ދަށު ކޯޓުން އަޒްލިފް ގޭ ބަންދަށް ދޫކުރީ ރަނގަޅަށް: ހައި ކޯޓު
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒްލިފް ރައޫފް ފުލުހުންގެ ބަންދުގައި ހުއްޓާ ގޭ ބަންދަށް ބަދަލުކުރުމަށް އަމުރުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ. އަޒްލިފް ފުލުހުންގެ ބަންދުގައި ހުއްޓާ ގޭ ބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރީ އޭނާއާ އިތުރު ބައެއްގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެންނެވެ. އެ މައްސަލައިގައި އޭނާއާ އެކު ދައުވާލިބޭ އިތުރު ދެ މީހަކު ވެސް ޝަރީއަތް ނިމެންދެން ގޭ ބަންދަށް ބަދަލުކުރުމަށް ދަށު ކޯޓުން އަމުރުކޮށްފައިވެ އެވެ. އެހެންވުމުން އެ މައްސަލަ ދައުލަތުން އިސްތިއުނާފްކުރީ އެވެ. ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ކުށުގެ ތުހުމަތުގައިވާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ހަމައެކަނި މުޖްތަމައުގެ މަސްލަހަތަށް އެކަނި ނޫން ކަމަށާއި ތުހުމަތުގައިވާ މީހާގެ ހައްގުތަކަށް ވެސް ބަލަންޖެހޭނެ ކަމަށެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ހިމެނޭ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަންޖެހޭނީ އެކަމުގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ބަލައިގެން ކަމަށްވާއިރު އެކަންކަން އެނގޭނީ ލިބިފައިވާ ހެކިތަކާއި ގަރީނާތަކަށް ބަލައިގެން ކަމާއި އެ ނޫން ގޮތަކަށް އެކަން ނޭނގޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަންކަން އެންމެ ރަނގަޅަށް ބަލައި ވަޒަން ކުރެވޭނީ އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ކަމަށްވާއިރު އެއީ އެ ފަނޑިޔާރަށް ލިބިގެންވާ ތަގްދީރީ ބާރެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. ހުކުމުގައި އިތުރަށް ވަނީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ތަގްދީރީ ބާރުގެ ދަށުން ކަނޑައެޅޭ ކަންކަމަކީ އިސްތިއުނާފީ ކޯޓުން ރިވިއު ކުރެވޭނެ ކަންކަން ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އަޒްލިފް ގޭ ބަންދަށް ބަދަލުކުރީ އޭނާގެ މައްސަލަ ބަލާ ފަނޑިޔާރުކަމަށް ނުވި ނަމަވެސް އެގޮތަށް ނިންމީ އިސް ފަނޑިޔާރު ކަނޑައަޅާފައިވާ އެހެން ފަނޑިޔާރަކު ކަމަށްވާތީ އެ ނިންމުން ރަނގަޅު ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވެ އެވެ. ޓެރަރިޒަމްގެ އެ މައްސަލައިގައި އަޒްލިފްގެ އިތުރުން ދައުވާލިބޭ ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދާއި ސ. މީދޫ، އިރާކް މުހައްމަދު ހާމިދު ގޭ ބަންދަށް ބަދަލުކުރުމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ވެސް މިދިޔަ ބުރާސްފަތި ދުވަހު ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަޒްލިފާއި އެ ދެ މީހުންގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ މެމްބަރުކަން ވެސް ކުރެއްވި ގ. ރޭނިސް މުހައްމަދު ސަލީމާއި ގ. މޫންލައިޓްވިއު އަބްދުﷲ އުނައިސްގެ މައްޗަށް ވެސް ދައުލަތުން ޓެރަރިޒަމްގެ ދައުވާކުރެ އެވެ. އެ ފަސް މީހުންގެ މައްޗަށް އެ ދައުވާކުރަނީ ފައިސާތަކެއް ހޯދުމަށް މީހަކަށް ބިރު ދައްކައި، ސައިކަލެއް ފޭރިގަތް ކަމަށް ބުނެއެވެ. އަފްރާޝީމް މަރާލުމުގައި އަޒްލިފްގެ ބައިވެރިވުން އޮތް ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކުރަން ފުލުހުން ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އޮފީހަށް ފޮނުވި ނަމަވެސް އެ މައްސަލަ މިހާތަނަށް ކޯޓަށް ނުފޮނުވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ