދި އެހެންމެ ފަސް އަހަރު، 10 އަހަރު މިހެން ގޮސް އިހަކަށްދުވަހާ ހަމައަށް ޖެހެންދެން ތިބި މީހުން އެބަ ތިބި،" ގާސިމް ވިދާޅުވި އެވެ. "މީގެ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ވޯޓާސް ލިސްޓުގައި ނެތް އެތައް ބައިވަރު މީހުންނެއް، މަރުވެފައިތިބި މީހުންނެއް އަނެއްކާ އަނބުރާ އެބަހުރި މި ލިސްޓަށް އައިސްފައި،" ގާސިމް ވިދާޅުވި އެވެ.
މިކަމުގެ ސަބަބުން އަދުލު އިންސާފަކީ ގާއިމް ކުރެވެން ޖެހޭ، ރައްޔިތުންނަށް ހައްގުތަށް ލިބިދެވޭނެ އެއްޗެއް ކަމަށް ސާބިތު ކޮށްދެވިފައިވާ ކަމަށާއި އުސޫލުތަކުން ބޭރުވެގެން ދަންޔާ، މި ގައުމުގައި ހަމަޖެހުމެއް ނައިސް ރައްޔިތުންނަށް ނިކަމެތިކަން ލިބިގެންދާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ