ރާއްޖެއަކީ ލޭއަޅާ ކުދިން ނެތް ގައުމަކަށް ހެދިދާނެ: ޑރ. އަހުމަދު އުމަރު

ރާއްޖޭގައި ލޭ އަޅާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރު ވީނަަމަވެސް ރާއްޖެއަކީ ލޭ އަޅާކުދިން ނެތް ގައުމަކަށް ނުވަތަ ރާއްޖޭގައި އެ އަދަދު ސުމަކަށް ހެދުމަކީ ނުވާނެ އަދި ނުކުރެވޭނެ ކަމެއްވެސް ނޫން ކަމަށް މޯލްޑިވްސް ބްލަޑް ސާވިސަސްގެ އެސޯސިއޭޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު ވިދާޅުވެއްޖެއެވެ.
ވީޓީވީގެ ފަސްމަންޒު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އުމަރު ވިދާޅުވީ ރާއްޖެ ފިޔަވާ މުޅި ދުނިޔޭގެ އާބާދީގެ ނިސްބަތުން ތެލެސީމިއާ ކެރިއަރުން ގިނަކޮށް އޮތީ އެންމެ ގައުމެއް ކަމަށާއި އެއީ ސައިޕްރަސް ކަމަށާއި އެ ގައުމުގައި ތެލެސީމިއާ އަދަދު ސުމަކަށް ގެނައިކަމަށެވެ. އެހެން ކަމުގައި ވަނީނަމަ ރާއްޖޭގައިވެސް ގެނެވޭނެ ކަމަށެވެ. ނަމަވެސް މިކަން ކުރުމަށްޓަކައި ރަނގަޅު ޕްރޮގްރާމެއް އަދި އާންމުންގެ ހޭލުންތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. އުމަރު ވިދާޅުވީ ތެލެސީމިއާގެ ގާނޫނު ބުނާ ގޮތުން ނަމަ އުމުރުން 12 އަހަރުވުމުން އެ ކުއްޖަކު ތެލެސީމިއާ އަށް ޓެސްޓުކުރުން މައިންބަފައިންގެ މައްޗަށް ލާޒިމުކުރެއެވެ. ނަމަވެސް ގާނޫނުގައި މިހެން އޮތް ނަމަވެސް މިކަން އެއްވެސް ބަޔަކު ނުކުރާކަން އުމަރު ފާހަގަކުރެއްވިއެވެ. އަދި ޓެސްޓު ކުރާނީ ކައިވެނި ކުރުމަށް ފޯމު ހުށަހަޅާއިރު ތެލެސީމިއާ ކާޑު ހުށަހަޅާން ޖެހޭތީ އެކަމުގެ ބޭނުމުގައި ކަންވެސް ޑރ. އުމަރު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިހާރު ދެ ކެރިއަރުންނަށް ކައިވެނި ކުރެވޭނީ ތެލެސީމިއާ ސެންޓަރުން ހިންގާ ހާއްސަ ޕްރޮގުރާމެއްގައި ބައިވެރިވެ، އެކަމުގެ ސެޓުފިކެޓެއް ކޯޓަށް ހުށަހެމުންނެވެ. އަދި ދަރިއެއް ހޯދުމުގައި ދެމަފިރިންވެސް ވިސްނަންވީ ކަންކަމާގުޅޭ ގޮތުން ހޭލުންތެރިވެ، މައުލޫމާތުތަކެއް ދެވޭ ކަމަށްވެސް ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ލޭ އަޅާ ކުދިންގެ އަދަދު މަދު ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކައިވެނި ކުރާ ދެ ކެރިއަރުންނަށް، ހޭލުންތެރިކުރުމުގެ ހާއްސަ ޕްރޮގުރާމެއްވެސް ކުރިއަށް ގެންދާ ކަމަށާއި އެ ޕްރޮގުރާމުގެ ނަތީޖާ ވަރަށް ރަނގަޅުކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އަދި މީގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ސްކޫލްތަކުން ކުރާ ކަމެއްގެ ގޮތުގައި، ގުރޭޑު އަށަކުން މަތީގެ ދަރިވަރުން ތެލެސީމިއާއަށް ޓެސްޓު ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ލޭ އަޅާ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވީނަމަވެސް މިއަދަދު ސުމަކަށް ހެދުމަކީ އުނދަގޫ އަދި ނުވާނެ ކަމެއް ނޫން ކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން ދެ ކެރިއަރުން ކައިވެނި ކުރި ނަމަވެސް މާބަނޑުވުމުން ހަދަން ޖެހޭ ޕްރިނޭޓަލް ޓެސްޓު ހެދުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
2016 ވަނަ އަހަރުން ފެށިގެން ތެލެސީމީއާ ބަލީގެ ކުދިންގެ އަދަދުތައް ދަށްވެފައި އޮތުމަށްފަހު ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން 2021 ވަނަ އަހަރު އަދަދުތައް އިތުރުވިކަން ޑރ. އުމަރު ފަހަގަކުރެއްވިއެވެ.
ރާއްޖޭގައި ތެލެސީމިއާ ބަލި ކުދިން އުފަންވާ ނިސްބަތާއި އެ ފުރުސަތު އޮތް ގޮތަށް ބަލާ ނަމަ، ސަރުކާރުގެ ސިޔާސަތަށް އިތުރުކުރަން ޖެހިފައި އޮތް އެއް ކަމަކީ ޕްރީނޭޓަލް ޑައިގްނޯސިސް ހެދުމުގެ އިންތިޒާމު ރާއްޖޭގައި ހަމަޖެއްސުން ކަމަށާއި އެކަމަކީ ރާއްޖޭގައި މިހާރު ނުވާނެ ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑރ. އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި ތެލިސީމިއާއަށް މިހާތަނަށް 900 އަށް ވުރެގިނަ ކުދިން ރެޖިސްޓްރީ ކޮށްފައިވާއިރު އޭގެތެރެއިން މިހާރު ދުނިޔޭގައި ތިބީ 630 ކުދިންނެވެ.
ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ މޭމަހުގެ 8 ވަނަ ދުވަހެވެ. މި ދުވަހުގެ މުނާސަބަތުގައި ތެލެސީމިއާ ސެންޓަރުގައި އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މިއަހަރުގެ ތެލެސީމީއާ ދުވަހުގެ ޝިއާރަކީ "Be aware share care" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ