އިންސާފުވެރި ހުކުމެއް އިއްވާނެ ކަމާ މެދު ޝައްކު: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން އިންސާފުވެރި ހުކުމެއް އިއްވާނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ އަކާއި ގުޅިގެން މިއަދު ބޭއްވި މިމައްސަލައިގެ ދެވަނަ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެވެ.
ގާސިމް އިބްރާހީމް އެގޮތަށް ވިދާޅުވީ ކުރިން މިމައްސަލަ ބައްލަވަމުން ގެންދެވީ އެންމެ ފަނޑިޔާރަކު އިންނަވައިގެން ކަމަށްވެފައި، ނަމަވެސް މިއަދުން ފެށިގެން އެމައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބަލަން ފެށުމުން އެކަމާ ގުޅިގެން ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުންނެެވެ.
ގާސިމްގެ މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަަށް އެންމެ ފަހުން އައްޔަންކުރެއްވި އާދަމް އަރީފް އެވެ. ނަމަވެސް މިއަދު ވަނީ އާދަމް އަރީފްގެ އިތުރުން ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފާއި ގާޒީ އަހްމަދު ޝަކީލް ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފަ އެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.
ޝަރީއަތުގެ މިއަދުގެ އަޑުއެހުން ފެށުމާއެކު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ އިސް ގާޒީ ވަނީ ކުރީގެ އަޑުއެހުމެއްގައި އެމަނިކުފާނު ވާހަކަދައްކަވަމުން ގެންދަވަނިކޮށް އެ ދުވަހުގެ އަޑުއެހުން ނިންމާލާފައި ކަމަށެވެ. އެހެންކަމުން އިސް ގާޒީ އެމަނިކުފާނު މައްސަލަ ބެއްލެވުމަށް ދެކޮޅު ހައްދަވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަށް އިންސާފުވެރި ހުކުމެއް އިއްވާނެ ކަަމަށް ޝައްކު ކަމަށެވެ.
ގާސިމް ދެއްކެވި ވާހަކަތަކަށް ޖަވާބު ދެއްވަމުން ގާޒީ ބާރީ ވިދާޅުވީ ގާސިމްގެ ޖަޒުބާތުތަކަށް އިހްތިރާމް ކުރައްވާ ކަމަށެވެ. އަދި ޝަރީއަތުގައި ވާހަކަދައްކަން ފަނޑިޔާރުން ފުރުސަތު ދެނީ ވަކި އުސޫލަކުން ކަމަށްވާތީ ކުރީ ދުވަހެއްގެ ޝަރީއަތުގައި ހިނގާދިޔަ ކަމެއްގެ ވާހަކަ މިއަދު ނުދެއްކޭނެ ކަމަށްވެސް ގާޒީ ބާރީ ވިދާޅުވި އެވެ. ގާޒީ އެގޮތަށް ވިދާޅުވުމުން އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ގާސިމް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ޝަރީއަތުގެ އަޑުއެހުމަށްފަހު ކޯޓު އިމާރާތުގައި ގާސިމް އިބްރާހީމް ވަނީ އެމަނިކުފާނުގެ ބައެއް ބޭފުޅުންނާ އަނބިކަނބަލުންނާ ސަލާމް ކުރައްވާ ހިތްވަރު ދެއްވާފަ އެވެ.
ގާސިމްގެ މައްޗަށް ކުރާ ތިން ދައުވާ އަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ. މިދައުވާތައް ގާސިމްގެ މައްޗަށް އުފުލާފައިވަނީ ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަތަކަކަށް ބިނާކޮށްފަ އެވެ.
ގާސިމްގެ ޝަރީއަތް ފެށިގެން ކުރިއަށްދާއިރު އެމަނިކުފާނު މިވަގުތުވެސް ހުންނެވީ ދައުވާތައް ބިނާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ