ފާއިޒާއި މުއުތަސިމް ވަކިކުރި މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ވަކިކުރި މައްސަލަ ހައި ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލުން ކަމަށްވާ މުހައްމަދު ފައިސަލާއި ޝާހީން ހަމީދުގެ އިތުރުން ހަސަން މާޒް ޝަރީފެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ފާއިޒާއި މުއުތަސިމްގެ މަގާމް ވަނީ ގެއްލިފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރާ ގޮތަށް ގާނޫނަށް ގެނައި އިސްލާހަކީ މިނިވަން ޑިމޮކްރަސީތަކުގައި ގެންގުޅޭ އުސޫލްތަކާ ހިލާފު އަދި އަދުލު އިންސާފާ ވެސް ހިލާފު އިސްލާހުތަކެއް ކަމަށް ބުނެ، އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދިވަޑައިގެން ތިން ވަކީލުން ކުރިން ހައި ކޯޓަށް ވެސް މައްސަލަ ހުށަހެޅި އެވެ. އެކަމަކު ދެ ފަހަރު ހުށަހެޅުމުން ވެސް އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގެންފަ އެވެ. ވަކީލް ފައިސަލް ވިދާޅުވީ ސުޕްރީމް ކޯޓަށް މިއަދު މައްސަލަ ހުށަހެޅީ، ހައި ކޯޓުގެ ފަނޑިޔާރުންގެ ނިންމުން އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. "މައްސަލަ ދޫކޮށްލަން ބޭނުން ނުވާތީ، ގާނޫނީ ގޮތުން އޭގައި ގޯސްތަކެއް ހުރި ކަމަށް ގަބޫލުކުރެވޭތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިއެދުނީ އަޅުގަނޑުމެން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހްތިސާސް ހައި ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް،" ފައިސަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރި މައްސަލަ، އެ ކޯޓުން ބެލުމަކީ އެ ކޯޓުގެ މަސްލަހަތު ހިމެނޭނެ ކަމެކެވެ. އެހެންކަމުން އެ މައްސަލަ ބެލުމުގެ އައުލާކަން ބޮޑީ، ހައި ކޯޓުގައި ކަަމަށް ވަކީލުން ގަބޫލުކުރައްވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރުމަށާއި އެ އިސްލާހަށް އަމަލުކުރަން ފަށާތާ ތިން ދުވަހުގެ ތެރޭގައި، ސުޕްރީމް ކޯޓުން ވަކިކުރާނެ ދެ ފަނޑިޔާރުން ޖުޑިޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އެ އިސްލާހާ ގުޅިގެން ޖެހިގެން އައި ދުވަހު ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެކަމަކު އެގޮތަށް ކަނޑައެޅި ސަބަބެއް، އޭގެ ތަފުސީލުތަކެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. ޖޭއެސްސީގެ އެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓެއްގައި އެ ދެ ފަނޑިޔާރުން ވަކިކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރުގެ މަގާމަށް މިހާރު ވަނީ، އެ ކޯޓުގެ ފަނޑިޔާރު އަދި އިންތިގާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ