ރިޔާސީ އިންތިހާބާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ އަސާސެއްނެތް: ޖަމީލް

ރިޔާސީ އިންތިހާބާ ގުޅޭގޮތުން އިންތިޚާބުން ބަލިވި ރައީސް އަބުދުﷲ ޔާމީން ހުށައެޅުއްވި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ އަސާސެއްނެތްކަމަށް ކުރީގެ ނާއިބް ރައީސް އަދި މަޝްހޫރު ގާނޫނީ ވަކީލް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅޭ މައްސަލައެއް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން، އެމަނިކުފާނު މިހާރު ހިންގަވަމުން ގެންދަވާ ޕީޕީއެމުން ސުޕްރީމްކޯޓަށް ހުށައެޅުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރައްވާ، އެމަނިކުފާނު ވެރިކަމަށް ގެނައުމަށްވެސް މަސައްކަތްކުރެއްވި ޑރ ޖަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބު ބޭއްވުނީ ރައީސް ޔާމީންގެ ފުލް ކޮންޓްރޯލްގެ ދަށުންކަމަށެވެ. އަދި ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރެއްވީ ވާދަވެރި ފަރާތާއި ދެކޮޅަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުން 58 އިންސައްތަ ހޯއްދަވައިގެން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިންތިޚާބު ކާމިޔާބުކުރައްވާފައިވާއިރު، އިންތިޚާބު ބާތިލްކުރަން ހުށައެޅީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމުގެ ބޭނުމުގައިކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި އިންތިޚާބުގައި އިބްރާހިމް މުހައްމަދު ސާލިހް ހޯއްދެވި ކާމިޔާބީ ބާތިލްވާނެ ސަބަބެއް ނެތްކަމަށެވެ. އަދި އިންތިޚާބު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައަޅައިވާ މައްސަލަ ބަލައިގަންނާނެ ގާނޫނީ އަސާސެއްވެސް ނެތްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ޑރ ޖަމީލް ވިދާޅުވީ ރައްޔިތުންގެ ނިންމުން ވަރަށް ސާފުކަމަށާ އަދި އެ ނިންމުން ދެމި އޮންނާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ