ސުޕްރީމް ކޯޓުގެ ބެންޗު ކުޑަ ކުރުމަށް މަޖިލީހަށް ވައްދާފައިވާ އިސްލާހަށް ތާއީދުކުރުން އެމްޑީޕީން ދެކޮޅު ހަދާއިރު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު އެއިސްލާހަށް ތާއިދު ކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ސްޕްރީމް ކޯޓުން އޭނާ އަށް އެތައް އަނިޔާއެއް ދީފައިވާ ކަމަށާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކުރައްވާނެ ކަމަށެވެ. އަދި އެއީ ކުރަންޖެހޭ ކަމެއް ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
އެއިސްލާހަކީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހަށް ހުށަހެޅި އިސްލާހެކެވެ. މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޕީޕީއެމްގެ ޕީޖީ ގުރޫޕޫގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެއީ ގައުމަށް ފައިދާ ހުރި އިސްލާހެއް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން އެ އިސްލާހަށް ޕީޕީއެމްގެ ހުރިހާ މެންބަރުން ތާއީދުކުރައްވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕްރޮގްރެސިވް ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް އެންމެހާ މެމްބަރުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ މަނިކުފާނު އެ ހުށަހެޅުއްވި ހުށަހެޅުމަށް ތާއިދުކުރާނެ،" ނިހާން ވިދާޅުވިއެވެ.
ނިހާންގެ ވާހަކައިގައި ވިދާޅުވީ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ކުރާ މަސައްކަތުގެ ހައްގު ޝުކުރު އެމްޑީޕީއަށް އަދާކުރަންޖެހޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހުކުރުމަށް އެމްޑީޕީން ކުރާ މަސައްކަތުގައި ޕީޕީއެމްގެ ބައިވެރިވުންވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕޫގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ އެ އިސްލާހަށް ތާއީދު ނުކުރަން އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓިން ނިންމާފައިވާތީ އެ މައްސަލާގައި އެމްޑީޕީގެ ނިންމުމަކީ ވެސް އެއީ ކަމަށެވެ.
މި އިސްލާހަށް ތާއިދު ނުކުރުމަށް ޖޭޕީންވެސް ވަނީ ނިންމާފައެވެ. އެގޮތުން ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރޫ ގާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވީ ޝަރީފް އިސްލާހަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެއީ ޖުމްހޫރީ ޕާޓީގެ ވެސް ނިންމުން ކަމަށެވެ. އަދި ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ޖުމްހޫރީ ޕާޓީންވެސް ބޭނުންވާ ކަމަށާއި ނަމަވެސް އެބޭފުޅުން ތާއީދުކުރައްވަނީ ގާނޫނީ ހަމައާއި އުސޫލުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފްގެ އެއިސްލާހަށް ތާއިދު ކުރުމާ ބެހޭ ގޮތުން އެމްޑީޕީއާއި ޖޭޕީ އެއްގަލަކަށް އެރި އިރު ސަރުކާރު ހިންގާ ޕީޕީއެމް އިން ވަނީ އެ އިސްލާހަށް ތާއިދު ކުރައްވާކަމަށް ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކޮށްލަން އެމްޑީޕީ ދެކޮޅު އިރު މޫސަ ތާއިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ