ލޯންޗްގައި ގޮއްވާލީ ބޮމެއް ނޫނެކޭ އެފްބީއައިއަކުން ނުބުނޭ: އުމަރު

ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުކުރެއްވި "ފިނިފެންމާ" ލޯންޗުގައި ގޮއްވާލާފައި ވަނީ ކަނޑައެޅިގެން ބޮމެއް ނޫން ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ނުބުނާ ކަމަށާއި އެ ރިޕޯޓާ ގުޅިގެން ވޯލްސްޓްރީޓް ޖާނަލްގައި އެ ހަބަރު ގެނެސްދީފައި ވަނީ ހަގީގަތާ ހިލާފަށް ކަމަށް ހޯމް މިނިސްޓަރު އަދި ލޯންޗްގައި ގޮއްވި މައްސަލަ ބަލާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. އެފްބީއައިގެ ތަރުޖަމާނަކާ ހަވާލާދީ ވޯލްސްޓްރީޓް ޖާނަލްގައި ބުނެފައި ވަނީ ލޯންޗުގައި ބޮމެއް ނުވަތަ އައިއީޑީއެއް ގޮއްވާލާފައިވާ ކަމަށް ބެލެވޭނެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. އަދި ތަރުޖަމާން ވިދާޅުވީ ހާދިސާ ހިނގި ތަން ބަލައި ކެމިކަލް ޓްރޭސިން ޓެސްޓް ހެދުމުން، ބޮމެއް ގޮވުމުން ހުންނަ ކަހަލަ އެތިކޮޅުތަކެއް ހުރި ކަމަށް ފުރަތަމަ ބެލެވުނު ކަމަށެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެއީ ލޯންޗުގެ އެތިކޮޅުތަކެއް ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެ އެވެ. އެ ވާހަކަތަކާ ގުޅިގެން އުމަރު "ހަވީރަ"ށް ވިދާޅުވީ އެފްބީއައިގެ ރިޕޯޓް އޭނާގެ އަތުގައި ވެސް އެބައޮތް ކަމަށާއި ވޯލްސްޓްރީޓް ޖާނަލްގައި ލިޔެފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. "އެފްބީއައި ރިޕޯޓުގައި ބުނެފައި ވަނީ ތިމަންނަމެންނަށް ކަނޑައެޅިގެން ޔަގީންކަމާ އެކުގައި، މިއީ ހަރުކޮށްފައި ހުރި ބޮމެއް ކަމަށް ބުނާވަރުގެ ހެއްކެއް ނުލިބުނޭ،" އުމަރު ވިދާޅުވި އެވެ. "އެފްބީއައިއިން ކޮންކްލޫސިވްކޮށް ބުނާނީ ލެބް ޓެސްޓްތަކުން ވަކި ގޮތަކަށް ފެނުނީމާ. އެމީހުން ނުބުނޭ ތިއީ ބޮމެއް ނޫނެކޭ. އެމީހުން ބުނެފައި ވަނީ ކަނޑައެޅިގެން ބޮމެކޭ ބުނާވަރުގެ އެެއްޗެއް ތިމަންނަމެންގެ އެގްޒާމިނަރުންނަށް ނުފެނުނޭ. އޭގެ ފަހަތުން [ރިޕޯޓުގައި] އެބަބުނޭ މީގައި [ލޯންޗްގައި[ ބޮމެއް ނެތޭ ނުބުނާނަމޭ. އެފްބީއައިއަކުން ރޫލް އައުޓެއް ނުކުރާނެ އެވަރަށް ބެކް ކުރާނެ އެއްޗެއް ނެތިއްޔާ." އުމަރު ވިދާޅުވި ގޮތުގައި ފޮރެންސިކް ޓެސްޓް ހެދުމަށްޓަކައި އެފްބީއައި އިން ގެންދިޔައީ 10 ސްވޮބެވެ. އޭގެ ތެރެއިން އެއްވެސް ސްވޮބަކުން އާރުޑީއެކްސް ނުފެނުނީ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ސައޫދީގެ ތަހުގީގު ޓީމުން ގެންދިޔަ ހަ ސްވޮބްގެ ތެރެއިން އެއް ސްވޮބުން އާރުޑީއެކްސް ފެނުނު ކަމަށް އުމަރު ވިދާޅުވި އެވެ. "އެކްސްޕްލޯސިވްއެއް ހިނގީމާ އެކްސްޕްލޯސިވްތައް ބުރައިގެން ދާނެ. އެ ބުރައިގެން ގޮސްފައި ހުންނާނެ ފާރުގަ އާއި ތަންތަނުގައި ޖެހިފައި. ޓެސްޓްކުރާ މީހުން މި ހަދާ ގޮތަކީ ކަފަކޮޅަށް ފެން ލައިގެން ގޮސް ފާރުގައި އެންމެ ހީވާ ތަންތަނުގައި ކާއްތާނީ. ދެން ބަލާނީ އެ ސްވޮބްގައި ހުރިތޯ ބުރައިގެން ގޮސް ނާދާ ހުންނަ އެތިކޮޅުތައް. އޭގެ ތެރެއިން އެއްވެސް އެކްސްޕްލޯސިވްއެއް ފެނޭތޯ ބަލާނީ. އެގޮތަށް އެމެރިކާ އަށް ނުފެނުނީ ނާދާ ހުރި އެތިކޮޅެއް،" ޓެސްޓް ހަދާ ގޮތުގެ ތަފުސީލް ދެއްވަމުން އުމަރު ވިދޅުވި އެވެ. ސައޫދީގެ ފޮރެންސިކް ރިޕޯޓުގައިވާ ގޮތުން އާރުޑީއެކްސް އަކީ ބާރުގަދަ އެކްސްޕްލޯސިވްއެއް ކަމަށްވާ ސީ4 ފަދަ ގޮވާތަކެތި އުފެއްދުމުގައި ވެސް މައިގަނޑު ގޮތެއްގައި ބޭނުންކުރާ އަސާސީ މާއްދާއެކެވެ. އުމަރު ވިދާޅުވީ ލޯންޗްގައި ގޮއްވާލާފައި ވަނީ ވަރަށް ވަރުގަދަ އެއްޗެއް ކަމަަށާއި ހުރިހާ އެކްސްޕްލޯސިވްއެއް އެހާ ފަސޭހައިން އަނދައިގެން ދިޔައީ އެހެންވެ ކަމަށެވެ. ލޯންޗްގައި ގޮވާ ވަގުތު ސިކުންތަކަށް ފެންނަ ފްލޭމްއަކީ އޭގެ ހެކި ކަމަށް އޭނާ ވިދާޅުވި އެވެ. "ލަންކާާގެ ޓީމުން ވެސް އަޅުގަނޑުމެންނަށް އެކަން ޔަގީންކޮށްދޭ. އެއީ ސިކުންތަކުން ގާތްގަނޑަކަށް ސަތޭކަބައިކުޅަ އެއްބައިގެ ފްލޭމެއް. އެ ފްލޭމްގަނޑުގެ ތެރޭގައި އަނދާލާނެ އެކްސްޕްލޯސިވްގެ ހުރިހާ މާއްދާތަކެއް. އެހެންވީމާ އެއްޗެއް ނުފެނުމުގެ އެއް މާނައަކީ ހައި އެކްސްޕްލޯސިވްއޭ ބޭނުންކޮށްފައި ހުރީއޭ. ވަރަށް ގިނައިން އެއްޗެހި ފެނުނު ނަމަ އޭގެ މާނަ އަކީ ވަރަށް ލޯ އެކްސްޕްލޯސިވްއޭ ބޭނުންކޮށްފައި ހުރީ،" އުމަރު ވިދާޅުވި އެވެ. ސައޫދީ އަރަބިއްޔާގެ ޓީމުން ބުނީ ބާރުގަދަ އެކްސްޕްލޯސިވްސް އެއް ކަމަށްވާ އާރްޑީއެކްސްގެ އަސަރު ލޯންޗުން ފެނިފައިވާ ކަމަށެވެ. ލޯންޗުގައި ގޮއްވާލާފައި ވަނީ އަމިއްލަ އަށް ހަދާފައިވާ ބޮމެއް ކަމަށް، ހާދިސާގެ ތަހުގީގަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން ބުނެފައިވެ އެވެ. އަދި ހާދިސާއާ ގުޅޭ ހެކި ނައްތާލަން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަން އެނގިފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެގޮތުން، ހާދިސާ އަށް ފަހު އެންމެ ފުރަތަމަ ލޯންޗަށް އެރި ސިފައިންގެ ތެރެއިން ދެ މީހަކު ވަނީ ހެކި ނައްތާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. ހަމަލާގެ ތުހުމަތަށް ނައިބު ރައީސް އަހްމަދު އަދީބާއި އެ މަނިކުފާނާ ގުޅުން ހުރި ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އަދީބަށް އިތުބާރު ނެތް ކަމަށް ފާސްކޮށް ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދީބު މިހާރު ވަނީ ޕީޕީއެމް އިން ވަކިކޮށްފަ އެވެ. ލޯންޗުގައި އެއްޗެއް ގޮވައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އާއި ރައީސްގެ ބޮޑީގާޑަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. ނަމަވެސް ރައީސަށް އެއްވެސް ޒަހަމެއް ލިބިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ