ކޯވިޑް-19 ގެ ބިރަށް ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުންވާއިރު އޭގެ ތެރޭގައި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން ހިމެނެ އެވެ.
އެ ފަރުވާތައް ހޯދަން ބޭރު ގައުމުތަކުގައި އެމީހުން ތިބީ ރާއްޖެއިން އެހިދުމަތްތައް ލިބެން ނެތުމުންނެވެ. މި ދަނޑިވަޅުގައި އެފަދަ ބައެއް މީހުން ރާއްޖެ އަންނަން ބޭނުންވެގެން ދެތިން މަހަށް ދިއުމުގެ ހުއްދަ އެ ގައުމުތަކުގައި އެމީހުންނަށް ފަރުވާދޭ ޑޮކްޓަރުން ދަނީ ދެމުންނެވެ.
މިކަމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ވިދާޅުވީ ބޮޑެތި ބަލިތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުންދާ މީހުން މި ދުވަސްވަރު ރާއްޖެ އައުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ އެމީހުން އެދޭނަމަ ސަރުކާރަށް ގެނެވިދާނެ ކަމަށާއި އެކަމަކު އަނބުރާ އެމީހުން ދާން އެ ގައުމުތަކުގެ ބޯޑަރު މި ދުވަސްވަރު ހުޅުވާ ނުދޭނެ ކަމަށެވެ.
އެހެންކަމުން އެ ގައުމުތަކަށް އަނބުރާ ނުދެވި އިތުރު ފަރުވާ ހުއްޓުމަކަށް އައުމަކީ ވެދާނެ ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެފަދަ ފަރާތްތަކަކީ އާއިލާ އާއި އެކު ހަމަޖެހިގެން ތިބެން ބޭނުންވާނެ މީހުންނަށް ވިޔަސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އަންނަ ހުރިހާ އެންމެން ކަރަންޓީން ކުރަން ޖެހޭ ކަމަށެވެ. އެ ނިންމުމާ އެއްގޮތަށް ކިތަންމެ ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހަކަށް ވިޔަސް ގެންދަން ޖެހޭނީ ކަރަންޓީން ފެސިލިޓީއަށް ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ލަންކާ އަދި އިންޑިއާގައި އާސަންދައިގެ ދަށުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ވަރަށް ބަލި މީހުން މިހާރު ކަރަންޓީން ފެސިލިޓީތަކުގައި އެބަ ތިބި ކަމަށެވެ. އެމީހުންނަށް ދޭން ޖެހޭ އެންމެ ރަނގަޅު ފަރުވާ ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާނެ ކަމަށާއި އެކަމަކު ރާއްޖެއިން ބޭރުން ހޯދަން ޖެހޭ މުހިންމު ފަރުވާ އެމީހުންނަށް ދެން ލިބުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
މިފަދަ ބަލި މީހުން ކަރަންޓީންގައި ބައިތިއްބަނީ ވީހާވެސް މާލެއާ ކައިރި ރިސޯޓުތަކުގައި އެވެ. އެފަދަ ބަލި މީހުންގެ ތެރޭގައި ޑަޔަލަސިސް ހަދަން ޖެހޭ މީހުންނާއި ކެންސަރު ބަލީގެ ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެއިން މިހާރު ބައްޔަށް ޕޮސިޓިވްވާ މީހުން ފެންނަމުންދަނީ ކަރަންޓީން ފެސިލިޓީތަކުން ކަމަށްވާތީ14 ދުވަސް ހަމަކޮށް ކޯވިޑް-19 އަށް ޓެސްޓު ކުރުމަށް ފަހު ނޫނީ އެއްވެސް މީހަކު މުޖުތަމައުއަށް ދޫކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިދަނޑިވަޅުގައި ރާއްޖެ އައުމަށް އިސްކަން ދޭންވީ އެ ގައުމުތަކުގައި ހާލުގައި ތިބި މީހުން ކަމަށެވެ. އެ ގައުމުތަކުގައި ދިރިއުޅޭ މީހުންނާއި ހުންނާނެ ތަނާއި ކެއުމާއި ބުއިން ފަދަ ކަންކަން ރަނގަޅަށް ހަމަޖެހިފައި ތިބި މީހުންނަށް އެންމެ ރައްކާތެރި ގޮތަކީ އެ ތިބި ގައުމެއްގެ ގޭގައި މަޑު ކުރުން ކަމަށް މަބްރޫކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ގައުމުތަކުގައި މަޑުކުރިޔަސް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ފުރިހަަމަ އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ. އެގޮތުން މިހާތަނަށް އާސަންދަ އާއި އެންސްޕާ މެދުވެރިކޮށް ބޭރުގައި ތިބި ދިވެހިންގެ ބޭސްފަރުވާ އާއި އެހެނިހެން ކަންކަމަށް1.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ބޭރުން އައިސް ކަރަންޓީންގައި ތިބި ފަސް ދިވެއްސަކު ވަނީ ކޯވިޑް-19 އަށް ޕޮސިޓިވް ވެފައި އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ރާއްޖެއިން ބޭރުން ދިވެހިން އައުން އިތުރުވާ ވަރަކަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާނެ ކަމަށެވެ.
ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ރާއްޖެ ނާދޭ، އަނބުރާ ދެވޭނެ ގޮތެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ