އަތޮޅުތެރޭގެ 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފި

ރާއްޖޭގައި ހިންގާ ސަރުކާރު ސްކޫލްތަކުގެ ތެރެއިން އަތޮޅުތެރޭގެ 12 ސްކޫލަކަށް ޕްރިންސިޕަލުން ހޯދަން އިއުލާން ކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި 12 ސްކޫލަކަށް ޕްރިންސިޕަލުން ބޭނުން ވެފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ މަގާމަށް އެދޭ ފަރާތްތަކުން ފުރިހަމަ ކޮށްފައިވާ ސިވިލް ސާވިސްގެ ވަޒީފާއަށް އެދޭ ފޯމާއި ތައުލީމީ ސެޓްފިކެޓާއި އައިޑީކާޑް ކޮޕީގެ އިތުރުން މަސައްކަތުގެ ތަޖުރިބާ ހުރިނަމަ އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ 13:30 ގެ ކުރިން އެ މިނިސްޓްރީ އަށް ކަމަށް އެޑިއުކޭޝަނުން ބުނެއެެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހަޅާނަމަ އެ މިނިސްޓްރީގެ އީމެއިލަށް ފޮނުވޭނެ ކަމަށް ވެސް އެޑީއުކޭޝަން އިން ބުނެއެވެ.
ޕްރިންސިޕަލުން ހޯދާ ސްކޫލަތަކަކީ، ހއ. ފިއްލަދޫ ސްކޫލް، ށ. ގޮއިދޫ ސްކޫލް، ހއ. ވަށަފަރު ސްކޫލް، ހއ. ބާރަށު ސްކޫލް، ހދ. ހިރިމަރަދޫ ސްކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، ރ. ފައިނު ސްކޫލް، ގއ. ކޮނޑޭ ސްކޫލް، ވާދޫ ޖަމާލުއްދީން ސްކޫލް، މ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ހދ. ނޭކުރަންދޫ ސްކޫލް އަދި ނ. މަގޫދޫ ސްކޫލެވެ.
އެޑިއުކޭޝަން އިން ބުނީ، މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެ ކަމަށެވެ.
އަދި މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އަދި އިންޓަވިއު އޮންނާނެ ތަން އިއުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަސްތެރޭގައި އަންގާނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ. އެހެންކަމުން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދޭ ކަމަށާއި އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅަން ޖެހޭނެ ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3341448 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ