ބަދަލުގެ ގޮތުގައި 1.4 ބިލިއަން އެމެރިކާ ޑޮލަރު ނަގައިދޭން ޖީއެމްއާރުން އެދިއްޖެ

މާލޭ އިންޓަނޭޝަނަލް އެއާރޕޯޓް ހިންގަން ޖީއެމްއާރާއި އެކު ދިވެހި ސަރުކާރުންވި އެއްބަސްވުން ދިވެހި ސަރުކާރުން އުވާލުމުން ޖީއެމްއާރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.4 ބިލިއަން އެމެރިކާ ޑޮލަރު 21 476 000 000.00 (އެކާވީސް ބިލިއަން ހަތަރު ސަތޭކަ ހަތްދިހަ ހަމިލިއަން ދިވެހި ރުފިޔާ) ނަގައި ދިނުމަށް ޖީއެމްއާރުން ސިންގަޕޫރުގެ އާރބިޓުރޭޝަންގައި އެދިއްޖެއެވެ.
ޖީއެމްއާރުން ސިންގަޕޫރުގެ އާރބިޓުރޭޝަންގައި މިހާ ބޮޑު އަދަދެއްގެ ބަދަލެއް ހޯދަން އެދުނު އިރު އެކުންފުންޏާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ ގެއްލުމުގެ ބަދަލުގެ ހިސާބު ހެދީ ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބެންޖެހޭ ފައިސާ އާއި ސަބް ކޮންޓެކްޓަރުންނަށް ދޭން ޖެހޭ ފައިސާ އާއި ލިބުނު ގެއްލުމުގެ ބަދަލު ހިމަނައިގެން ކަމަށެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޖީއެމްއާރު ކޮޅަށް މައްސަލަ ނިމި ދިވެހި ސަރުކާރުން މިފައިސާ ޖީއެމްއާރަށް ދައްކަންޖެހިއްޖެނަމަ ދައްކަންޖެހޭނީ އަންނަ މާރޗް މަހުގެ ފަހުކޮޅުގައެވެ.
75 ސަފުހާގެ ލިއުންތަކާއި އެކު ދިވެހި ސަރުކާރުގެ ޤާނޫނީ ސުވާލުތަކަށް ޖީއެމްއާރުން މިއަދު ޖަވާބު ދީފައިވާއިރު ޖީއެމްއާރުން ހުށަހެޅި ގެއްލުމުގެ ބަދަލާއި ގުޅިގެން ދިވެހި ސަރުކާރުން އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.
ނަމަވެސް ކުރިން ދިވެހި ސަރުކާރުން ބުނެފައި ވަނީ ޖީއެމްއާރާއި އެކު ވިއެއްބަސްވުން ނިމުމަކަށް ގެނައީ އެއީ އުފެދުނު ދުވަހުން ފެށިގެންވެސް ބާތިލް އެއްބަސްވުމަކަށް ވާތީ ކަމަށެވެ. އަދި އާރބިޓުރޭޝަންގައި އޮތް މައްސަލަ ސަރުކާރު ކޮޅަށް ނިމޭނެ ކަމުގެ ފުރުހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ސަރުކާރުން ކުރިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ