ނިޒާމު ބަދަލުކުރަން ވޯޓު ނަގަން އެމްއާރްއެމްއާއި އަދާލަތުން އެއްބަސްވި: ރައީސް ނަޝީދު

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީ ނޫން އެހެން ޕާޓީތަކުން، ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން ތާއީދުކުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ނިޒާމު ބަދަލުކުރަން ބޭނުންވާ ކަން، އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދި ޕާޓީތަކާއެކު ހިއްސާކޮށްފައިވާނެ ކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު ނިކުންނެވީ އެމްޑީޕީގެ މެނިފެސްޓޯއާއެކު ނަމަވެސް ކޯލިޝަންގެ އެހެން ޕާޓީތަކުން ބޭނުންވާ ކަންކަން މެނިފެސްޓޯއަށް އިތުރުކޮށް، އެގޮތަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޯލިޝަން ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓި ފިޔަވައި އަދާލާތު ޕާޓީ އާއި އެމްއާރްއެމްއިން ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއިރު އެއްބަސްވެފައިވާ ކަމަށެވެ. "އަޅުގަނޑު ދެކޭ ގޮތުގައި އެޕާޓީތަކުގައި ވެސް މިކަމުގައި [ފެންނަ ނުފެންނަ އިންތިހާބު ބޭއްވުމަށް] އިންކާރު ކުރުމެއް ނުވާނެ. އަދި ހަމަކަށަވަރުން ވެސް އެމްޑީޕީގެ އިންކާރުކުރުމެއް، ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ގުޅޭ ގޮތަކުން ނުވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި ރައީސް ނަޝީދަށް ތާއީދު ކުރާ ބަޔަކު އަންނަނީ ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. އެ ޕެޓިޝަނުގައި އެމަނިކުފާނަށް ތާއީދު ކުރައްވާ އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ސޮއިކުރައްވާފައެވެ. ބަރުލަމާނީ ނިޒާމެއް ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ވާހަކަދައްކަވާފައެވެ. އެމަނިކުފާނު ވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގައެއް ނެތް ކަމަށާއި ރިޔާސީ ނިޒާމު ރައްޔިތުން ހޮވީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ