ގއ.ވިލިގިލީގައި ގައުމީ ފެންވަރުގައި މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަ ކުރަމުންދާ އިރު އެރަށުގެ 10 މީހަކު ކޫއްޑޫގެ ވަޒީފައިން ވަކިކޮށްފައިވާތީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ހިތްހަމަ ނުޖެހިފައި ތިބި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ކައުންސިލުގެ ރައީސް ސައުދު ހުސައިން ވިދާޅުވީ ކޫއްޑޫގައި މަސައްކަތް ކުރަމުންދާ އެރަށުގެ ދިހަ މީހަކު ވަޒީފައިން ވަކި ކުރި މައްސަލާގައި އެރަށު މީހުން މާޔޫސްވެފައިވާ ކަމަށާއި އެމައްސަލަ ސުލްހަވެރިކޮށް ނިންމާދޭނެ ކަމަށް ސަރުކާރުގެ މައްޗަށް ބަރޯސާ ވެގެން ރައްޔިތުން ތިބި ކަމަށެވެ.
މަސްވެރިންގެ ދުވަހުގެ ހާއްސަ ހަރަކާތްތައް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު ރަށުގެ ރައްޔިތުންގެ ތެރެއިން ޒުވާނުންތަކެއްދަނީ ހިތްހަމަ ނުޖެހުން ފާޅުކޮށް އެރަށުގައި ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް އަޑު އުފުލާ ހިނގާލުން ބާއްވަމުންދާ ކަމަށް ސީއެންއެމަށް މައުލޫމާތު ލިބިފައިވެއެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް މާދަމާ ޓްރޭޑް ފެއާއެއް ހުޅުވާ އިރު މިމަހުގެ 13ގައި މަހާސިންތާއެއް ބޭއްވުމަށް ވެސްވަނީ ނިންމާފައެވެ. އަދި މާދަމާރޭ ރަސްމީ ޖަލްސާއަށް ފަހު ޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ވިލިގިލީ ކައުންސިލުން މައުލޫމާތުދެއެވެ.
މީގެ އިތުރުން މަސްވެރިންގެ ދުވަހާއި ދިމާކޮށް ހިންގުމަށް ނިންމާފައިވާ ބައެއް ކަންތައްތަކަށް ފަނޑު ދޭނެ ކަމަށް ކޫއްޑުއިން ބުނި ނަމަވެސް ފަނޑު ދީފައި ނުވާތީ އެކަންތައްތައް ހުއްޓިފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އެގޮތުން ރޭވި މަސްދަތުރުތަކެއް ކެންސަލްކޮށްފައިވާ އިރު ދުވަހައި ގުޅިގެން ކޫއްޑޫގައި ހެދުމަށް ނިންމާފައިވާ މޮނިއުމެންޓުގެ މަސައްކަތް ވެސް ފަނޑު ނުލިބިގެން ހުއްޓިފައިވާ ކަމަށް ވިލިގިލީ ކައުންސިލުން މައުލޫމާތުދެއެވެ.
ގއ. ވިލިގިލީ 10 މީހަކު ކޫއްޑޫގެ ވަޒީފައިން ވަކިކޮށްފައިވާތީ ރައްޔިތުން ނުރުހިފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ