ގައުމީ ހިދުމަތަކީ، އުމަރު ޒާހިރުގެ ލޭފޮދު އަދި ވިންދު: ރައީސް

ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ އެއް ތަނބު ކަމަށާއި އަދި ގައުމީ ހިދުމަތަކީ، އެ މަނިކުފާނުގެ ލޭފޮދާއި ވިންދު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ރައީސް ވަނީ އުމަރު ޒާހިރުގެ ޒިކުރާ އާ ކުރައްވައި، އެ މަނިކުފާނުގެ ގައުމީ ހިދުމަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވަރަށް ތަފުސީލީ ގޮތެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ވިދާޅުވީ އުމަރު ޒާހިރަކީ ހަމައެކަނި ގައުމީ ހިދުމަތްތެރިއެއް ނޫން ކަމަށާއި އެ މަނިކުފާނަކީ ރާއްޖޭގެ މިޒަމާނުގެ އުމްރާނީ ތަރައްގީގެ ވެސް އެއް ތަނބު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތެދުވެރިކަމާއި އިހްލާސްތެރިކަމަކީ، އުމަރު ޒާހިރުގެ ތަބީއަތުގައިވާ އެންމެ ރިވެތި އެއް ސިފަ ކަމަށާއި އަދި މަޑުމައިތިރިކަމާއި ހިތްޕުޅުތިރިކަމާއި ހިކްމަތްތެރިކަމަކީ، އެ މަނިކުފާނުގެ މިޒާޖުފުޅާ ގުޅި ލާމެހިފައިވާ ކަންކަން ކަމަށެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގެ ތެރެއިން: ނައިބު ރައީސް ފައިސަލް ނަސީމް (ކ) އާއި މެޑަމް ފަޒްނާ (ވ) އަދި ރައީސުލްޖުމްހޫރިއްޔާ (ވ) -- ފޮޓޯ/ ރައީސް އޮފީސް "ކިތަންމެ ތައުރީފެއް ކުރިޔަސް، އެ މަނިކުފާނު މިއަދު އަޅުގަނޑުމެންގެ ތެރެއަކު ނެތް. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ފެންނަން ހުރީ ދިވެހި ގައުމިއްޔަތާއި، ދިވެހިންގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އެމަނިކުފާނު ދެއްކެވި ނަމޫނާތައް. ފެންނަން ހުރީ، އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ މަލަތައް،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާލުވީ ހުޅުލޭ ފަޅު ހިއްކައިގެން ބިނާކުރި ދިވެހިންގެ އެއާޕޯޓަކީ، އުމަރު ޒާހިރުގެ އަމަލީ ބައިވެރިވެވަޑައިގަތުން ހިމެނޭ، އަދި ދިވެހިންގެ ގައުމީ އެއްބައިވަންތަކަމާއި، ގައުމީ ރޫހާއި ޖޯޝް ވަރަށް ފުރިހަމައަށް އެކުލެވިގެން އުފެއްދި ގައުމީ ތަރިކައެއް ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ އަމީނީ މަގުގެ ދެކުނުން އޮތް ފަޅު ހިއްކައިގެން، މާލެ ބޮޑުކުރެއްވުމުގެ މަޝްރޫއު ފުރިހަމަކުރެއްވީ، ސީދާ އުމަރު ޒާހިރުގެ ބެއްލެވުމުގެ ދަށުން ކަމަށާއި އަދި މާލޭގެ އަޑިގުޑަން މަގުތަކުގައި، ގާ އަތުރައިގެން ރަނގަޅު ފެންވަރަކަށް ހެއްދެވީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. "މަރްހޫމް އުމަރު ޒާހިރާ މެދު މިއަދު އެންމެންވެސް ބުނާ އެއް ވާހަކައެއް އޮވޭ. އެއީ ހިތްޕުޅު ހެޔޮ، އަހްލާގު ރިވެތި، އަދި އިހްލާސްތެރިކަމުގެ ގޮތުން، މަދުން ނޫނީ ނުފެންނަވަރުގެ ބޭފުޅެކޭ. އެއީ ހަމަ ވަރަށް ބޮޑު ތެދުފުޅެއް. މިއަދު ރާއްޖޭގެ ތަފާތު ދާއިރާތަކުގެ އެންމެ މަތީ ފަންތީގައި ތިއްބެވި ބައެއް ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް ރައީސްގެ ވާހަކަފުޅުގައި ވަނީ އުމަރު ޒާހިރު ގެންގުޅުއްވި ރިވެތި އަހްލާގުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މަޖީދިއްޔާ ސުކޫލްގެ ނާޒިރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު، އުމަރު ޒާހިރު އެންމެ ބޮޑަށް އިސްކަން ދެއްވެވި ކަމަކީ، ރިވެތި އަހްލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުން ކަމަށެވެ. އަދި ވިދާޅުވީ ހަމައެކަނި ކިޔަވައިދީގެން މޮޅެތި ކުދިންނަށް ހެއްދެވީކީ ނޫން ކަމަށާއި އޭގެ ބަދަލުގައި ނާޒިރެއްގެ ގޮތުން އެމަނިކުފާނުގެ އެންމެ އިސް މަސައްކަތަކީ ވެސް ރިވެތި އަހްލާގުގެ މަތީގައި ދަރިވަރުން ތަރުބިއްޔަތު ކުރެއްވުން ކަމަށެވެ. ރައީސް ވިދާޅުވީ އުމަރު ޒާހިރުގެ އަމިއްލަ އަތްޕުޅުން ލިޔުއްވި ޑައިރީ ވިދާޅުވުމުގެ ނަސީބު ލިބިވަޑައިގެންނެވި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އުމަރު ޒާހިރުގެ ޒާތީ ދިރިއުޅުއްވުމުގައި، ކުރިމަތިވި ކަންތައްތަކުގެ ވާހަކަ ދުވަހުން ދުވަހަށް އެ ޑައިރީގައި ލިޔުއްވާފައި އެބައޮތް ކަމަށެވެ. އޭގެ އިތުރުން، ގައުމީ ފެންވަރުގައި ހިނގައިދިޔަ ކަންތައްތައްވެސް، ދުވަހުން ދުވަހަށް ލިޔުއްވާފައި އެބަހުރި ކަމަށާއި އަދި އެތައް އަހަރެއް ވަންދެން ލިޔުއްވި އެ ޑައިރީގެ ސަފްހާތަކުން މުޅިންވެސް ފެނުނީ އިބްރަތްތަކާއި ފިލާވަޅުތައް ކަމަށެވެ. ރައީސް ސިފަ ކުރެއްވީ އުމަރު ޒާހިރުގެ ޑަރީއަކީ ތާރީހީ މައުލޫމާތުން ފުރިފައިވާ ކަންޒެއްގެ ގޮތުގައެވެ. "އާދެ، މަރްހޫމް އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ މިފަދަ ކިތަންމެ ކުރިބޯށްޓެއް، ރާއްޖޭގެ މިޒަމާނުގެ މަލަމަތިން ފެންނަން އެބަހުރި. އަޅުގަނޑުމެން މިއަދު ދައްކަންވީ އެ ވާހަކަތައް އެކަންޏެއް ނޫން. މިއަދު އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެ މަނިކުފާނުގެ ގައުމީ ހިދުމަތުން ނަމޫނާ ލިބިގަތުން. ގައުމީ އެއްބައިވަންތަކަން ދެމެހެއްޓެވުމުގައި، އެ މަނިކުފާނު ގެންގުޅުއްވި ހިކްމަތްތެރި ސިޔާސަތުން އިބްރަތް ލިބިގަތުން،" ރައީސް ވިދާޅުވިއެވެ. އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ ދިވެހި ދައުލަތަށާއި، ދިވެހި ގައުމަށާއި، ދިވެހި ރައްޔިތުންނަށް އެ ކޮށްދެއްވި މަތިވެރި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، އުމަރު ޒާހިރުގެ ނަންފުޅަށް ނިސްބަތްވާ ބިނާއެއް ނުވަތަ ތަނެއް ހުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ