ފެށޭ ހަފްތާ ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ
މިދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވެފައި ކުރިއަށް އޮތް ހަފްތާވެސް އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މޯޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ. މެޓް އޮފީހުން ބުނިގޮތުގައި މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން އުތުރުން ފެށިގެން މެދުރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭ ވެހުންވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ރާއްޖޭގެ ދެކުނު ފިޔަވާ އެހެން ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ މާދަމާ އުޑުމަތި ކޮންމެވެސް ވަރަކަށް ސާފުވި ނަމަވެސް ގިނަ ވަގުތު ބަނަކޮށް ހުރެ ވިއްސާރަވުން އެކަށީގެންވާ ކަމަށެވެ. އަދި ޖެހިގެން އަންނަ ހޯމަ އާއި އަންގާރަ އަދި ބުދަ ދުވަހުގައިވެސް އެކި ސަރަހައްދުކަށް ވިއްސާރަވުން އެކަށީގެންވާ ކަމަށާއި މޫސުން ރަނގަޅު ވާނެ ކަމަށް ލަފާކުރެވެނީ އަންނަ ބުރާސްފަތި ދުވަހުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ. ވައިޖެހޭނީ އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ