ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވެވި އަލްއުސްތާޒް އަބުދުﷲ ޙަމީދުގެ ހިދުމަތްތައް ދުވަހަކުވެސް ހަނދާން ނެތިގެން ނުދާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް މައުމޫން މިހެންވިދާޅުވީ ޕީޕީއެމްއިން މިރޭ އަބުދުﷲ ޙަމީދުގެ ގެކޮޅު ކަމުގައިވާ ހ.މީނާޒްގައި ރ.އަތޮޅު ކެންޕޭން ޖަގަހައަކާއި ކެންޕޭން އޮފީހެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ގައި އަބުދުﷲ ޙަމީދުގެ ދަރިކަލުން އުނގޫފާރު ދާއިރާގެ މެންބަރު ހަމްދޫން ޙަމީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ހަމީދުއަށް ތައުރީފު ކުރައްވާ ޙަމީދު ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވާ ވަރަށް އަސަރާއި އެކު ކީރިތި ކުރައްވަމުން މައުމޫން ވިދާޅުވީ " އެއީ އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނެތިގެން ދާނެ ހިދުމަތެއް ނޫން. އަދި އެ އާއިލާގެ ފަރާތުން ވެސް އަޅުގަނޑުމެންގެ ދިވެހި ގައުމަށް މިހާރުވެސް އަދި އޭރުވެސް ކޮށްދެއްވަމުން ގެންދެވި ހިދުމަތްތައް އެއީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެއް. އެކަން އަޅުގަނޑުމެން ހަނދާންނައްތައެއް ނުލާނަން."
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަބުދުﷲ ޙަމީދުގެ ދަރިކަލުން ހަމްދޫން ޙަމީދު ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި އެބޭފުޅުންގެ އާއިލާއަށް ނަޝީދުގެ ސަރުކާރުން ދިން ހިތާމަ އެހެން އާއިލާއަކަށް ލިބުނަ ނުދިނުމަށްޓަކައި ނަޝީދު ވެރިކަމަށް ނުގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ. މައުމޫން ވެސް ވިދާޅުވީ އެފަދަ ހިތާމައެއް ދެން އެއްވެސް އާއިލާއަކަށް ދިމާވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ޕީޕީއެމްގެ ފަރާތުން ކުރަމުން ގެންދަވާނެ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަމްދޫން ޙަމީދު ވިދާޅުވީ "އަޅުގަނޑުމެންގެ ލޮބުވެތި ބައްޕަ އަކީ ފަންސާސް އަހަރު މިގައުމަށް ހިދުމަތްކޮށް ދެއްވާފައިވާ ބޭފުޅެއް. އެމަނިކުފާނުގެ އަބުރުފުޅު ނަގާލާ، އެމަނިކުފާނު ގައުމަށް ކުރެއްވި ހުރިހާ ހިދުމަތެއް ވެއްޔާލާ މިގައުމު އެމަނިކުފާނު މަތިން ހަނދާންނެތިގެން ދާއިރު އެހިތާމަ ވެގެންދާނީ އަޅުގަނޑުމެންގެ މަންމަގެ އެންމެ ފަހުގެ ހިތާމައަށް." ވަރަށް ފަހުން އަވަހާރަވި ހަމްދޫންގެ މަންމައަށް އިޝާރަތް ކުރައްވާ ހަމްދޫން ވިދާޅުވިއެވެ.
ނަމަވެސް އެއާއިލާއަށް ދިމާވިފަދަ ހިތާމަވެރި ގޮތެއް އެހެން އާއިލާއަކަށް ލިބުމަށް އެދިވަޑައިނުގަންނަވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެ ހަމްދޫން ވިދާޅުވީ (ރައީސް ނަޝީދުގެ ވެރިކަމުގެ) ތިން އަހަރެއްހާ ދުވަސް އެއާއިލާ ހޭދަކުރަމުން ދިޔައީ ވަރަށް ހިތްދަތިކޮށް ކަމަށެވެ.
ސިޔާސީ ގޮތުން ވެސް ނާތަހުޒީބު ގޮތެއްގައި ވާހަކަފުޅެއް ދެއްކެވި އެއްވެސް ބޭފުޅަކު އެބޭފުޅުންގެ އާއިލާގައި ނުހުންނާނެ ކަމަށާއި އެބޭފުޅުންގެ އާއިލާއަކީ މިގައުމުގެ ހުރިހާ ފަރުދުންނަށް ވެސް އިހްތިރާމް ކުރި އާއިލާއެއް ކަމަށް ހަމްދޫން ވިދާޅުވިއެވެ.
"އެކަމަކު އަޅުގަނޑުމެން މިއަދު ގަބޫލުކުރަން ޖެހޭ ހިތި ހަގީގަތަކީ މިގައުމު އަޅުގަނޑުމެންގެ އާއިލާގެ އެންމެ އިސްބޭފުޅާ ކުރެއްވި މަސައްކަތްތައް ބަލައެއް ނުގަނެއޭ." ވަރަށް އަސަރާއި އެކު ވާހަކަފުޅު ދައްކަވަމުން ހަމްދޫން ވިދާޅުވިއެވެ.
ކޮންމެ އާއިލާ އަކީ ވެސް ހަމަޖެހުމާއި އެކަކު އަނެކެއްގެ ގަދާރާއި މުޖުތަމައުގެ ގަދަރާއިއެކު ހިދުމަތް ކުރަން ކެރޭ ފެންވަރުގެ އަދި ފުރުސަރު ލިބޭ ކަހަލަ ބަޔަކަށް ހައްދަވަން މަސައްކަތްޕުޅު ކުރައްވަން ބޭނުންފުޅު ވާކަމަށް ހަމްދޫން ވިދާޅުވިއެވެ.
އަދި ކޮންމެ މީހަކުވެސް މިކަމުގައި ގަދައަޅާ މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމްދޫން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އާއިލާތަކަށް ހިތާމަ ދިނުމުގެ ބަދަލުގައި ނުރަނގަޅަށް ކަމެއް އޮތިއްޔާ އެކަމެއް ރަނގަޅު ކުރަން މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.
އަބުދުﷲ ޙަމީދުގެ ހިދުމަތްތައް ދުވަހަކުވެސް ހަނދާން ނެތިގެން ނުދާނެ – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ