އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭ: ސަބްރާ

އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމުގައި ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖްގެ ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ. އެމަނާ މިހެން ވިދާޅުވީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ހިންގާ ނޫރާއްޖެ ޕްރޮގްރާމާއި ގުޅިގެން ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ސަބްރާ ވިދާޅުވީ ފާއިތުވި ދެ އަހަރު ތެރޭގައި ބޭރުގެ މަޝްރޫއު ތަކުގެ ތެރެއިން 26 ރަށުގައި ޖުމްލަ 2.86 މެގަވޮޓް ގެ ކަރަންޓު އުފެއްދޭ ވަރުގެ ސޯލާ ޕެނަލް ހަރުކުރެވިފައިވާ ކަމުގައި ވިދާޅުވިއެވެ. މިކަމުގެ ނަތީޖާ އެއްގެ ގޮތުން މިހާރު ޖައްވަށް ބޭރުވާ ކާބަންޑައިއޮކްސައިޑްގެ ތެރެއިން، އަހަރަކު ޖުމްލަ 72،178 ޓަނުގެ ކާބަންޑައިއޮކްސައިޑް މަދުކުރެވިފައިވާ ކަމަށާއި އިންޖީނުގެ ތަކުން ތެލަށް ކުރާ ހަރަދުން އަހަރަކު 147.8 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މޫސުމީ ބަދަލުތަކާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތް ތަކާއި ގުޅޭގޮތުން ސަބްރާ ވިދާޅުވީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމުގައިވާ ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނިގެން މިދިޔަ މަހުގެ އެކަކުން ފެށިގެން، އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ކުނި މެނޭޖްކުރާ ގަވައިދަށް ގެނެވުނު އިސްލާހާއިއެކު، ކުނި ބައިބަޔަށް ވަކިކުރެވި ފަނާވާ ޒާތުގެ ކުނި ރަށު ފެންވަރުގައި މެނޭޖް ކުރުމަށް ބާރުއެޅިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން، ކުނި ކޮށީގައި ކުނި އެންދުން ހުއްޓުމަކަށް ގެނެސް، ޖައްވަށް ދޫވާ ވިހަ ގޭސްތައް މަދުވެގެން ދާނެކަނެ ކަމުގައި ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ދިވެހި މަސްވެރިކަމުން ބާނާ މަހަށް ދުނިޔޭގެ ބާޒާރުގައި ހަމަ އަގު ހޯދުމުގެ އަޒުމުގައި މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް، އެކި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ސަރުކާރުން ވަކާލާތު ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ނޫރާއްޖެ ޕްރޮގްރާމްގެ ތެރެއިން، ނޫ އިގްތިސާދެއް ގާއިމު ކުރުމުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކުރިއަށް ގެންދެވި، ސައިންޓިފިކް ދިރާސާތަކާއި ކަމާ ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާގެ މަތިން، މެރިން ސްޕޭޝަލް ޕްލޭނެއް އެކުލަވާލައި ރާއްޖޭގެ ކަނޑާއި، ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުން ހިމާޔަތް ކުރެވޭނެ 20 އިންސައްތަ ފާހަގަ ކުރެވިގެންދާނެ ކަމުގައި އެކަމަނާ ވިދާޅުވިއެވެ. ސަބްރާ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ކަނޑު ތަކުގެ ވަސީލަތް ތަކުން ލިބޭ އިގްތިސާދީ ފައިދާ އާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުވެގެން ދިއުމުން އަންނާންއޮތް ޖީލްތަކަށް ރާއްޖޭގެ ގުދުރަތީ ތަރިކަ ފޯރުކޮށްދިނުމަށް ބާރުއެޅިގެން ދާނެ ކަމަށެވެ. މި ބައްދަލުވުމުގައި، ފިޝަރީޒް މިނިސްޓާ ޑރ. ހުސެއިން ރަޝީދު ހަސަން އާ އެންވަޔަރަންމަންޓް، މިނިސްޓްރީ އާ ޕްލޭނިން މިނިސްޓްރީ އާ ލޯކަލް ކައުންސިލްތައް ތަމްސީލުކުރާ ކައުންސިލަރުންނާއި އެލްޖީއޭ އަދި ނޫ ރާއްޖެ ޕްރޮގްރާމްގެ ފަރާތުން ބައިވެރި ވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ