ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެ ސްކޫލް ބަންދުކޮށްފި އެވެ.
ގއ. އަތޮޅު ކައުންސިލް ރައީސް އަހުމަދު ފުއާދު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަތޮޅު ތައުލީމީ މަރުކަޒުގެ ގުރޭޑް 11ގެ ދަރިވަރެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެކުއްޖާ ފާއިތުވި ދުވަސްތަކުގައި ސްކޫލަށް ގޮސްފައިވާއިރު ގިނަ ދަރިވަރުންނާއި ޓީޗަރުންތަކަކާ ވެސް ކޮންޓެކްޓު ވެފައިވާތީ މިހާރު ސްކޫލު ބަންދުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ދާންދޫން އެރަށަށް ތައުލީމު ހާސިލްކުރަން ދިޔަ ކުއްޖެއް ކަމަށެވެ. އަދި އެކުއްޖާ ބައްޔަށް ޕޮޒިޓިވް ވެފައިވަނީ އެކުއްޖާ އާއި އެއް ގެއެއްގައި ދިރިއުޅުނު ދެއްވަދޫ ބައެއްގެ ފަރާތުން ކަމަށާއި އެ ކުއްޖާއާއެކު އެއްގެ އެއްގައި ދިރިއުޅޭ އިތުރު ދެ ކުއްޖަކު ވެސް ޕޮޒިޓިވް ވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެއްވަދޫގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުން އަންނައިރު، އެރަށުން މިހާތަނަށް 40 މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. ނަމަވެސް އެ ބަލި އެ ރަށުގައި ފެތުރެމުން އަންނަ ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ.
ފުއާދު ވިދާޅުވީ މި ދަރިވަރު ސްކޫލަށް ގޮސް ގިނަ އަދަދެއްގެ ކުދިންނާއި ބައްދަލުވެފައިވާތީ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދަރިވަރު ދިރިއުޅޭގެ މިހާރު ކަރަންޓީނު ކޮށްފައިވާއިރު އޭނާއާ ބައްދަލުވެފައިވާ ފަރާތެއްވާނަމަ އެކަން ކައުންސިލަށާއި ވިލިނގިލީ ކޮވިޑް ޓާސްކުފޯސްއަށް އެންގުމަށް ފުއާދު ވަނީ އެދިވަޑައިގެންފަ އެވެ.
ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ޕޮޒިޓިވް ވެ ސްކޫލް ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ