ވަކާލާތުކުރުމުގެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުން ކަމަށް ކަނޑައަޅައިފި
ބަންޑާރަ ނައިބުގެ އޮފީހުން ތަންފީޒުކުރަމުން އައި "ރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާއިދު" އަކީ ބާތިލް ގަވާއިދެއް ކަމަށް ކަނޑައަޅައި، މިއަދުން ފެށިގެން އެ ހުއްދަ ދޭނީ ސުޕްރީމް ކޯޓުން ކަމަށް އެ ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. ސުޕްރީމް ކޯޓުން ނެރުނު ރޫލިންގައި ބުނެފައިވަނީ އެ ގަވާއިދުގެ ދަށުން ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނަށް ހުއްދަދިނުން މިފަހަކަށް އައިސް، އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކުރާ ކަމެއްގެ ގޮތުގައި ހަމަޖެހިފައި އޮތް އޮތުން، ކޯޓުތަކުން ކުރާ ކަމެއްގެ ގޮތަށް ހަމަޖައްސައި އެ ހުއްދައަކީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް އެ ކޯޓުން ދޭ ހުއްދައެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުން އަލަށް އެކަށައަޅާފައިވާ "ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ގަވާއިދު" އަށް މިއަދުން ފެށިގެން އަމަލުކުރަމުން ގެންދާ ގޮތަށް ކަނޑައަޅާފައިވާ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ރޫލިންގައިވެ އެވެ. އެ ރޫލިންގައި ބުނެފައިވާ ގޮތުން ވަކާލާތުކުރުމުގެ ހުއްދަ ދިނުން ސުޕްރީމް ކޯޓުގެ ދަށަށް ގެނައީ ވަކާލާތުކުރުމުގެ ހުއްދަ ދިނުމާއި އެ ޕްރޮފެޝަނާ ގުޅޭ ކަންތައްތައް އެހެން ފަރާތަކުން އިންތިޒާމްކުރުމުގެ ސަބަބުން އަދުލު އިންސާފްގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުން ކަށަވަރުކުރުމަށާއި ކޯޓުތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ރައްކާތެރިކުރުމަށްޓަކައި ގާނޫނުއަސާސީން ކަނޑައަޅާފައިވާ ދުސްތޫރީ އުސޫލުތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ އެވެ. އޭގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ، ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިކަމުގެ ހައިސިއްޔަތުގެ މައްޗަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ފަސޭހަކަމާއެކު އަދުލު އިންސާފަށް ވާސިލުވުމާއި ދިވެހި ރައްޔިތުންގެ މެދުގައި އަދުލު އިންސާފު ފާއިމްވެފައި އޮތުމާއި އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުން ކަށަވަރުކުރުމަށްޓަކައި ކަމަށް ވެސް ރޫލިންގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ