ފެބްރުއަރީ މަހު ފޮނަދޫ ކަރަންޓް މައްސަލަ ހައްލުކުރެވޭނެ: ކައުންސިލް

ހައްދުންމަތީ ފޮނަދުއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ މިއަންނަ ފެބްރުއަރީ މަހުގައި ހައްލުކުރެވޭނެ ކަމަށް ފެނަކައިން އަންގާފައިވާ ކަމަށް ފޮނަދޫ ކައުންސިލުން ބުނެފި އެވެ.
ފޮނަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝަރީފު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެރަށަށް ގެންނަން ހަމަޖެހިފައިވާ 500 ކިލޯވޯޓުގެ ޖަނަރޭޓަރެއް މިމަހުގެ 25 ވަނަ ދުވަހު މާލެ ގެނެވޭނެ ކަމަށް ފެނަކަ ކުންފުނިން ބުނެފައިވާ ކަމަށެވެ.
އަދި މިޖަނަރޭޓަރު އެރަށަށް ގެންގޮސް ފެބްރުއަރީ މަހުގެ ނިޔަލަށް އެރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރެވިގެންދާނެ ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ފޮނަދޫ ކައުންސިލުން މިގޮތަށް މަޢުލޫމާތުދީފައިވާ އިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ފެނަކަ އިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފޮނަދުއަށް ކަރަންޓު ދިނުމަށް ބޭނުންވާ 500 ކިލޯ ވޯޓުގެ ޖެނެރޭޓަރު ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރ މުހަންމަދު ނިމާލު ވަނީ ވިދާޅުވެފައެވެ.
ފޮނަދުއަށް ކަރަންޓުގެ ޚިދުމަތް ރަގަޅަށް ނުލިބޭތާ އެއް އަހަރުވާން ކައިރިވެފައިވާ އިރު، ރަށުގައި ކަރަންޓު ނެތުމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އޭނާ ބުނީ ރޭވެސް ގިނަ ވަގުތުގައި ރަށުގައި ކަރަންޓު ނެތް ކަމަށެވެ.
އަދި މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފޮނަދޫގައި ފާހަގަ ކުރަމުންދާއިރު، އެރަށުގައި ދޭތެރެ ދޭތެރެއިން އެކި ހިސާބުތަކުން ކަރަންޓު ކެނޑުމާއި ގުޅިގެން ބޮޑެތި ދަތިތައް ވަމުންދާ ކަމަށް ރަށު ކައުންސިލުން ވެސް މަޢުލޫމާތުދެ އެވެ.
ފޮނަދޫ އިންޖީނުގެއާ ރަސްމީ ގޮތުން ފެނަކަ ކުންފުނިން ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ