ޖަނަރޭޓަރު އިންޖީނު ގެޔަށް ވައްދައިފި، މާދަމާ ހަވީރަށް ކަރަންޓް ދެވޭނެ

(ގދ. ތިނަދޫ) މިރަށަށް މާލެއިން މިއަދު ގެނައި ދެ ޖަނަރޭޓަރުގެތެރެއިން ކޮޅުވެއްޓިން ފުރަތަމަ ބޭލި ޖަނަރޭޓަރު ދާދި ދެންމެއަކު އިންޖީނުގެޔަށް ވައްދައިފިއެވެ.
މިހާރު ގެންދަނީ ޖަނަރޭޓަރު އިންސްޓޯލްކޮށް މިރަށަށް ކަރަންޓް ދިނުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.
ފެނަކައިގެ އޮފިޝަލަކު ވިދާޅުވީ މިހާރު މަސައްކަތްދާ ގޮތަށް ބަލާއިރު މާދަމާ ހަވީރު 3 ޖަހާއިރަށް މިރަށަށް ކަރަންޓްގެ ޚިދުމަތް ދެވޭނެއެވެ. މިއީ ކުރިން ފެނަކައިން ލަފާކުރި ގަޑިއަށްވުރެ 6 ގަޑިއިރު އަވަސް ވަގުތެކެވެ.
މާލެ އިން ގެނައި ދެ ޖަނަރޭޓަރު އިން ފުރަތަމަ ޖަނަރޭޓަރު އިންޖީނު ގެޔަށް ވައްދާ ރަށަށް ކަރަންޓް ދިނުމުގެ މަސައްކަތް ފަށާފައިވާއިރު، ކޮޅުވެއްޓިން ދެން ގެނައި ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް ފެށުމަށް މިހާރުދަނީ ތައްޔާރު ވަމުންނެވެ.
މި މަސައްކަތުގައި ތިނަދޫ ގެ ޒުވާނުންނާއި ފުލުހުންނާއި ސިފައިން ގެ އިތުރުން ސަރުކާރުގެ އިތުރު މުއައްސަސާތަކުން ދަނީ ބައިވެރިވަމުންނެވެ. އަދި ރަށުގެ ގިނަ ބަޔަކު މަގުތަކަށް ނިކުމެ ދަނީ މަސައްކަތް ކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ