ގޯއްޗާއި އިމާރާތް ރަޖިސްޓްރީ ކުރާއިރު އައްޑޫ ކައުންސިލާއެކު އެއްބަސްވުމެއްގައި ސޮއިކުރަންޖެހޭގޮތަށް އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.
އައްޑޫސިޓީއިން ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތިތަކަށް ގޯތީގެ ރަޖިސްޓަރީ އާއި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެއްދެވުމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން ރަޖިސްޓްރޭޝަނަށް އެދިލައްވާއިރު އެފަރާތްތަކާއި އައްޑޫ ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް އެކުލަވާލުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ 29 ޖަނަވަރީ 2025 ވަނަ ދުވަހުން ފެށިގެން ގޯތި ރަޖިސްޓްރޭޝަނަށް އެދި ހުށަހަޅުއްވާ ފަރާތްތަކާއެކު މި އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުޙަލާ ކުރިއަށްދާނެ ކަމަށެވެ.
އެއްބަސްވުން އެކުލަވާލުމުގެ މަޤުޞަދަކީ، ހުރިހާ ފަރާތްތަކާ މެދު ހަމަހަމަ އުޞޫލެއްގެ ދަށުން ޢަމަލުކުރުމާއިއެކު، ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާ އެއްގޮތަށް ގޯތި ލިބިފައިވާ ފަރާތްތަކުން ޢަމަލުކުރައްވަމުން ގެންދަވާކަމާއި، އެފަރާތްތަކަށް ދިރިއުޅުމުގެ ބޭނުމަށް ދޫކޮށްފައިވާ ގޯތިތައް ސައުފުކުރައްވައި، ބެލެހެއްޓެވުމާއި، އިން ފާރު ރޭއްވެވުން ފަދަ ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަންލިބުމާއެކު މިފަދަ ކަންކަން ތަންފީޛުކުރުމަށް މަގުފަހިކުރުންކަން އައްޑޫސިޓީ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
އައްޑޫގެ ހުރިހާ އަވަށަކުންވެސް ދިރިއުޅުމަށް ދޫކޮށްފައިވާ ގިނަ ގޯތިތަކެއް ފަޅުވާން ދޫކުރުމަކީ އައްޑޫ ކައުންސިލުން އެކަމާމެދު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ޤާނޫނާ ގަވާއިދުގެ ތެރެއިން އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް މިހާރު ކައުންސިލުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމުން، އެއީ އިތުރު ހަރުފަތަކަށްވާނެ ކަމަށް އެ ކައުންސިލުން ބުންޏެވެ.
ބިމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި މިފަދައިން ގޯތީގެ ބޭނުން ނުހިފާ ދޫކޮށްފައިވާ ބންތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށާއި އެބިންތައް ސައުފުކުރައްވައި ބެލެހެއްޓުމާއެކު، އެބިންތަކުގައި ދިރިއުޅުން އާރާސްތުކުރެއްވުމަށް ލިބިފައިވާ ފުރުސަތު ނަގާ ނުލުމަށް ކައުންސިލުން އިލްތިމާސްކުރިއެވެ. އަދި މިފަދައިން ބޭނުން ނުހިފާ ދޫކޮށްލައްވާފައިވާ ގޯތިތައް ހުރުމަކީ ބޯހިޔާވަހިކަން ބޭނުންވެފައި ތިބި އެހެން ރައްޔިތުންނަށް ވެވޭ ބޭއިންސާފެއްކަމަށް ވެސް ބުންޏެވެ.
އައްޑޫސިޓީ ކައުންސިލުން ވަނީ މިފަދަ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާ ނިންމުންތައް ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ.
އައްޑޫ ކައުންސިލުން ދެން ގޯތި ރަޖިސްޓްރީ ކޮށްދޭނީ އެއްބަސްވުމެއްގައި ސޮއި ކުރުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ