ގދ. މާވާރަލު އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނާއި އެދާއިރާގެ ރައްޔިތުންގެ ބަޔަކު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ބޭއްވި އެ ބައްދަލުވުމުގައި އެ އެއާޕޯޓުގެ މަސައްކަތް ލަސްވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ވަނީ ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މާވާރަލު އެއާޕޯޓަކީ ގެމަނަފުށީ ދާއިރާގެ އިތުރުން ގައްދޫ ދާއިރާގެ ރައްޔިތުންނަށް ވެސް މުހިންމުވާނެ އެއާޕޯޓެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ސަރަހައްދުގައި މިހާރަށްވުރެ ފަތުރުވެރިކަން ފުޅާކުރެވޭނީ އެއާޕޯޓު ގާއިމްކުރެވިގެން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ވަރަށް އަވަހަށް އެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރަކާ ހަވާލުކުރެވިގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.
މާވާރަލު އެއާޕޯޓުގެ މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމްގެ ކުންފުންޏަކުންނެވެ. ނަމަވެސް ގިނަ އަހަރުތަކެއް ވެގެންދިޔައިރުވެސް އެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.
މިއަދު ބޭއްވި ބައްދަލުވުމުގައި ގެމަނަފުށީ ދާއިރާގެ އެކި ރަށްތަކުގެ ކައުންސިލަރުންނާއި ގއ. ކޮނޑޭ، ގެމަނަފުށި، ދެއްވަދޫ އަދި ކަނޑުހުޅުދޫގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. ހަމައެހެންމެ ސަރުކާރުގެ އެކި މަޤާމްތައް ފުރުއްވަމުން ގެންދަވާ ގެމަފުށީ ދާއިރާގެ ބޭފުޅުން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ބައްދަލުވުމަށްފަހު ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ގެމަނަފުށީ ދާއިރާގެ ރައްޔިތުންގެ އަޑުއައްސަވާނެ ކަމަށެވެ.
ޖަމީލު ވިދާޅުވީ މާވާރަލު އެއާޕޯޓުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށެވެ. އަދި ގެމަނަފުށީ ދާއިރާގެ ތަރައްގީއަށްޓަކައި ސަރުކާރުން ކޮށްދެއްވާ މަސައްކަތްތަކަށްޓަކައި އޭނާ ވަނީ ރައީސް ޔާމީނަށް ޝުކުރު ދަންނަވާފައެވެ.
މާވާރަލު އެއާޕޯޓުގެ މަސައްކަތް ލަސްވާތީ ގެމަނަފުށީ ދާއިރާގެ މެމްބަރާއި ރައްޔިތުން މިނިސްޓަރާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ