މައިލޯ އިންޓަރ ސްކޫލް ކްރިކެޓް ލީގު އަންނަ ހަފްތާގައި
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ތިންވަނަ އިންޓަރ ސްކޫލް މައިލޯ ކްރިކެޓް ލީގު އަންނަ އާދިއްތަ ދުވަހު ފަށަން ނިންމައިފި އެވެ. މި މަހުގެ 12 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ރާވާފައިވާ އިންޓަރ ސްކޫލް ކްރިކެޓް ލީގުގައި ހަތް ސްކޫލަކުން ވަނީ ބައިވެރި ވެފައެވެ. އެ މުބާރާތް ކުރިއަށް ގެންދަން ރާވާފައި ވަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 16 އަހަރުން ދަށުގެ އުމުރުފުރާއަށް ބަހާލައިންނެވެ. ތިންވަނަ އިންޓަރ ސްކޫލް މައިލޯ ކްރިކެޓް ލީގުގެ 12 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އަށް އޯވަރަށެވެ. އަދި 14 އަހަރުން ދަށުގެ އުމުރުފުރާ 10 އޯވަރަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، 16 އަހަރުން ދަށުގެ އުމުރުފުރާ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 20 އޯވަރަށެވެ. އެ މުބާރާތުގެ ތިން އުމުރުފުރާގައިވެސް ބައިވެރިވެފައިވާ ސްކޫލްތަކަކީ އިމާދުއްދީން އާއި ތާޖުއްދީން އަދި ޖަމާލުއްދީން އެވެ. އަދި 12 އާއި 16 އަހަރުން ދަށުގެ އުމުރުފުރާގައި މަޖީދިއްޔާ ބައިވެރިވެފައި ވާއިރު، މުހިއްދީން އާއި ބިލަބޮންގް ބައިވެރިވެފައި ވަނީ 12 އަދި 14 އަހަރުން ދަށުގެ އުމުރުފުރާގައެވެ. އެ މުބާރާތުގައި ގިޔާސުއްދީން ބައިވެރިވެފައި ވަނީ ހަމައެކަނި 14 އަހަރުން ދަށުގެ އުމުރުފުރާގައެވެ. އިންޓަރ ސްކޫލް ކްރިކެޓް ލީގުގެ 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އުމުރުފުރާގެ މެޗުތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި މަހުގެ 12 އިން 20 ވަނަ ދުވަހަށެވެ. އަދި 16 އަހަރުން ދަށުގެ އުމުރުފުރާ 20 ވަނަ ދުވަހުން 23 ވަނަ ދުވަހަށް ކުރިއަށް ގެންދަން ހަމަޖެހިފައި ވާއިރު، ތިން އުމުރުފުރާގެވެސް ފައިނަލް މެޗުތައް ކުރިއަށް ގެންދަން ރާވާފައި ވަނީ 25 ވަނަ ދުވަހުއެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުތަކުގައި އަންނަ އާދިއްތަ ދުވަހު ހެންދުނު ބައްދަލުކުރަން ހަމަޖެހިފައި ވަނީ 12 އަހަރުން ދަށުގެ އުމުރުފުރާއިން ޖަމާލުއްދީން ސްކޫލާއި އާއި އިމާދުއްދީން ސްކޫލްގެ އިތުރުން މުހުޔުއްދީން ސްކޫލާއި މަޖީދިއްޔާ ސްކޫލެވެ. އަދި 14 އަހަރުން ދަށުގެ އުމުރުފުރާއިން އިމާދުއްދީން ސްކޫލާއި އާއި ބިލަބޮންގް އީޕީއެސް ހައި އިންޓަނޭޝަނަލް ސްކޫލް ހެނދުނު ކުޅެން ހަމަޖެހިފައި ވާއިރު، އެ އުމުރުފުރާއިން މުހުޔުއްދީން ސްކޫލާއި ގިޔާސުއްދިން ސްކޫލް އަދި ތާޖުއްދީން ސްކޫލާއި އާއި ޖަމާލުއްދީން ސްކޫލް ބައްދަލުކުރާ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ އާދިއްތަ ދުވަހުގެ ހަވީރު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ