މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް ހުރަހެއް ނޯންނާނެ: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ސްކޫލްތަކުގެ އަންހެން ޓީޗަރުން މޫނު ބުރުގާ އަޅައިގެން ކިޔަވައި ދިނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމް މިއަދު ނ. ހެނބަދޫގައި ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގާސިމް ވަޑައިގަތީ ހެނބަދޫއަށެވެ. ހެނބަދޫން ގާސިމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް އެއްވިއެވެ.
ހެނބަދޫގައި ތިބި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ދިވެހިންނަކީ އިސްލާމުންނަށްވީތީ، އިސްލާމީ ވަންތަ ގޮތަކަށް ހެދުން އަޅައިގެން އޮފީސްތަކަށާއި އެ ނޫން ތަންތަނަށް ވަޑައިގަތުމަކީ އެދުމެއް ކަމަށެވެ. އަދި އޭނާގެ ސަރުކާރެއްގައި ބާރު އަޅާނީ އިސްލާމީ ރިވެތި އުސޫލްތަކުގެ މަތިން ދިވެހިން ތަރުބިއްޔަތު ކުރުމަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"އެއީ ރާއްޖެއަކީ %100 މުސްލިމް ގައުމަކަށްވާތީ އެކަންތައްތައް ކުރުމަށް. މި ދަންނަވަނީ ވަކި ގޮތަކަށް ކަންތައްތައް ކުރުމަށް މަޖުބޫރު ކުރާނެ ވާހަކައެއް ނޫން،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައްޔިތުންނަށް ލިބިގެންވާ ހައްގުތައް ފުރިހަމައަށް ހިމާޔަތްކޮށްދެއްވާނެ ކަމަށާއި ދީނީގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމުގައި އެއްވެސް ހުރަހެއް ކުރިމަތި ނުކުރައްވާނެ ކަމަށެވެ.
ވެރިކަމަށް ކުރިމަތިލެއްވީ އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ދިފާއުކޮށް ހިމާޔަތްކުރުމަށާއި ގައުމުގެ އިގްތިސާދު ނަގަހައްޓާ ދެމެހެއްޓުމަށް ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ އޭނާގެ ވެރިކަމެއްގައި ހެނބަދޫގެ ބިން ހިއްކައި ސްކޫލްގެ ކްލާސް ރޫމްތައް އޭސީކޮށް ކޮމްޕިއުޓާ ލެބެއް ގާއިމުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ފުޓްބޯޅަ ދަނޑެއް އަޅައި ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ