މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ހާއްސަ އިނާމު ކޮމެޓީގެ ކޯޗެއާ އަދި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އަބްދުލް މުހްސިން ވިދާޅުވީ މި އަހަރު ހާއްސަ އިނާމު ދެއްވަން ރައީސް ނިންމެވީ ހަތަރު ދާއިރާއަކުން ކަމަށެވެ. އޭގެ ތެރޭގައި މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ މީހުންނާއި ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތްތަކުން ނުވަތަ އެ ނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފް ހޯދާ ފަރާތްތައް ހިމެނެ އެވެ. އޭގެއިތުރުން މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާހިލާފު ކާމިޔާބީއެއް ހާސިލްކުރާ ފަރާތްތަކާއި ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފައްދާ ފަރާތްތަކަށް އިނާމު ދޭ ގޮތަށް ވެސް ހަމަޖައްސާފައިވާ ކަމަށް މުހްސިން ވިދާޅުވި އެވެ. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތް ކުރުން ނުވަތަ އުފެއްދުމުގެ ގިންތިން ހަތަރު ދާއިރާއަކުން އިނާމު ދޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ބަހުރުވަތަކުގެ އަދަބީ ބަސް ފޮތް ލިޔުމުގެ މުބާރާތާއި ވިޝުއަލް އާޓްސްގެ ދާއިރާ އިން، ރާއްޖޭގެ ތާރީހީ ހާދިސާތަކުގެ މައްޗަށް ލިއެފައިވާ ވާހަތައް އަސްލު ނުގެއްލޭ ގޮތަށް ކުރެހުމުން ހުށަހެޅުމާއި ދިވެހި ގައުމީ ތަރިކަ އާއި ދިވެހި ސަގާފަތް ދިރުވައި އާލާކުރުމުގެ ދާއިރާ އިން ކާބަފައިންގެ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ މިނިއޭޗަ އުފެއްދުމުގެ އިތުރުން ނެތެމުންދާ ދިވެހި މަސައްކަތްތެރިކަން ދިރުވައި އާލާކުރުމުގެ ދާއިރާ އިން ކުނަލާއި ކުނަލުން ތަކެތި އުފެއްދުމެވެ. ދިވެހި ބަހުގެ އެކަޑަމީން ބުނީ ދިވެހި ބަހުގެ ބަހުރުވަތަކުގެ އަދަބީ ބަސް ފޮތް ލިޔުމުގެ މުބާރާތް ކުރިއަށް ގެންދާނީ ދެ އުމުރުފުރުއަކަށެވެ. އެއީ 18-35 އާ ދެމެދުގެ އުމުރުފުރަ އާއި 35 އަހަރުން މައްޗަށެވެ. އެ މުބާރާތަށް ހުށަހަޅާ ފޮތުގައި މަދުވެގެން 25 އަދަބީ ބަސް ހިމަނަން ޖެހެ އެވެ. އަދި ފޮތް އެކުލަވާލާ ބަސްތައް ވާން ޖެހޭނީ ކޮންމެވެސް އަތޮޅެއްގެ ބަހުރުވައިގައި ބޭނުންކުރާ ބަސްތަކަކަށެވެ. އެ މުބާރާތް ކުރިއަށް ގެންދާ ގޮތުގެ ތަފްސީލް މިހާރު ވަނީ ސަރުކާރު ގެޒެޓްގައި އާއްމުކޮށްފަ އެވެ. މުބާރާތުން އެއް ވަނަ ހޯދާ ފަރާތަކަށް ރައީސްގެ ހާއްސަ އިނާމު އަދި އެއް ވަނަ އާއި ދެ ވަނަ އަދި ތިން ވަނަ އަށް ދިވެހި އެކަޑަމީން އިނާމު ދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ނެޝެނަލް ސެންޓަ ފޮ ދި އާޓްސް އިން ބުނިގޮތުގައި ވިޝުއަލް އާޓްސްގެ ދާއިރާ އިން އިނާމު ދޭނީ ރާއްޖޭގެ ތާރީހީ ހާދިސާތަކުގެ މައްޗަށް ލިއެފައިވާ ވާހަކަތައް އަސްލު ނުގެއްލޭ ގޮތަށް ކުރެހުމުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ ފަރާތަކަށެވެ. އެ އިނާމަށް ހުށަހަޅާ ކުރެހުންތައް ދައްކާލުމަށް "ކުރެހުންތެރިންގެ ދިވެހި ތާރީހް 2014" ނަމުގައި މައުރަޒެއް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ހެރިޓޭޖް ޑިޕާޓްމަންޓުން ބުނިގޮތުގައި މިނިއޭޗަ (އަސްލު އެތި ނުވަތަ ތަން ނަކަލުކޮށް، ކުދިކޮށް ހަދާފައިވާ ނަމޫނާ) އުފައްދާ ފަރާތްތަކުން ހުށަހަޅާ އުފެއްދުމަކީ މީގެ ކުރިން ސަރުކާރުން ނުވަތަ އެހެން ފަރާތަކުން ބޭއްވި މައުޒަރަކަށް ހުށަހަޅާފައިވާ އެއްޗަކަށް ވެގެން ނުވާނެ އެވެ. އަދި އިނާމަށް ހުށަހަޅާ އުފެއްދުމުގެ މިލްކުވެރިކަމަކީ އެ އުފެއްދުމެއް ހުށަހެޅި ފަރާތަށް ވާން ޖެހޭނެ ކަމަށް ވެސް ހެރިޓޭޖް ޑިޕާޓްމަންޓުން ބުންޏެވެ. ކުނަލުގެ އުފެއްދުންތަކުން އިނާމަށް ހުށަހަޅާއިރު ބަލާނީ ފަނާއި ފަތާއި ހައި ފަދަ ތަކެތި ބޭނުންކޮށްގެން ވިޔެފައި ނުވަތަ ގަތާފައި ހުންނަ އުފެއްދުންތައް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ