ޙިޖާޒުގެ ޤާފިލާ 34

(10 ފެބުރުއަރީގެ އަދަދާ ގުޅޭ)
އެއްދުވަހެއްގެ ހެނދުނެވެ. ހުރުމުޒުގެ ގަނޑުވަރުގެ ތަނަވަސް ކޮޓަރިކޮޅެއްގައި އީރާނުގެ ބިންވެރީންގެ ކުރިޔަށް ތިއްބެވި ބޭފުޅުންނާއި ޢަސްކަރީ އޮފިސަރުން ހާޒިރުވެވަޑައިގެން ތިއްބެވިއެވެ. އެކޮޓަރިކޮޅުވަނީ ފަށުވި ފަރުދާތަކާއި އަގުބޮޑު ދޫލަތަކުން ޒީނަތްތެރި ކުރެވިފައެވެ. ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ސަމާލުކަން ހުއްޓިފައިވަނީ އެއްފަރާތެއްގައި ދެމުށެއްހައި އުސްމިނުގެ ސްޓޭޖެއްގެ މަތީގައިހުރި، ރަންރިހީން ޒީނަތްތެރި ކުރެވިފައިވާ ދާންކޮޅަކާ ދިމާޔަށެވެ.
އިސްކޮޅުން ބޮޑުމީހެއް އެދާންކޮޅުގެ ބިއްދޮށުން އެކޮޓަރިކޮޅަށް ވަދެއްޖެއެވެ. އޭނާގެ ހެދުމުގައި އަޖަމީންގެ ޝާހީ ބޭފުޅުންގެ ހެދުންކޮޅުގައި ހުންނަ ހުރިހައި ޒީނަތްތެރިކަމަކާއި ދެއްކުންތެރިކަމެއް އެކުލެވިފައިހުއްޓެވެ. ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުން ތެދުވެވަޑައިގެން އިޙްތިރާމުގެ ގޮތުން އިސްދަށަށް ޖައްސަވައިގެން ތިއްބެވިއެވެ. އޭނާ ދާންކޮޅުގައި އިށީނދެއްޖެއެވެ. ލޮންސި ހިފައިގެންތިބި ޙަބްޝީ އަޅުންގެ ދެމީހުން ދާންކޮޅުގެ ދެކޮޅުން ބިއްދޮށުގައި ހުއްޓި ތިއްބެވެ.
އެއީ ހުރުމުޒެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލެއްވުމަށްފަހު ސިފައިންގެ އޮފިސަރަކާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ޢަރަބީންގެ މީހަކު މިތަނަށް އައުމަކީ ހެނދުނު އިރުނާރަނީސް ތިޔަބައިމީހުން އަހަރެންގެ ގޭގެ ދޮރުގައި ޓަކިތަޅާން ފަށާހައި މުހިންމު ކަމެއްނޫނެވެ. ތިޔަބައިމީހުންނަށް އެނގޭނެ ފަދައިން މިދުވަސްކޮޅު އަހަރެން ސަމާލުކަންދެނީ ތަންކޮޅެއް ބޮޑެތި މައްސަލަތަކަށެވެ."
އޮފިސަރ ޖަވާބުދިނެވެ. "މާތް ސާހިބާއެވެ! އަޅުގަނޑަށް އަޅުގަނޑުގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އިޙުސާސް ނުވާނަމަ މަނިކުފާނުގެ ދޮރުކޮޅުގައި ޓަކިދިނުމުގެ ބަދަލުގައި އޭނާގެ ބޮލާއި ކަނދުރާ ވަކިކޮށްލީމުހެވެ."
ހުރުމުޒު ކޯފާއިސްކުރައްވައިފައި ވިދާޅުވިއެވެ. "އަދިވެސް އޭނާ ދުނިޔޭގައި އެބަހުރިހެއްޔެވެ؟"
"މާތް ސާހިބާއެވެ. އޭނާ ޤަތުލުކުރުމަށްޓަކައި މަނިކުފާނުގެ ވިދާޅުބަސްފުޅެއް ބޭނުންވާނެ ކަމުގައި އަޅުގަނޑަށް ޚިޔާލު ކުރެވުނީއެވެ. އޭނާ ގަދަހަދަނީ ސާހިބާގެ ފައިންޕުޅު ދެކޭންވެގެންނެވެ. އޭނާގެ ވާހަކައިން އަޅުގަނޑަށް ލަފާކުރެވުނުގޮތުގައި އޭނާއަކީ އާދައިގެ މީހެއް ނޫނެވެ. އޭނާ ބުނަނީ މުސްލިމުންގެ ކޮމާންޑަރުގެ އަރިހުން ވަރަށް މުހިންމު ޚަބަރެއް ގެނައިކަމަށެވެ. އޭނާ خــالــد بــن الـوليـد ގެ ސިޓީފުޅު އަޅުގަނޑުމެންނަށް ދައްކައިފައި އިންޒާރުކުރިއެވެ. މަނިކުފާނުގެ އަމުރުފުޅަކާ ނުލައެއް އަޅުގަނޑުމެންނަކަށެއް ސަފީރަކާ ދިމާޔަކަށް އަތްއުފުލައެއް ނުލެވޭނެއެވެ."
ހުރުމުޒު ގުގުރައިވަޑައިގެންފައި ސުވާލު ކުރެއްވިއެވެ. "ތިޔަބުނާ ސިޓީ ކޮބައިހެއްޔެވެ؟"
އޮފިސަރު ކުރިޔަށް ޖެހިލައިފައި خــالــد بــن الـوليـد ގެ ސިޓީފުޅު ހުރުމުޒުގެ އަތްޕުޅަށް އަރުވައިފިއެވެ.
ހުރުމުޒު އަވަސްއަވަހަށް ސިޓީ ކަނޑުއްވައިގެން ވިދާޅުވެއްޖެއެވެ. އޭނާގެ ހުރިހައި ހައިބަތެއް ކުއްލިޔަކަށް އޭނާގެ ލޯފުޅަށް ޖަމާވިކަހަލައެވެ. އޭނާ ހަޅޭފުޅު ލައްވައިގެންނެވިއެވެ. "އެޢަރަބިކަލޭގެ ހާޒިރުކުރާށެވެ!"
އޮފިސަރު ފަހަތަށް އެނބުރި ދޮރުމަތީގައި ތިބި ފާރަވެރީންނަށް އިޝާރާތްކޮށްލިއެވެ. އެބައިމީހުން އަވަސްއަވަހަށް ބޭރަށް ނުކުމެއްޖެއެވެ.
އިރުކޮޅެއްވާންދެން ހަމަހިމޭންކަން ވެރިވެފައި އޮތުމަށްފަހު ހާޒިރުވެ ތިއްބެވި ބޭފުޅުންނާ ދިމާޔަށް ހުރުމުޒު ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ޣާފިލުކަމާއި ފިނޑިކަމުން އަހަރެމެންނަށް ބިރުދައްކާން މިތަނަށް ސަފީރުން ފޮނުވާކަށްވެސް މިހާރަކު މުސްލިމުން ޖެހިލުމެއް ނުވެއެވެ."
ސިފައިންގެ އެހެން އޮފިސަރެއް ދެންނެވިއެވެ. "ސާހިބާއެވެ. މުސްލިމުންގެ ޖެހިލުންކުޑަކަމުގެ ސަބަބަކީ ބަޙުރައިނުގެ މަދުމީސްކޮޅެއް އެބޭފުޅުންގެ ސަރަޙައްދާ ދުރަށްނުލެއްވުނު ބިންވެރީންގެ ފަރުވާކުޑަކަމުގެ ނަތީޖާއެވެ. އެބޭފުޅުން ފިނޑިފުޅުކަމާއި ޣީރަތެއް ނެތްކަން ސާބިތުކޮށް ނުދެއްވިނަމަކަ އެ އޮރިޔާން ހާލުގައި ބަނޑަށްތިބޭ ސަހަރާގެ އަހުލުވެރީންނަކަށް އަޅުގަނޑުމެންނާ ދިމާޔަށް އިސްއުފުލައި ބަލައިލާކަށެއްވެސް ނުކެރުނީހެވެ. އެކަމަކު އަޅުގަނޑު މަނިކުފާނަށް ޔަޤީންކޮށް އަރުވަމެވެ. ދެން އެބައިމީހުން ކިތަންމެ ކުޑަތަންފުކެއް ކުރިޔަށްޖެހެން އުޅުނުކަމުގައިވިޔަސް އެބައިމީހުންނަށް ކޮންމެ ފިޔަވަޅެއްވެސް އެޅޭނީ ހަލާކާ ދިމާޔަށެވެ. އަޅުގަނޑުމެން ހަމައެކަނި އަޅުގަނޑުމެންގެ ސަރަޙައްދީ އަވަށްތައް ޙިމާޔަތްކުރާނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ މައްކާއާއި މަދީނާގެ ރަށްބޭރުގެ ފާރުތަކާ ހަމަޔަށް އެބައިމީހުން ފަހަމުން ދާނޫއެވެ."
"ކަލޭގެ خــالــد بــن الـوليـد ގެ ނަންފުޅު އަޑުއެހީމުހެއްޔެވެ؟" ހުރުމުޒު ފޫހިފުޅުކަމާއެކު އެ އޮފިސަރާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ސުވާލު ކުރެއްވިއެވެ.
"އާދޭހެވެ. ސާހިބާއެވެ. އޭނާއާ ބެހޭގޮތުން އަޅުގަނޑު ވަރަށްގިނަ ޚަބަރުތައް އަޑުއެހީމެވެ. ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި އޭނާގެ ކިބައިގައި ސިފައިންގެ މީހެއްގެ ވިސްނުންތެރިކަން ހުރިނަމަކަ އޮރިޔާން ޙާލުގައި ހައިހޫނުކަމުގައި ތިބި ޢަރަބީންނަށް އެބައިމީހުންގެ ސަހަރާގެ ސަރަޙައްދުން ބޭރަށް ނުކުންނާކަށް މަޝްވަރާއެއް ނުދިނީހެވެ."
ހުރުމުޒު ނުޤަބޫލުފުޅުވެ ވަޑައިގަތުމާއެކު ޖަވާބު ދެއްވިއެވެ. "މޮޔަޔާއެވެ! މިސިޓީގައި އޭނާ އަންގަވައިފައިވަނީ ތިޔަބުނާ ނުކައިނުބޮއި އޮރިޔާމުންތިބި ޢަރަބީން ދާދިއަވަހަށް މިތަނަށް އެބައަންނަ ވާހަކައެވެ."
އޫރުފާ (އައްރުހާ ގެ އިބްރާހީމް ޚަލީލު ﷲ މިސްކިތް ---
ޖަލްސާއަށް އިރުކޮޅެއްގެ ހަމަހިމޭންކަމެއް ވެރިވެއްޖެއެވެ. އަނެއްކާވެސް އީރާނުގެ ސަރުދާރެއް ވާހަކަދައްކާން ފެށިއެވެ. "ސާހިބާއެވެ! خــالــد ގެ ޙަރަކާތްތައްވެސް مثــنّـى ގެ ޙަރަކާތްތަކަކާ ތަފާތެއް ނުވާނެއެވެ. އެބައިމީހުން ސަރަޙައްދުގެ ބައެއް ދުރު އަވަށްއަވަށަށް އަރައި ލޫޓުވައި ފޭރިއުޅުމަށްފަހު ފިލައިގެން ހިނގައިދާނެއެވެ. ނަމަވެސް އަޅުގަނޑުމެންނާ ހަމަޔަށް އަންނާކަށެއް ނުކެރޭނެއެވެ."
"މިސިޓީއަކީ އޭނާގެ ކެރޭކަމުގެ ފުރަތަމަ ހެއްކެވެ. ޙަޤީޤަތުގައިވެސް މިސިޓީއަކީ خــالــد ގެ ސިޓީއެއްކަމުގައިވާނަމަ ތިޔަބައިމީހުންނަށް މާގިނަދުވަހަކު خــالــد އަށް އިންތިޒާރު ކުރާކަށެއް ނުޖެހޭނެއެވެ."
މުސްކުޅި އޮފިސަރެއް ވާހަކަ ދެއްކިއެވެ. "ސާހިބާއެވެ. އަޅުގަނޑުގެ އާދޭހަކީ خــالــد بــن الـوليـد ގެ ސަފީރާމެދު ނިޔާކަނޑައެޅުއްވުމުގައި މަނިކުފާނު މާބޮޑަށް އަވަސްވެވަޑައިނުގެންނެވުމެވެ. އޭނާ ޤަތުލު ކުރެވިއްޖެނަމަ މުސްލިމުންނާ ހަނގުރާމަ ނުކުރައްވައެއް މަނިކުފާނަކަށް ދެކޮޅެއް ނުޖެއްސެވޭނެއެވެ."
ހުރުމުޒު ޖަވާބު ދެއްވިއެވެ. "އަހަންނަކީވެސް މޮޔައެއް ނޫނެވެ. އެސަހަރާގެ މީހުން ހަނގުރާމަޔާ ދުރުގައި ބައިތިއްބޭނީ އަހަރެމެންގެ ބާރާމެދު އެބައިމީހުން ބިރުގަންނަވައިގެންކަން އަހަންނަށްވެސް އެނގެއެވެ. خــالــد ގެ ސަފީރު އެނބުރިގޮސް އެބައިމީހުންގެ އަމީރުގެ ބިރުގެންނެވުމުގެ ސިޓީއަށް އަހަރެމެން އެއްވެސް އަހަންމިއްޔަތެއް ދިންކަމަކަށެއް ނުބުނެވޭނެއެވެ. އަހަރެން އެދެނީ އޭނާ މިތަނަށް އައުމުން ތިޔަބައިމީހުންގެ މޫނުމަތިންވެސް ބިރުވެރިކަމުގެ ބަދަލުގައި ހިނިތުންވުން ފެނުމެވެ. އަހަރެމެންނަށް ކިސްރާގެ އެހީފުޅު ހޯދުމަކާ ނުލައިވެސް ސާޅީސްހާސް ޒުވާނުން މައިދާނަށް ނެރެވިދާނެއެވެ. ނަމަވެސް خــالــد ގެ ސަފީރަށް ވިސްނައިދެވޭތޯ އަހަރެމެން ބަލާންވީ މުސްލިމުން މިދިމާޔަށް އަތުވެއްޖެނަމަ އެބައިމީހުންގެ ކޮންމެ ފިޔަވަޅެއްގެ ކުރިމަތީގައި އަހަރެމެން އިންސާނީ ފާރެއްލާނެކަމެވެ."
ބަރަހަނާ ކަނޑިތަކެއްގެ ފާރަވެރިކަމުގައި حسّان ހުރުމުޒުގެ އަރިހަށް ގެނެވިއްޖެއެވެ. އޭނާ ހުރުމުޒުގެ މަސަންދުގެ ކުރިމަތީގައި މަތިހަށި ނަންގަވައިގެން ހުއްޓިވަޑައިގެންފިއެވެ.
ހުރުމުޒު އޭނާގެ އިސްތަށިފުޅުން ފެށިގެން ފައިތިލަފުޅާ ހަމަޔަށް ބައްލަވައިލެއްވުމަށްފަހު ހަމަޖެހިވަޑައިގަތުމުގެ ނޭވާފުޅެއް ލައްވައިފައި ވިދާޅުވިއެވެ. "ކަލޭގެ ވަގަކު އަންނަހެން މިތަނަށް ނައިނަމަކަ މިގަނޑުވަރުގެ ދޮރާށީގައި ޓަކިދިނުމުގެ ފުރުޞަތެއް ނުލިބުނީހެވެ. ކަލެޔަށް އޮތްއަދަބަކީ މަރެވެ."
حسّان ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މަރުދެކެ ބިރުގަންނަ ނަމަކަ خــالــد بــن الـوليـد ގެ ސިޓީފުޅު މަނިކުފާނުގެ އަރިހަށް ރައްދުކުރުމުގެ ޒިންމާއަކާ ޙަވާލެއް ނުވީމުހެވެ."
ހުރުމުޒު ވިދާޅުވިއެވެ. "ތިޔަބައިމީހުން ހީކުރަނީ އަހަރެމެން ތިޔަބައިމީހުންގެ ބާރާމެދު ބިރުން ތިޔަބައިމީހުންގެ ދީން ޤަބޫލުކޮށްފާނެކަމަށް ހެއްޔެވެ؟"
حسّان ޖަވާބުދެއްވިއެވެ. "އަޅުގަނޑުމެންގެ މަޤްޞަދަކީ މަނިކުފާނު ބިރުފުޅުގެންނެވުމެއް ނޫނެވެ. މަނިކުފާނަށް ސަލާމަތުގެ މަގުދެއްކުމެވެ. ނަމަވެސް އަޅުގަނޑު މަނިކުފާނަކާ ބަޙުޘެއް ނުކުރާނަމެވެ. އަޅުގަނޑު މިތަނަށް މިއައީ މަނިކުފާނުގެ ހިސާބުތައް ހަމަޖެއްސުމުގެ ދުވަސް ނުހަނު ގާތްވެއްޖެ ވާހަކަ ދަންނަވަންވެގެންނެވެ. ޤުދުރަތުން މަނިކުފާނަށް ތެދުމަގު ފެނިވަޑައިގަތުމުގެ ނަސީބެއް ލިބިވަޑައެއް ނުގަންނަވާނެކަން ރަނގަޅަށް އެނގިހުރެމެއެވެ."
ހުރުމުޒު ވަރަށް މަސައްކަތްޕުޅުން އޭނާގެ ކޯފާ މަތަކުރައްވައިފައި ވިދާޅުވިއެވެ. "ކަލޭމެންގެ ސިފައިންގެ ވެރިޔާ ލިޔުއްވައިފައިވަނީ އަހަރެމެން ދިރިތިބުމަށް ލޯބިކުރާވަރަށް މުސްލިމުން މަރުދެކެ ލޯބިވާ ވާހަކައެވެ. ކަލޭގެ އަހަރެމެންގެ ފަރާތުން އޭނާގެ އަރިހުގައި ދަންނަވާށެވެ. އޭނާގެ ސިފައިން މަރުވާން އެދޭކަމުގައިވާނަމަ އަހަރެމެން އެބައިމީހުން މާޔޫސެއް ނުކުރާނޫއެވެ."
މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑުމެންގެ އެއްވެސް ހުށަހެޅުމެއް ޤަބޫލު ނުކުރައްވާނެ ކަމުގައިތޯއެވެ؟"
ހުރުމުޒު ޖަވާބު ދެއްވިއެވެ. "ކަލޭގޮސް خــالــد ގެ އަރިހުގައި ދަންނަވާށެވެ. އަހަރެމެން ނުހަނު ކެތްތެރިކަން ކުޑަގޮތެއްގައި އޭނާއަށް އެބަ އިންތިޒާރު ކުރަމުއެވެ."
حسّان ހިނިފުޅު ވަޑުވައިލެއްވިއެވެ. "މަނިކުފާނަށް މާގިނަދުވަހަކު އިންތިޒާރުގައި ހުންނަވާކަށެއް ޖެހިވަޑައެއް ނުގަންނަވާނެއެވެ. އަޅުގަނޑުމެންގެ އަސްތަކުގެ ދުވެލި ވަރަށް ބާރެވެ."
ހުރުމުޒު ހަޅޭފުޅުލައްވައިގެންފައި ވިދާޅުވިއެވެ. "މީނާ މިތަނުން ނެރޭށެވެ. އިރުއޮއްސުމަށްފަހު މީނާ އަހަރެމެންގެ ސަރަޙައްދުން ފެނިއްޖެނަމަ މީނާގެ ބޯ އުދުއްސައިލާށެވެ."
އެއްރެއެއްގެ ރޭގަނޑު قبــاد އޭނާގެ އެނދުދާންކޮޅުގައި އޮށޯވެވަޑައިގެން އޮންނެވިއެވެ. ވޭތުވެދިޔަ ދެހަފްތާއެއްހައިދުވަހު އާލާސްކަންފުޅާ އުޅުއްވުމުގެ ސަބަބުން އޭނާވަނީ އިހުނަށްވުރެވެސް މާބޮޑަށް އަނަރޫފަވެވަޑައިގެންފައެވެ. އިރުއޮއްސުމުގެ ކުޑައިރުކޮޅެއްގެ ކުރީން އެގަނޑުވަރަށް އައި މުސްކުޅި ޙަކީމެއް އޭނާގެ އެނދުދާންކޮޅުގެ ކައިރީގައިހުރި ގޮނޑިއެއްގައި އިށީނދެގެން އިނެވެ. ماه بانو ވަރަށް މަޑުމަޑުން އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އޭނާ ބައްޕާފުޅުގެ މަގަތުން އިށީނދެވަޑައިގެންފައި ބޭސްވެރިޔާއާ ސުވާލު ކުރެއްވިއެވެ. "މިހާރު ބައްޕާފުޅުގެ ހާލުކޮޅު ކިހިނަކުންތޯއެވެ؟"
ބޭސްވެރިޔާ ޖަވާބު އެރުވިއެވެ. "ދަރިފުޅާއެވެ! ދުވަސްވެފައިހުންނަ ބަލިބަލި އެހައި އަވަހަކަށް ރަނގަޅެއް ނުވާނެއެވެ. ނަމަވެސް އަޅުގަނޑުގެ ބޭހުގެ އަސަރުކުރާނެކަން ކަށަވަރެވެ."
قبــاد ލޯފުޅު ހުޅުއްވައިލައްވައި ماه بانو އާ ދިމާޔަށް ބައްލަވައިލެއްވުމަށްފަހު ބޭސްވެރިޔާގެ މޫނަށް ނަޒަރު ހުއްޓަވައިލައްވަމުން ވިދާޅުވިއެވެ. "އަހަންނަށް ހީވާގޮތުގައި އަހަންނަށް ވަރަށް ގިނައިރު ނިދިއްޖެއެވެ. ތަދުވެސް މިހާރު ލައްކަ ކުޑަވެއްޖެއެވެ."
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ