ކަރަންޓުގެ 30 ޕަސެންޓް އިއާދަ ކުރެވޭ ހަކަތައަށް ބަދަލު ކުރަނީ

ރަށްރަށުގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 ޕަސެންޓް، އިއާދަކުރެވޭ ހަކަތައިން ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަރަޔަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ. އިއްޔެ ނިއުޔޯކްގައި ބޭއްވި ކްލައިމެޓް ސަމިޓާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެންވަރަމެންޓް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 196 ރަށެއްގައި ދުވާލު ބޭނުން ކުރާ ކަރަންޓުގެ 30 ޕަސެންޓް، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިއާދަ ކުރެވޭ ހަކަތައިން ދޫކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ސޯލާ ޕެނަލްތައް ބަހައްޓައި، އިއާދަކުރެވޭ ހަކަތައިން ކަރަންޓު ދޫކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ގދ. ތިނަދޫގައި އަޅުގަނޑުމެން އެގޮތަށް މިހާރު ކަރަންޓު އެބަ ދޫކުރަން. ވަރަށް އަވަހަށް ދ. ކުޑަހުވަދު އާއި ރ. އުނގޫފާރާއި ކ. ދިއްފުށީގައި ވެސް ސޯލާ ޕެނަލްތަކުން ކަރަންޓު ދޫކުރާނަން. އަދި އިތުރު ފަސް ރަށެއްގައި ވެސް މި މަސައްކަތް އަންނަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަންނަ އަހަރު ފަހުކޮޅު ރާއްޖޭގައި ހަތަރު މެގަ ވޯޓުގެ ކަރަންޓު ދޭ ސޯލާ ޕެނަލް ބަހައްޓާނެ އެވެ. ތޯރިގް ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ހައްލު ކުރުމަށް ލޯކާބަން އެމިޝަން ޕޮލިސީއެއް ސަރުކާރުން މިހާރު ތައްޔާރު ކުރަމުން އަންނައިރު، ކުރިއަށް އޮތްތަނުގައި ސަރުކާރުގެ ހުރިހާ ޕްރޮޖެކްޓެއް ވެސް ހިންގާނީ މި ޕޮލިސީގެ ދަށުން ކަމަށެވެ. އަދި މިއީ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ ބޮޑު މަސައްކަތަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ދުނިޔެއިން އެންމެ މަދުން ޖައްވަށް ވިހަ ގޭސް ދޫކުރަނީ ރާއްޖެއިންނެވެ. އެކަމަކު ދުނިޔެ ހޫނުވުމާ އެކު ރާއްޖެ އަށް ކުރިމަތިވަމުންދާ ގެއްލުންތައް ބޮޑުކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ރަށް ގިރުމާއި ފެނަށް ޖެހުމުގެ މައްސަލަ ރާއްޖޭގައި ސީރިއަސް ވަމުން އަންނަ ކަމަށެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި 116 ރަށެއް ގިރަމުން އަންނައިރު އޭގެ ތެރެއިން 64 ރަށެއް ވަރަށް ބޮޑަށް ގިރާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. "އޭގެ ތެރޭގައި އެބަ ހިމެނޭ ކުރިއްސުރެ ގިރަމުން އަންނަ ރަށްތަކާއި އާ ރަށްތައް ވެސް. އެކަމަކު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ރަށް ގިރުމުގެ ސަބަބުން އެއްވެސް ރަށެއް ނާޒުކު ހާލަތަކަށް ދިޔަ ނުދިނުމަށް،" ތޯރިގް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށް، ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބައެއް ރަށްރަށުގައި ތޮށިލަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގައި ރާއްޖެއިން ބަލަހައްޓައިގެން ނުތިބޭނެ ކަމަށާއި އަމިއްލައަށް ނަމަވެސް އެ ކަންތައްތައް ހައްލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ