މާލެ-ހުޅުމާލެ އިންޖީނުގެ އެއް ވިއުގައަކުން ގުޅާލައިފި، ހަކަތައިގެ ސިނާއަތް އާ ހަރުފަތަކަށް

މާލެ-ހުޅުމާލެ އިންޖީނުގެ ކާމިޔާބުކަމާއެކު އެއް ވިއުގައަކުން ގުޅާލައިފިއެވެ.
ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލޭ އިންޖީނުގެ މިހާރު ވަނީ ގްރޭޓާ މާލޭ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު ސިންކްރޮނައިޒް ކޮށްފައި ކަމަށެވެ. އަދި މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.
އެއާއެކު އެ ކުންފުނިން ވަނީ ހަކަތައިގެ ސިނާއަތުގެ އާއި ހަރުފަތެއް ގިރާކޮށްފައެވެ. އަދި އެ ގްރިޑާއެކު ސްޓެލްކޯއިން ދެމުން ގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ އެކަމުގެ ފައިދާތައް ރައްޔިތުންނަށްް ލިބެމުން ދާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.
މާލެ-ހުޅުމާލެ ކަރަންޓު ވިއުގަ އެނަޖައިޒް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށާފައި ވަނީ އިއްޔެއެވެ. އެގޮތުން އޮއްޔެ ކުރިއަށް ދިޔައީ ފުރަތަމަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތެވެ.
އަދި މި މަހުގެ 21 އާއި 22 ގައިވެސް އެ މަސައްކަތް ކުރާނެއެވެ. އެގޮތުން، 21 ވަނަ ދުވަހު ގްރޭޓާމާޅޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރަން ހަމަޖެހިފައި ވާއިރު، ވަނަ ދުވަހު ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތެވެ.
ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލެގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާކިޓްއިން ގުޅާލެވޭ މަޝްއޫއެކެވެ.
އަދި މި މަޝްއޫގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފަ އެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ