ފުރަތަމަ އިންޓާ ސްކޫލް ގުރުއާން މުބާރާތް މާދަމާ ފަށަނީ

ރާއްޖޭގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ޤުރުއާން މުބާރާތް މާދަމާ ފަށާނެ ކަމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން ބުނެފި އެވެ.
މި މުބާރާތިގައި ހަތަރު ދާއިރާއަކުން 380 ކުދިން ބައިވެރިވެ އެވެ. އެއީ މާލޭ ސިޓީގެ ކޮންމެ ސްކޫލަކުން ހަ ކުދިންނާއި، އައްޑޫ ސިޓީގެ ސްކޫލްތަކުން 18 ކުދިންނާއި ވ. އަތޮޅުގެ ސްކޫލްތަކުން ހަތަރު ކުދިން އަދި އެހެން ހުރިހާ އަތޮޅަކުން ޖުމްލަ 12 ކުދިންނެވެ.
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުބާރާތުގެ ކޯޑިނޭޓަރު އަޒްލީފް ލަތީފު ވިދާޅުވީ މި މުބާރާތުގައި ވަނަ ހޮވާނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތާއި ތަފާތުކޮށް ދެ ޖިންސު އެއްކޮށް ކަމަށެވެ. އެކަމަކު މާކްސް ދިނުމާއި އެހެނިހެން ކަންކަން ގައުމީ މުބާރާތާއި އެއްގޮތް ވާނެ ކަމަށެވެ.
ސްކޫލް ކުދިންގެ މުބާރާތުގައި ބަލައިގެންނާއި ހިތުން ކިޔުމުގެ ބައި ހިމާފައިވާއިރު ކޮންމެ ބަޔަކުން 3 ކެޓަގަރީއަކުން ކުދިން ބައިވެރިވާނެ އެވެ. މި މުބާރާތުގައި ގައުމީ މުބާރާތާއި ތަފާތުކޮށް މުޅި ޤުރުއާން ހިތުދަސް ކުދިންނަށް ހާއްސަ ބައެއް އިންނަ އިރު މުޅި މުބާރާތުގެ މުގައްރަރުވެސް ކޮންމެވެސް ވަރަކަށް ތަފާތު ވާނެ ކަމަށް އަޒްލީފު ވިދާޅުވި އެވެ.
މުބާރާތުގައި ވަނަ ދިނުމަށް ހަމަޖެހިފައި ވަނީ ފޮތުން ކިޔެވުމާއި ހިތުން ކިޔެވުމުގެ ކޮންމެ ބަޔަކުން އެންމެ މޮޅު ފަސް ދަރިވަރުންނަށާއި ހާފިޒުގެ ބައިން އެންމެ މޮޅު ފަސް ދަރިވަރުންނަށެވެ. އަދި ހިތުން ކިޔެވުމުގެ ގޮފިންނާއި ފޮތުން ކިޔެވުމުގެ ގޮފިން އެއްވަނަ އަށާއި މުބާރާތުގެ ހާފިޒުންގެ ގޮފިން އެއްވަނައަށްދާ ބައިވެރިއަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދޭނެއެވެ.
ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ވަކި ޤުރުއާން މުބާރާތެއް ބާއްވަން ނިންމާފައިވާކަން ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ އިއުލާނު ކުރައްވާފައި އެވެ.
މިނިސްޓަރު ވިދާޅުވީ މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ތަޖްވީދުގެ ހަމަތަކާ އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔެވުމުގެ ރޫހު އަށަގަންނަވައި އެކަމަށް ހިތްވަރު ދިނުމަށާއި ޤުރުއާނަށް ދަރިވަރުން ލޯބި ޖެއްސުމާއި ވާދަވެރިކަން އުފެއްދުމަށް ބާއްވާ މުބާރާތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ