އުމަރު ނަސީރު ރައީސް ވަހީދާއި ބައްދަލު ކުރައްވައިފި

އުމަރު ނަސީރު ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކާއި ބައްދަލު ކުރައްވައިފިއެވެ.
މިބައްދަލު ކުރެއްވުން އޮތީ ރައީސް ވަހީދު ދިރިއުޅުއްވާ ހިލާލީގޭގައި ރޭ ދަންވަރު 11 ޖަހާއެހާކަށްހާއިރުއެވެ. ގާތްގަނޑަކަށް ދޮޅު ގަޑިއެއްހާ އިރަށް ދިގު ދެމިގެން ދިޔަ ބައްދަލުވުމަށްފަހު ސީއެންއެމުން ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ "އަޅުގަނޑާއި ރައީސް ވަހީދާއި ވަރަށް ރައްޓެހިވާނެ" ކަމަށެވެ.
ރޭ ދަންވަރުގެ ވަގުތެއްގައި އުމަރު ނަސީރު ރައީސް ވަހީދާއި ބައްދަލު ކުރައްވާފައިވާ އިރު ޕީޕީއެމުން އުމަރާއި މެދު ފިޔަވަޅު އަޅާ މައްސަލަވަނީ ހޫނުވެފައެވެ.
އުމަރު ނަސީރަށް ތާއިދު އޮތްކަން ރައީސް ވަހީދަށް ތާއިދު ކުރަމުން ގެންދާ ގައުމީ ހަރަކާތުންވަނީ ހާމަކޮށްފައެވެ. އަދި އެހަރަކާތާއި ގުޅުމަށް އުމަރަށްވަނީ ދައުވަތު ވެސް ދީފައެވެ.
ޕީޕީއެމްގެ ޕްރައިމަރީއަށްފަހު އުމަރުވަނީ ޕްރައިމަރީގެ ތެރޭގައި އޮޅުވާލާ މަކަރު ހަދާފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީނަށް އުމަރުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ޔާމީން ގެންނަވާ ޓީމުގައި ކޮރަޕްޝަނާއި އެހެނިހެން ކުށްތަކަށް މަގުފަހިވާ ފަދަ ފަރާތްތައް ހިމެނޭ ނަމަ ތާއިދު ނުކުރައްވާނެ ކަމަށް ވެސް އުމަރުވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ