ޅެންވެރީންގެ ހުށަހެޅުންތަކާ އެކު މަރިޔާދު ބާއްވައިފި

ޅެންވެރީންގެ ދުވަހަށް ޚާއްސަކޮށް، ދިވެހި ޅެންވެރީންގެ ތަފާތު ހުށަހެޅުންތަކާ އެކު 'މަރިޔާދު'ގެ ނަމުގައި ހަފުލާއެއް ބާއްވައިފިއެވެ. މާލެ ސިޓީ ކައުންސިލާއި ޅެންވެރީންނާއި ސްމައިލް އެންޓަޓައިމެންޓްގެ އިތުރުން އެސްއެސް ޓީވީއާއި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން ކުރިއަށްގެންދިޔަ މި މަރިޔާދު ބާއްވާފައި ވަނީ ރޭ އާޓިފިޝަލް ބީޗުގައެވެ. މަރިޔާދުގައި ދިވެހި ޅެންވެރީންނާއި ސްމައިލް އެންޓަޓައިމެންޓްއިން ތަފާތު ސަގާފީ ހުށަހެޅުންތަކެއް ދައްކުވައިދިނެވެ. ޅެންވެރީންގެ ހުށަހެޅުންތަކާ އެކު ބޭއްވި މަރިޔާދުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އޭގެތެރޭގައި ޅެމާއި ލަވަޔާއި ރައިވަރާއި ތަމްސީލެއް ވެސް ހުށަހަޅައިދީފައިވެއެވެ. މި މަރިޔާދުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްގެ އިތުރުން އެކެޑަމީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޅެންވެރީންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 15ވަނަ ދުވަހެވެ. މި އަހަރުގެ ޅެންވެރީންގެ ދުވަސް ޚާއްސަކޮށްފައި ވަނީ ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ ގައުމީ އިނާމު ހާސިލުކުރައްވައިފައިވާ ޢަބްދުﷲ ސާދިގު (ސޯދުބެ)އަށެވެ. ޅެންވެރީންގެ ހުށަހެޅުންތަކާ އެކު ބޭއްވި މަރިޔާދުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް ޅެންވެރީންގެ ދުވަހަކީ ދިވެހި ޅެންވެރިކަމުގެ ޝާޢިރުއްޝަބާބް، އަލްމަރުޙޫމު އިބްރާހީމް ޝިހާބުގެ ހަނދާނުގައި ސަރުކާރުން ރަސްމީކޮށް ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މައިގަނޑު މަގުސަދަކީ ދިވެހި ޅެންވެރީންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި ދިވެހި ޅެންވެރިކަމަށް ދިވެހީން ހޭލުންތެރިކުރުވައި ބަހުގެ އަދަބުގެ ލޯބި އާލާކޮށް ދިރުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ