ގަރާރުގައި ސުވާލު އުފެދިދާނެ ކަންކަން އެބަ ހުރި، އެކަމަކު ބަލަންވީ ޖުމްލަ ނަތީޖާއަށް: މެމްބަރު ނަޝީދު

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގައި ސުވާލު އުފެދިދާނެ ބައެއް ކަންކަން އެބަ ހުރި ކަމަށާއި ނަމަވެސް ބަލަން ޖެހޭނީ އޭގެ ޖުމްލަ ނަތީޖާ އަށް ކަމަށް، ޕީޕީއެމްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އަބްދުﷲ ޔާމީން، ކުރިއަށް އޮތް 30 ދުވަހަށް އިއްޔެ އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގަރާރުގެ ބަހުސްގައި ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެއް ނަޒަރަށް ވުރެ ގިނަ ނަޒަރުން ހާލަތާ މެދު ވިސްނަން ޖެހޭނެ ކަމަށެވެ. އަޅުގަނޑު ދަންނަވާނީ "މީގައި ޖުމްލަ ނަތީޖާއަށޭ ބަރޯސާވާނީ،" ފަރުދީ ހައްގުތައް އުނިވިޔަސް، މިހާރަށް ބަލާއިރު ކުއްލި ހާލަތުގެ ގަރާރަށް ތާއީދުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ. އޭނާ އެގޮތަށް ވިދާޅުވީ، ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ވައްދާއިރު، 14 ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ މާއްދާ ވެސް، ކުއްލި ހާލަތުގެ ގަރާރުގައި ހިމަނާފައި ވާތީ، އެމްޑީޕީގެ މެމްބަރުންގެ ފާޑުކިއުންތަކަށް ނިސްބަތްކުރައްވަ އެވެ. ގަރާރުގައި ބުނެފައި ވަނީ އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން ކުރިން ވަނީ 14 ދުވަހުގެ ނޯޓިސް ދީފަ އެވެ. އެކަމަކު ގަރާރާ އެކު އެ މުއްދަތު މިހާރު ހަތް ދުވަހަށް ކުރުވެ އެވެ. އެމްޑީޕީގެ މެމްބަރުން ވިދާޅުވި ގޮތުގައި ކުއްލި ހާލަތު އިއުލާންކުރާ އިރު ހިފެހެއްޓިދާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހައްގުތަކުގެ ތެރޭގައި 14 ދުވަހުގެ ނޯޓިސް ހިމެނޭ މާއްދާގެ ވާހަކައެއް ނޯވެ އެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަދަ، ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ވިދާޅުވީ އެ މާއްދާ ނުހިމެނޭނެ ކަމަށް ވެސް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ކުއްލި ހާލަތުގައި އޭގެ ބާރު ނުހިފެހެއްޓޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ މާއްދާތަކުގެ ތެރޭގައި، 14 ދުވަހުގެ ނޯޓިސްގެ މާއްދާ ނުހިމެނޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގަރާރަށް އޭނާ ތާއީދުކުރައްވަނީ ހަމައެކަނި މީޑިއާތަކުން ފަތުރާ މައުލޫމާތުތަކަށް ބައްލަވާފައެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރުގެ ހާލަތު އޮތް ގޮތް ގަބޫލުކުރެއްވޭ ފެންވަރަށް ރައީސް އަބްދުﷲ ޔާމީން މައުލޫމާތު ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަޅުގަނޑަށް "ގަބޫލުުކުރެވޭ ވަރަށް، ގައުމަށް ދިމާވެފައި ހުރި ކަންކަން ކިޔަައިދެއްވައިފި. ފަސްދޮޅަސް [މެމްބަރުންގެ] ޖަމާއަތެއްގައި ކިޔައިދޭން އަޅުގަނޑު ނޭދޭ ވަރަށް ކިޔައިދެއްވައިފި،" ސަރުކާރުގެ ކޯލިޝަންގެ މެމްބަރުންނާ އެކު ރައީސް ޔާމީން ބޭއްވެވި ދެ ބައްދަލުވުމަކަށް އިޝާރަތްކުރައްވައި، ނަޝީދު ވިދާޅުވި އެވެ، "އަޅުގަނޑު މިއަށް ތާއީދުކުރަނީ ހަމައެކަނި މީޑިއާގެ އިތުރުން ރައީސްގެ ދޫފުޅުން ވިދާޅުވި ކަންކަމުގެ މައްޗަށް." ކުއްލި ހާލަތުގެ ނުރައްކާ އިއުލާންކުރެއްވުމުން އެމްޑީޕީގެ މެމްބަރުން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި ވަނިކޮށް، ނަޝީދުގެ ފުރުސަތުގައި އޭނާ ވިދާޅުވީ ދުނިޔޭގެ އެއްވެސް ވެރިޔަކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ބޭނުންނުވާނެ ކަމަށެވެ. އެ ހާލަތު އިއުލާންކުރާ ވެރިންނަށް "މަޝްހޫރު ކަމެއް،" "ރައްޔިތުންގެ ލޯތްބެއް" އަދި "ތާއީދެއް ވެސް" ނުލިބޭނެކަން ރައީސް ޔާމީނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުއްލި ހާލަތު އިއުލާންކުރައްވާފައިވާ 30 ދުވަހަށް ވުރެ އަވަހަށް ވެސް އެކަން ހުއްޓާލަން އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ