ޗައިނާ އާއި އެމެރިކާއިން އިންޑިއާ ކަނޑުގައި ބާރުގަދަ ކުރަން މަސައްކަތް ކުރި ނަމަވެސް އިންޑިއާ ކަނޑަށް އޮތް ނުރައްކަލަކީ އެމެރިކާ އެކަނި ކަމަށާއި ޗައިނާގެ ނުރައްކަލެއް އިންޑިއާ ކަނޑަށް ނެތް ކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމެނިކުފާނު މިހެން ވިދާޅުވީ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ "ދަހިންދޫ" ނޫހަށް ދެއްވެވި އިންޓަވިއުއެއްގައެވެ.
ރާއްޖެއާއި އެމެރިކާއާއި ދެމެދު މަޝްވަރާކުރަމުންދާ ސޯފާ އެގްރީމެންޓާއި ބެހޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ އެއެގްރީމެންޓްގައި ސޮއި ކުރަން އެމަނިކުފާނު ދެކޮޅުކަމަށެވެ.
އަދި އެމެރިކާއިން ރާއްޖެއާއި އެކު ސޯފާގައި ސޮއި ކޮށްގެން ކުރަން އުޅޭ ކަހަލަ ކަމެއް ޗައިނާއިން ކުރަން ނޫޅޭ ކަމަށް ވެސް ރައީސް މައުމޫން އެއިންޓަވިއުގައި ވިދާޅުވިއެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު ދުވަހަކުވެސް ގުޅުން ގޯސްނުވާ ވަރަށް ގުޅުން ގޯސްވެފައި ވަނިކޮށް ރައީސް މައުމޫން ހިންދޫއަށް ދެއްވެވި އިންޓަވިއުގައި ވިދާޅުވީ އެމަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ކޮށްދިން ކަންތައްތަކަށް ޝުކުރުވެރިވެ އެކަންތައްތައް ބަލައިގަންނަ ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި އިންޑިއާއަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ޖީއެމްއާރު އެއްބަސްވުން އުވާލި މައްސަލައާއި ބެހޭގޮތުން ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޖީއެމްއާރު އާއީ ސަރުކާރާއި ދެމެދު ވިއެއްބަސްވުމުގެ މައްސަލަ މައްސަލައަކަށްވީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހާއި މަޝަވަރާނުކޮށް އެފަދަ ނިއްމުމެއް ނިއްމެވުމުން ކަމަށެވެ.
އަދި ރައީސް ވަޙީދުއަށް ވެރިކަން ލިބިވަޑައިގަތުމުން ޖީއެމްއާރާއި އެކު ވާހަކަދައްކަވައިގެން މައްސަލަ ހައްލު ކުރުމަށް އެދިވަޑައިގެންނެވި ކަމަށާއި ނަމަވެސް ކުއްލިއަކަށް ފެނުނީ ޖީއެމްއާރު އެއްބަސްވުން ބާތިލްކުރި މަންޒަރު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. އަދި އެއީ އުވާފެރި ނިއްމެވުމެއް ނޫންކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން އިންޑިއާއަށް ކުރައްވާ ތިންދުވަހުގެ ދަތުރުފުޅުގައި މީގެ ކުރިން ވަނީ އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންހް އާއި އެކު ވިސާގެ މައްސަލައިގައި ވެސް މަޝްވަރާ ކުރައްވާފައެވެ. އަދި އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ސަލްމާން ހުރުޝީދުއާ ވެސް މައުމޫން ވަނީ ބައްދަލުކުރައްވާފައެވެ.
އިންޑިއާ ކަނޑަށް އޮތް ނުރައްކަލަކީ އެމެރިކާ، ޗައިނާއެއް ނޫން – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ