ވާނުވާ މައްސަލަ ހައްލުކުރުމަށް ޕީޖީން ދެން މަޝްވަރާކުރާނީ ޖުޑިޝަރީއާ، ސަރުކާރަށް ހުށަހެޅުން އެއަށްފަހު

ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުން ނުވަތަ ވާނުވާ ޖެހުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބޭއްވި ބަންދު ފޯރަމުގައި މަޝްވަރާކުރި ކަންތައްތަކާ ގުޅޭ ގޮތުން ދެން ވާހަކަދައްކާނީ ޖުޑިޝަރީއާ ކަމަށާއި، ސަރުކާރަށް ހައްލުތައް ހުށަހަޅާނީ އެއަށްފަހު ޕީޖީ އޮފީހުން މިއަދު ބުނެފިއެވެ. ވާނުވާ ބަންދުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި ޕީޖީ އޮފީހުން ބަންދު ފޯރަމް ކުރިޔަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހެވެ. އެ ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޕީޖީ އަޙްމަދު މުޢިއްޒާއި ބަންޑާރަނާއިބު އަޙްމަދު އުޝާމާއި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު ޢަލީ ޝުޖާޢު ހިމެނެއެވެ. އެ ފޯރަމްގައި ބައިވެރިވި އިދާރާތަކަކީ: 1. ޕީޖީ އޮފީސް 2. އެޓާނީ ޖެނެރަލްގެ އޮފީސް 3. ދިވެހި ފުލުހުންގެ ޚިދުމަތް 4. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް 5. މޯލްޑިވްސް އިމިގްރޭޝަން 6. ހިއުމަން ރައިޓްސް ކޮމިޝަން ޕީޖީ އޮފީހުން ބުނި ގޮތުގައި އެ ފޯރަމްގައި ބައިވެރިވި އިދާރާތަކުން އިއްތިފާގުވަނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމުގައި މައްސަލައެއް ނެތް ކަމަށެވެ. ނަމަވެސް މައްސަލައަކީ ބަންދުކުރާ މީހުންގެ މައްސަލަތަކުގައި ޝަރީއަތުން ގޮތެއް ކަނޑަނޭޅި ދިގުލައިގެން ދިއުންކަމަށް އެއްބަސްވި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. ކޯޓުތަކުގައި ޖިނާއީ މައްސަލަތައް ކުރިއަށްގެންދިއުން އަވަސްކުރުމަށް ކޯޓުތަކަށް ފަހިކޮށްދީ އެހީތެރިވުމަށްޓަކައި، އިދާރާތަކަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބަންދު ފޯރަމްގައި ފުޅާދާއިރާއެއްގައި މަޝްވަރާ ކޮށްފައިވެއެވެ. އޭގެ ތެރޭގައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އިދާރާތަކުގައި ގާއިމުކޮށްފައިވާ ވީޑިއޯ ކޮންފަރެންސިން ސިސްޓަމްތައް އިތުރުކުރުމާއި، ކޯޓުތަކުގެ އަޑުއެހުންތައް އޮންލައިން ޝެޑިއުލިން ނިޒާމެއްގެ ތެރެއިން ކުރިއަށްގެންދިއުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ބަންދު ފޯރަމްގެ ފުރަތަމަ ބައި ކުރިއަށް ގެންގޮސްފައިވަނީ ޖުޑީޝަރީ ފިޔަވައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ އެހެން އިދާރާތަކާ އެކުގައެވެ. މި ފޯރަމުގައި ދެން އޮންނާނީ ޖުޑީޝަރީއާއެކު ކުރިއަށްގެންދާ ބައި ކަމަށް ޕީޖީން ބުނެއެވެ. އެ ގޮތުން މި ފޯރަމުގައި ހޯދުނު ހޯދުންތަކާއި، ހައްލުތައް ޖުޑީޝަރީއަށް ހުށަހަޅައި މަޝްވަރާކުރުމަށްފަހު، ޖުޑީޝަރީގެ ބައިވެރިވުމާއެކު އެކަންކަން ތަންފީޒު ކުރުމަށް ސަރުކާރަށާއި، ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ޕީޖީން ބުންޏެވެ. އަދި އެ ކަންކަން ތަންފީޒު ކުރަމުންދާ މިންވަރާމެދު ފާރަވެރިވަމުން ގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ. މި ފޯރަމް ބޭއްވި މަގުސަދަކީ ޝަރީއަތް ނިމެންދެން މީހުން ބަންދު ކުރުމުގެ ޝަރުތުތައް މުރާޖައާކޮށް މުތާލިއާ ކުރުމުގައި ގެންގުޅޭނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމުގައާއި، މި ނިޒާމު މިހާރަށްވުރެ ފުރިހަމަކޮށް، ކުށުގެ ތުހުމަތުކުރެވޭ މީހުންގެ ހައްގުތަކާއި މުޖުތަމައުގެ ހައްގުތައް ރައްކާތެރިކޮށް، އެއްހަމަކުރެވޭނެ ގޮތަށް މި ނިޒާމަށް އީޖާދީ އަދި އީޖާބީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފެށުމެވެ. އަދި ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭގޮތުން ވަކިވަކި އިދާރާތަކަށް ކުރިމަތިވާ މައްސަލަތައް ދެނެގަތުމެވެ. އަދި އެ ކަންކަމަށް އޮތް ހައްލު ހުރިހާ އިދާރާތައް ގުޅިގެން ދެނެގަތުމެވެ. ވާނުވާ ބަންދުގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން އެކަމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ މާޗު މަހު ރައީސް ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ