އިނގިރޭސި އާ ސަފީރުގެ ތައާރަފްވުން ތަފާތު؛ ދިވެހި ބަހުން

"އައްސަލާމް އަލައިކުމް. އަޅުގަނޑުގެ ނަމަކީ ނިކް ލޯ. އަޅުގަނޑަކީ އިނގިރޭސި ސަފީރު. އެންމެންގެ ހާލު ކިހިނެއްތޯ؟،" އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އޭނާގެ ސަފީރު ކަމުގެ ލިޔުން ރައީސް މުހައްމަދު މުއިއްޒުއާ އިއްޔެ ހަވާލުކުރެއްވުމަށް ފަހު، އިނގިރޭސި އެމްބަސީގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއް ފައްޓަވަމުން ވިދާޅުވި އެވެ.
އިނގިރޭސި އާ ސަފީރުގެ ގޮތުގައި ދިވެހިންނަށް ތައާރަފްވެލުމުގެ ގޮތުން ނިކޮލަސް ޑޭވިޑް ލޯ ދެއްވި މި ފުރަތަމަ މެސެޖް ދެން އޭނާ ކުރިއަށް ގެންދެވީ އިނގިރޭސި ބަހުންނެވެ. އޭނާ ވިދާޅުވި ގޮތުގައި، އޭނާ މަސައްކަތް ކުރައްވާނީ "ހަމައެކަނި މާލެއަށް ކަނޑައަޅާފައި ހުންނަ ސަފީރު"ގެ ގޮތުގައެއް ނޫނެވެ. ރާއްޖޭގައި އޭނާ އިނގިރޭސިވިލާތް ތަމްސީލް ކުރައްވާނީ "މުޅި ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު"ގެ ގޮތުގައި ކަމުގައި ވިދާޅުވި އެވެ.
"ސަފީރު ކަމުގެ 3-4 އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ދިރިއުޅޭ މީހަކާ ވެސް ބައްދަލުވެ ގުޅުން ބަދަހިވާނޭ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ނިކް ލޯ ވިދާޅުވި އެވެ.
ރާއްޖެ ވަޑައިގަތުމުގެ ކުރިން އާ ސަފީރު ނިކް ލޯ ވަނީ ބަންގުލަދޭޝްގައި ހުންނަވާ އިނގިރޭސި ސަފީރުގެ ނައިބުކަން ކުރައްވައިފަ އެވެ. އަދި އިންޑިއާ އާއި ޗައިނާގައި ހުންނަ އިނގިރޭސި އެމްބަސީގެ އިސް މަގާމުތައް ވެސް އޭނާ ފުރުއްވި އެވެ.
އޭނާ ސަފީރު ކަމާ ހަވާލުވީއިރު ދުނިޔެ އޮތީ މައްސަލަތަކާއި ވާދަވެރިކަމުގެ ނުތަނަވަސްކަމުގެ ތެރޭގައިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެހެން ނަމަވެސް، އިނގިރޭސިވިލާތް-ރާއްޖެ ގުޅިގެން ދެ ގައުމުގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީ އާއި ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް އެހީތެރިވުމަށް އިސްކަން ދެއްވާނޭ ކަމަށް ސަފީރު ފާހަގަކުރެއްވި އެވެ.
"މޫސުމީ ބަދަލުތަކުން ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކޮށް ސަލާމަތްތެރިކަން އިތުރުކުމަކީ ދެ ގައުމަށް އެކުގައި މަސައްކަތް ކުރެވޭނެ ދާއިރާތައް،" ނިކް ލޯ ވިދާޅުވި އެވެ.
ސަފީރުކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ފަހު ރައީސް މުހައްމަދު މުއިއްޒުއާ އެކު އިއްޔެ ބޭއްވި ބައްދަލުކޮށްލުމަކީ ވެސް ވަރަށް އުންމީދީ ބައްދަލުވުމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން އިތުރަށް ބަދަހިވެދާނެކަމުގެ ޔަގީންކަން ލިބިވަޑައިގަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ސަފީރުގެ ތައާރަފްވެލުމުގެ މަސެޖް ނިންމާލެއްވީ، ދިވެހިންނަށް "ޝުކުރިއްޔާ"އޭ ވިދާޅުވަމުންނެވެ.
މިދިޔަ ފަސް އަހަރު އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުކަން ކުރެއްވީ ކެރޮން ރޮސްލާ އެވެ. އޭނާ ވެސް ދިވެހިންނާ ގާތް ގުޅުމެއް ބާއްވައި ދިވެހި ސަގާފަތާއި ފަންނުވެރިކަމަށް އިސްކަން ދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ