ޗައިނާގައި ރޮނާލްޑޯ 30 ފުޓްބޯޅަ ސްކޫލް ހުޅުވަނީ

ބްރެޒިލް ފުޓްބޯޅަ ލެޖެންޑް ރޯނާލްޑޯ، ޗައިނާގައި 30 ފުޓްބޯޅަ ސްކޫލް ހުޅުވުމަށް ތައްޔާރުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ ޗައިނާގައި ހުޅުވާ ފުޓްބޯޅަ ސްކޫލްތަކުގެ ތެރެއިން ގިނަ ސްކޫލްތައް ހިމެނެނީ ބެއިޖިންގ، ޝަންހާއި އަދި ޝެންޒެންގައެވެ.
"ވިޔަފާރީގެ އިތުރުން ޗައިނާގައި ފުޓްބޯޅަ ސްކޫލްތައް ހުޅުވަންޖެހޭ މައިގަނޑު ސަބަބުކަމަށް އަހަރެން ދެކެނީ، ޗައިނާގައި ގިނަ އަދަދެއްގެ ފުޓްބޯޅަ ސަޕޯޓަރުންނާއި ކުޅުންތެރިން ތިބުން. އަދި ޗައިނާގެ ސަރުކާރު އަދި އާންމުންވެސް ފުޓްބޯޅައަށް ހާއްސަ އަހައްމިއްޔަތުކަމެއްދޭ،" ޒިންހުއާ ނިއުސްއަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.
ބާސެލޯނާ، ރެއާލް މެޑްރިޑް އަދި އިންޓަރމިލާންގެ ކުރީގެ ތަރި ރޮނާލްޑޯ ބުނީ، އޭނާގެ ޓްރެއިނިންގތަކާއެކު ޗައިނާގެ ފުޓްބޯޅަ ތަރައްގީކުރެވޭނެކަމަށް އުންމީދުކުރާ ކަމަށާއި، މިހާރު ޗައިނާގައި ހަދަމުންދާ ޓްރެއިނިންގތައް އެންމެ ފުރިހަމަ ނޫން ކަމަށެވެ.
ޗައިނާގެ ރައީސް ޒީ ޖިންޕިންގ އަކީވެސް ފުޓްބޯޅަ ސަޕޯޓަރެކެވެ. ޗައިނާގައި ވޯލްޑްކަޕްއެއް ބޭއްވުމަށް އެގައުމުގެ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ޗައިނާގެ ފިރިހެން އަދި އަންހެން ގައުމީ ޓީމަށް ކުރިއެރުން ހޯދައިދިނުމަށް ވެސް އެގައުމުން މަސައްކަތްކުރަމުންދެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ