ޓަކަހާމާ ނިއުކްލިއަރ އިންޖީނުގެ އަލުން ހުޅުވަން ޖަޕާނުން ކުރާ މަސައްކަތް ކޯޓުން ހުއްޓުވައިފި

ޖަޕާނުގެ ޓަކަހާމާ ނިއުކްލިއަރ އިންޖީނުގޭގެ މަސައްކަތް އަލުން ފެށުމަށް ޖަޕާނުން ކުރާ މަސައްކަތް އެގައުމުގެ ކޯޓަކުން ހުއްޓުވައިފިއެވެ.
މިއީ، 2011 ވަނަ އަހަރު ހިނގައިދިޔަ ހިތާމަވެރި ހާދިސާއަށްފަހު ބަންދުކޮށްފައި ހުންނަ އިންޖީނު ގެއެކެވެ.
ޖަޕާނުގެ ފުކުއި ޕްރިފެކްޗަރގެ ޑިސްޓްރިކްޓް ކޯޓަކުން މިއިންޖީނުގެ އަލުން ބޭނުންކުރަން ފެށުން ހުއްޓުވާފައިވަނީ އެތަނުގެ އޮޓޮމެޓިކް ރިއެކްޓަރގެ ތެރެއިން 3 އަދި 4 ނަންބަރު ރިއެކްޓަރ އަލުން ސްޓާޓް ކުރުމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން ތައްޔާރުވަމުން ދަނިކޮށެވެ.
ކޯޓުން މިއަމުރު ނެރުނީ އެ އިންޖީނުގެ ހުންނަ ރަށުގެ ރައްޔިތުން އެމައްސަލަ ކޯޓަށް ހުށަހެޅުމުންނެވެ.
ޖަޕާނުގެ ނިއުކްލިއަރ ރެގިއުލޭޝަން އޮތޯރިޓީ (އެން.އާރް.އޭ) އިން މިދިޔަ ޑިސެމްބަރުމަހު ވަނީ، އެ ދެ ރިއެކްޓަރ އަލުން ސްޓާޓް ކުރުމުގެ ހުއްދަ ދީފައެވެ. އެހުއްދަ ދިނީ، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު މިހާރު އަޅާފައިވާ ކަމަށް ބުނެއެވެ.
ނަމަވެސް ޑިސްޓްރިކްޓް ކޯޓުން ބުނެފައިވަނީ، ރިއެކްޓަރުތަކުގެ ރައްކާތެރިކަމަށް ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށެވެ. އަދި މިހާރު އަޅާފައިވާ ކަމަށް ބުނާ ފިޔަވަޅުތައް ފުރިހަމަ ނޫންކަމަށްވެސް ބުނެފައި ވެއެވެ.
ޓަކަހާމާ ނިއުކްލިއަރ އިންޖީނުގެ ހިންގާ ކަންސައި އިލެކްޓްރިކް ޕަވަރ އިން ވަނީ ކޯޓުގެ އަމުރާ ގުޅިގެން ހިތާމަ ފާޅުކޮށްފައެވެ. އަދި ބުނެފައިވަނީ، ކޯޓުގެ އަމުރު އިސްތިއުނާފް ކުރާނޭ ކަމަށެވެ.
ޖަޕާނުގައި މީގެކުރިން ހަކަތަ ބޭނުން ކުރަނީ ނިއުކްލިއަރ އިންޖީނުގެތައް މެދުވެރިކޮށެވެ. ސަބަބަކީ، ތެލަށްވުރެ ނިއުކްލިއަރ ހަކަތަ އެތައްގުނަ އަގު ހެޔޮވުމުންނެވެ.
ޖަޕާނުގެ މިހާރުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީވެސް ނިއުކްލިއަރ ހަކަތައް އެނބުރި ދިއުމަށް ތާއީދުކުރައްވާ ބޭފުޅެކެވެ.
ނަމަވެސް 2011 ވަނަ އަހަރު ޖަޕާނަށް އެރި ސުނާމީއާ ގުޅިގެން ފުކުޝީމާ ނިއުކްލިއަރ އިންޖީނުގޭގެ ފިނިކުރާ ނިޒާމް ހަލާކުވެ، ބައެއް ރިއެކްޓަރުތައް ވިރިގެން ދިއުމާއި ގުޅިގެން ހިނގި ހާދިސާގެ މައްސަލާގައި ޖަޕާނުގެ ރައްޔިތުންގެ ދެކޮޅު ހެދުން ވަރަށް ބޮޑަށް އިތުރު ވެފައިވެއެވެ. މިހާދިސާއާއި ގުޅިގެން ޖަޕާނުގެ އެކި ހިސާބުތަކުގައި ހުރި ނިއުކްލިއަރ އިންޖީނުގެތައް ވަނީ ބަންދުކޮށްފައެވެ.
އެހާދިސާގައި ރޭޑިއޭޝަންގެ އަސަރުން ސަލާމަތްވުމަށް ގެދޮރު ދޫކޮށްދިޔަ އެތައްހާސް އާއިލާއަކަށް އަދިވެސް އެނބުރި އާދެވޭ ގޮތެއް ނުވެއެވެ. ސައިންސްވެރިން ބުނެފައިވަނީ ނިއުކްލިއަރ ޕްލާންޓް ހުރި ހިސާބަށް މީހުން އެނބުރި އައުމަށް އަދި އެތައް އަހަރެއް ނަގާފާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ